އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް އިސްރާއީލީ އޮފިޝަލުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފައެވެ.
މި އަމުރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.
ހުކުރު ދުވަހު އިސްތަންބުލް ޕްރޮސެކިއުޓަރގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖުމްލަ 37 މީހެއްގެ މައްޗަށް މި އަމުރުތައް ނެރެފައިވެއެވެ. މި ލިސްޓުގައި ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް، ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގެވިރް އަދި ސިފައިންގެ އެންމެ އިސްވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރް ހިމެނެއެވެ. ތުރުކީން މި އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޣައްޒާގައި "ނަސްލު ނައްތާލުން އަދި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ސިސްޓަމެޓިކްކޮށް" ހިންގަމުން ގެންދިއުމެވެ.
ތުރުކީގެ ޕްރޮސެކިއުޓަރުން ފާހަގަކުރެއްވި ކުށްތަކުގެ ތެރޭގައި އެތައް ހާދިސާއެއް ހިމެނެއެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރުވުން ހިމެނެއެވެ. އަދި ޣައްޒާ ބްލޮކޭޑްގެ ދަށަށް ގެނެސް، އިންސާނީ އެހީތެރިކަން ލިބުން ހުއްޓުވާލުން ވެސް ހިމެނެއެވެ. މީގެ އިތުރުން، ތުރުކީން ޣައްޒާގައި އިމާރާތްކޮށްފައިވާ "ޓަރކިޝް-ޕެލެސްޓީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާރޗް މަހު އިސްރާއީލުން ބޮމުން ހަމަލާދިންކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފިޔަވަޅަށް އައި ރައްދުތައް: އިސްރާއީލުން ކުށްވެރިކުރިއިރު، ޙަމާސްއިން މަރުޙަބާ ކިޔައިފި
އިސްރާއީލުން ވަނީ ތުރުކީގެ މި ފިޔަވަޅު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް ވަނީ އެކްސްގައި ޕޯސްޓްކޮށް ބުނެފައި ވަނީ މިއީ "ޕަބްލިކް ރިލޭޝަންސް ސްޓަންޓެއް" ކަމަށް ސިފަކޮށްފައެވެ.
"ޓައިރަންޓް [ޕްރެޒިޑެންޓް ރެސެޕް ޓައިޕް] އުރްދޮޣާންގެ އެންމެ ފަހުގެ ޕީއާރް ސްޓަންޓާ ނުރުހުމާއެކު އިސްރާއީލުން ވަރަށް ބޮޑަށް ދެކޮޅުހަދަން." އޭނާ ބުނެފަވެއެވެ.
ތުރުކީގެ މި އަމުރަށް ފަލަސްޠީނުގެ ޖަމާޢަތް ޙަމާސްއިން ވަނީ މަރުޙަބާ ކިޔާފައެވެ. ޙަމާސްއިން ބުނެފައިވަނީ މިއީ "ފަޚުރުވެރިވާންޖެހޭ ފިޔަވަޅެއް" ކަމަށާއި، މިއީ ތުރުކީގެ ރައްޔިތުންނާއި ލީޑަރުންގެ ތެދުވެރި މަޤާމު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ އަނިޔާ ލިބެމުންދާ ފަލަސްޠީނު ރައްޔިތުންނާ ގުޅުވައިދޭ ޢަދުލުވެރިކަމާއި، އިންސާނިއްޔަތުކަމާއި އަދި އުޚުއްވަތްތެރިކަމުގެ އަގުތަކަށް އެމީހުން ދޭ އިޙްތިރާމުގެ ހެއްކެއް ކަމަށް ވެސް ޙަމާސްއިން ބުނެފައިވެއެވެ.
ތުރުކީން މި ފިޔަވަޅު އަޅާފައި މިވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް "ހަނގުރާމައިގެ ކުށްތަކުގެ" ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރު ނެރުނުތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. މީގެ އިތުރުން، ތުރުކީއިން ވަނީ ޔުނައިޓެޑް ނޭޝަންސްގެ ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައިސީީޖޭ) ގައި ސައުތު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ނަސްލީ މަރުގެރުމުގެ ތުހުމަތު ކުރުމުގެ މައްސަލައަށް ތާއީދުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 68,875 ފަލަސްޠީން ރައްޔިތުން ޝަހީދުވެ، 170,679 މީހުން ޒަޚަމްވެފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ނަތަންޔާހޫ އާއި އިސްރާއީލުގެ 36 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ