ކަޕޫރު އާއިލާގެ މެމްބަރުން ގެނެސްދޭ ޝޯ މި މަހު ނެޓްފްލިކްސްއަށް

އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރު ޚާންދާންގެ ގިނަ މެމްބަރުންނާ އެކު ގެނެސްދޭ ރިއަލިޓީ ޝޯ "ޑައިނިންގް ވިތު ދަ ކަޕޫރްސް" މި މަހު ގެނެސްދޭނެކަން ނެޓްފްލިކްސްއިން އިއުލާނުކޮށްފިއެވެ. ކަޕޫރު ޚާންދާންގެ ހުރިހާ މެމްބަރުންގެ ވެސް ބައިވެރިވުން އޮންނާނެ މި ޝޯއިން ފެންނާނެ މުހިއްމު މީހުންގެތެރޭ ފިލްމީ ތަރިން ކަމަށްވާ ރަންބީރު ކަޕޫރު، ކަރީނާ ކަޕޫރު ޚާން، ކަރިސްމާ ކަޕޫރު، ނީތޫ ކަޕޫރު، ރިދިމާ ކަޕޫރުގެ އިތުރުން ކަރީނާ އާއި ކަރިސްމާގެ ބައްޕަ ރަންދީރު ކަޕޫރު އާއި އެ ތަރިންގެ ބޮޑު ދައިތަ ރީމާ ކަޕޫރު ހިމެނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އިއުލާނުކުރި "ޑައިނިންގް ވިތު ދަ ކަޕޫރްސް"ގައި އެ އާއިލާގެ މެމްބަރުންގެ މެދުގައި އެކި ކަހަލަ ކެއުންތަކަށް އިންސާފު ކުރުމަށް އޮންނަ ފޯރިއާ އެކު ކެއުންތައް ތައްޔާރު ކުރުމުގައި ކުރެވެމުންދާ މަސައްކަތްތައް ވަރަށް މަޖާ މާހައުލެއްގައި ގެނެސްދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަޕޫރު އާއިލާގެ މެމްބަރުން އެކީގައި ކެއުމަކަށް އިންސާފު ކުރަނީ--ފޮޓޯ/ޕިންކްވިލާ މިއީ އެ އާއިލާގެ ގިނަ މެމްބަރުންތަކެއް އެއްތަންވެ މަސައްކަތްކުރާނެ ޝޯއަކަށް ވުމުން ކުޑައިރުންފެށިގެން އެކީގައި ބޮޑުވަމުން އައިއިރު އެކަކު އަނެކަކަށް ދިމާވެފައިވާ ހެއްވާ ހާދިސާތަކާ އެކު މިހާރު ދުނިޔެ ދޫކޮށްފައިވާ އެ އާއިލާގެ މެމްބަރުންނާ އެކު ހޭދަކުރެވުނު ދުވަސްތަކާއި ތަޖުރިބާތަކުގެ ހަނދާންތައް ވެސް އާކުރެވޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. މި ޝޯ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރުމާން ޖެއިން (ރީމާގެ ދަރިފުޅު) ބުނީ، އެއީ އޭނާގެ ދިރިއުޅުމުގައި މަސައްކަތްކުރާ އެންމެ މުހިއްމު އަދި އެހާމެ ޖަޒުބާތީ ޝޯއެއް ކަމަށެވެ. އެ އާއިލާއަކީ އަބަދުވެސް ކެއުމުގެ ކަންކަމުގައި ވަރަށް ފޯރިއާ އެކު މަސައްކަތްކުރާ ބަޔަކަށް ވުމުން ކެއުންތައް ތައްޔާރުކޮށް އާއިލާގެ ހުރިހާ މެމްބަރުންނަށް ދައުވަތުދީ އެއްތަންވެ ކެއުމަކީ ވަރަށް ކުރީއްސުރެ އެ ޚާންދާންތެރޭ އޮންނަ ސަގާފަތެއް ކަމަށް އަރުމާން ވަނީ ބުނެފައެވެ. ސްމްރިތީ މަންދްރާ ޑައިރެކްޓްކޮށް ނެޓްފްލިކްސްއިން ގެނެސްދޭ މި ޝޯ ޕްރީމިއާ ކުރާނީ މި މަހުގެ 21ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ