ޔާމީނާއި ނަޝީދު ގެގް އޯޑަރާ ހިލާފުވުމާ ބެހޭ ސުވާލަށް ސަރުކާރުގެ ސީދާ ޖަވާބެއް ނެތް

ގިނަ އަދަދެއްގެ އާންމުންނާއި ކުރީ ރައިސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކްރިމިނަލް ކޯޓުން ގަނޑުކޮށް، ހުރިހާ ރައްޔިތުން އަމަލުކުރަން އަންގައި ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވަމުންދާއިރު ފިޔަވަޅު ނާޅާތީ އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.
ވީ ކިހިނެއް؟ - އަނގަ ބަންދުކުރަން ނެރެފައި އޮތް ކޯޓު އަމުރުގައި ދެއްކުން މަނާކޮށްފައިވާ ހުރިހާ ވާހަކަތަކެއް ކަހަލަ ގޮތަކަށް ޔާމީނާއި ނަޝީދު ވަނީ ޖަލްސާތަކާއި މުޒާހަރާތަކާއި ސޯޝަލް މީޑިއާގައި ދައްކަވާފަ އެވެ.
އޭގެ އިތުރަށް، އެ އަމުރާ ހިލާފުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް، އަޅުގަނޑު މި ހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށޭ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ވާހަކަތައް ދައްކައި އެ އަމުރާ ހިލާފުވަމުންނެވެ. ނަމަވެސް އެ އަމުރާ ހިލާފުވިކަމަށް ބުނެ، މިހާތަނަށް އަދަބު ދީފައިވަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކަށް އެކަންޏެވެ. އެގޮތުން:
'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން
'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔެގެން
ނަމަވެސް އޭގެ ފަހުން، މުޒާހަރާތަކާއި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އާންމުން އަންނަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލު ތަކުރާރު ކުރަމުންނެވެ.
ބުނީ ކީކޭ؟ - ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ގެ ނޫސްވެރިޔާ އޭނާއާ ކުރި އެއް ސުވާލަކީ ކުރީގެ ދެ ރައީސުންނާއި އެހާ ގިނަ އަދަދެއްގެ އާންމުން ވެސް ކޯޓު އަމުރާ ހިލާފުވަމުންދާއިރު، އެހާ ފުޅާ ދާއިރާއެއްގައި ނެރެފައި އޮތް އަމުރެއް ތަންފީޒު ކުރެވިދާނެތޯ އެވެ.
"އެފަދަ އަމުރެއް ތަންފީޒު ކުރެވިދާނެތޯ؟ މިހާތަނަށް ދެ ނޫސްވެރިޔަކު އެބަވޭ ހައްޔަރުކޮށްފައި. އެތައް ރައްޔިތުން އެ ދަނީ އެ އަމުރާ ހިލާފުވަމުން. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިލާފުވެއްޖެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިލާފުވެއްޖެ. ބައެއް [އިތުރު] ނޫސްވެރިން ހިލާފުވެއްޖެ. ދިވެހި ރައްޔިތުން އެބަ ހިލާފުވޭ،" ނޫސްވެރިޔާ ސުވާލުކުރި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ މި އަމުރުން ކޮން ވާހަކައެއް ކަމެއް ދެއްކޭނީ، ނުދެއްކޭނީ. 'އޭ، ބީ، ސީ، ޑީ'ގެ ވަކި އަކުރެއްތޯ، ވަކި ފަރުނީޗަރެއްތޯ، ކޮން ވާހަކައެއްތޯ ނުދެއްކެނީ. އެހާ ފުޅާ ދާއިރާއެއްގައި އޮތް އަމުރެއް އެގޮތަށް ތަންފީޒު ކުރެވޭނެތޯ."
ތަފްސީލު - މުޅި ސުވާލު ނުނިމެނީސް މެދުކަނޑާލުމަށް ފަހު ތަރުޖަމާނު ވިދާޅުވީ ސަރުކާރުން އެއީ ޖުޑިޝަރީއިން ކޮށްފައިވާ އަމުރަކަށް ވާތީ އެ "އަމުރު ތަންފީޒު ކުރެވޭތޯ ބަލާނަން" ކަމަށެވެ.
ބައެއް ގާނޫނީ ވަކީލުން ވެސް އެއީ މާ ފުޅާދާއިރާއެއްގައި ނެރެފައިވާ އަމުރެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ތަޖުޖަމާނު ވިދާޅުވީ އަމުރުތައް އަނބުރާ ގެންދިއުމަކީ އޮންނަ ކަމެއް ކަމަށާއި މި އަމުރާ ބެހޭ ގޮތުން ވެސް މަތީ މަރުހަލާގެ ކޯޓުތަކަށް ގޮސް އަނބުރާ ގެންދަން މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ބައެއް ބޭފުޅުންގެ ރައުޔަކީ، ތި ވިދާޅުވި ގޮތަށް އެ އަމުރު މާ ފުޅަލީއޭ، އަމުރު މާ ދިގީ އޭ. ނުވަތަ ސާފު ވެވަޑައިނުގަންނަވައޭ. ކުރެވޭނީ ކޮން ކަމެއް ކަމާއި ނުކުރެވެނީ ކޮން ކަމެއް ކަން. ސާފުކުރައްވަންވީ އިދާރާއަކީ އެއީއޭ (ޝަރުއީ ދާއިރާ). ސަރުކާރެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ދެ ރައީސުން އެ އަމުރާ ހިލާފުވުމާ ބެހޭގޮތުން ވެސް ތަރުޖަމާނު ތަކުރާރު ކުރެއްވީ އެ ވާހަކަ އެވެ.
"ތިޔަ ބޭފުޅުން (ނޫސްވެރިން) ނުވަތަ ސިޔާސީ ބައެއް ވެރިން ވިޔަސް އެ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއްޗަކާއި ވިދާޅުނުވެވޭނެ އެއްޗަކާ ސާފުވެވަޑައި ނުގަންނަވާ ކަމަށް ވަންޏާ ވަޑައިގަންނަވަންވީ. އަޅުގަނޑަށް ހަމަގައިމު ވެސް ސާފުވެއްޖެ އަޅުގަނޑަށް ނުދެއްކޭނެ ވާހަކަ." މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ.
މަނާވަނީ ކޮން އަކުރެއް ކަމާއި ކޮން ފަރުނީޗަރެއްގެ ވާހަކަކަން ސާފުނުވުމާ ބެހޭގޮތުން ތަރުޖަމާނު ވިދާޅުވީ "ގޭގައި ލާ ކުލަޔާއި ފަރުނީޗަރުގެ ވާހަކަ އެއްސެވީމަ، 'ދެޓްސް ނޮޓް އަ ކުއެޝަން' (ތިއީ ސުވާލެއް ނޫން)" ކަމަށެވެ.
ގުޅުންހުރި - ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރު ބާތިލްކޮށްދިނުމަށް އެދި، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށް، ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ