ރަމަޟާން މަހު މުސްލިމެއްގެ ގޮތުގަ ހުންނަން މަސައްކަތްކޮށްފަ މަސްނިމުމުން ގިނަ ބައަކަށް އަންނަ ބަދަލަކީ ވަރަށް ނުރައްކާތެރި ބަދަލެއް!

އަހުރެމެންނަށް އޮތީ ވަކި މަހަކު ނުވަތަ ވަކި ދުވަހަކު މުސްލިމުންގެ ގޮތުގައި ތިބުމެއް ނޫނެވެ. ދެ ޢީދަށްޓަކާ ކަންކަންކުރާ ބައަކަށްވުމެއްވެސް ނޫނެވެ. ދިރިހުރި ކޮންމެ ދުވަހަކު ފުރިހަމަ މުސްލިމެއްގެ ގޮތުގައި ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. ފުރިހަމަ މުސްލިމަކަށްވެވޭނީ އެއިރުންނެވެ. 
މީސްތަކުންގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ގިނައީ ހުކުރު ދުވަހުގެ މުސްލިމުންނެވެ. އެހެނީ ގިނަބައަކަށް މިސްކިތް ފެންނަނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ! އެއީވެސް މުސްލިމުން ނޫން ކަމަށް ބުނަނީއެއް ނޫނެވެ. ޝަހާދަތް ކިޔައިގެން ހުރި މީހަކަށް ކާފިރެކެވެ ބުނާކަށް ނެތީމެވެ. ނަމަވެސް އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދުއެޅުންކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ.  
އެހެންކަމުން ނަމާދުނުކުރާ މީހާއަށް ޖެހޭނީ އިސްލާމްވާށެވެ! އެހެންކަމަށްވާއިރު ހަމައެކަނި ހުކުރު ދުވަހުގެ ހުކުރުނަމާދަށްދާ މީހުންނަކީ މުސްލިމުން ކަމަށްވާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެއިގެ އިތުރުން ކޮންމެ އަހަރަކު ދެދުވަހު ހަނދު ފެންނަ ބައަކު އުޅެއެވެ. އެއީ ދެ ޢީދު ދުވަހުގެ ޢީދުނަމާދަށް އެކަނިދާ މީހުންނެވެ. އެމީހުންނަކީ މުސްލިމުންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ފަރުޟު 5 ނަމާދު ޤާއިމުނުކުރާތީ އެމީހުން ތިބޭނީ ކާފިރުންގެ ފަޅީގައި ނޫންހެއްޔެވެ؟  
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހު ގިނަ ބައަކު ނަމާދުކުރީތީ އުފާކުރަމެވެ. ހަމައެއާއިއެކު ރަމަޟާން މަސް ނިމުމުންވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިނުވާނަމަ އެމީހާއަށް އެހުރެވެނީ މުސްލިމުންގެ ފަޅިއަކު ނޫނެވެ. އެހުރެވެނީ ކާފިރުންގެ ފަޅީގައެވެ. ސަބަބު މިބަޔާންކުރީއެވެ.  
ﷲ ތަޢާލާ ރަމަޟާން މަހަށް ޚާއްޞަކުރައްވައިގެން ބާވައިލެއްވެވި އެއްވެސް ފަރުޟު ނަމާދެއް ނެތެވެ. އޮތީ ސުންނަތް ނަމާދެކެވެ. އެއީ ޖަމާޢަތުގައި ކުރާ ތަރާވީޙް ނަމާދެވެ. ތަހައްޖުދް ނަމާދަކީވެސް ހަމަ އެހެން މަސްތަކުގައިވެސް ކުރަންޖެހޭ ކަމެކެވެ. ވީމާ ހަމައެކަނި ރަމަޟާން މަހު ފަރުޟު ނަމާދާއި ތަހައްޖުދް ނަމާދު ކޮށްލުމަކުން ނުފުދޭނެއެވެ. އެއީ މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތެއް ނޫނެވެ.  
ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމަށާއި މުސްލިމެއްގެ ގޮތުގައި މަޙްޝަރު ކުރެއްވެވުމަށް އެދޭމީހާ މިދެއްކި ވާހަކަކޮޅަށް ވިސްނައި ސަމާލުކަންދޭށެވެ. ސަމާލުކަން ދިނުމަކީ ޢަމަލުކުރުމެވެ. އިސްލާމް ދީނަކީ ޝަހާދަތްކިޔައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުގެ ދީނެވެ. ރަސޫލް ގެ ރަސޫލްކަން ޤަބޫލުކުރުމަސްފަހު ސުންނަތަށް ޢަމަލުކުރުމުގެ ދީނެވެ. ޢަމަލުނުކުރާނަމަ އެމީހާގެ ކިބައަކު އިސްލާމްކަމެއް ނެތެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ