ގައުމުގެ އިގްތިސޯދީ ތަރައްގީއަށްޓަކައި ވަރުގަދަ އަސްކަރިއްޔާއެއް އޮތުން ލާޒިމް: ރައީސް

ދިވެހިރާއްޖެއަކީ އިގްތިސޯދީ ގޮތުން ވަރުގަދަ އަދި ތަރައްގީ ހާސިލްކުރެވޭ ގައުމެއްގެ ގޮތުގައި އޮތުމަށް އަސްކަރީ ވަރުގަދަ ބާރެއް އޮތުން ކޮންމެހެން ލާޒިމް ކަމަށާއި، ރާއްޖެއަށް ތަރައްގީގެ އިންވެސްޓްމެންޓްތައް އަންނާނީ އޭރުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫ ގަމުގައި އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ސިފައިންގެ ގާބިލިއްޔަތުކަން ހުރިހާ ދާއިރާއަކުންވެސް އިތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ޔަގީންކޮށް ކަށަވަރުކުރުމުގެ ހުރިހާ މާނައެއްގައި ސިފައިން ވަރުގަދަކޮށް ތަރައްގީކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ބާރު ވަރުގަދަކޮށް ތަރައްގީކުރުމަކީ ދިވެހީންގެ އުންމީދެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، ސިފައިން ވަރުގަދަކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އެއާ ކޯއަށާއި، ކޯސްޓްގާޑުގެ އިތުރުން ސިފައިންގެ އެއްގަމުގެ ބާރަށް ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިފައިންގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވިގެން ދިއުމަކީ މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ގަމުގައި ގާއިމްކުރި އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވައިދެއްވައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް ޒަމާނީ ވަސީލަތްތަކުގެ އިތުރުން އިންސާނީ ތަރައްގީއަށް ސިފައިންނަށް ކޮށްދޭންޖެހޭ މަސައްކަތްތައް ސަރުކާރުން ފަށައި، އެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ފައިދާވާނީ ދިވެހީންނަށާއި މުޅި ގައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިގްތިސޯދީގޮތުން މި ގައުމަކީ ރެސިލިއެންޓް ތަރައްގީ ހާސިލްކުރެވޭ ވަރުގަދަ ގައުމަކަށް ވެގެން ދިޔުމުގައި ވެސް ވަރުގަދަ މިލިޓަރީ ބާރެއް މި ގައުމުގައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ ސޭފް ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ،ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ވިދާޅުވީ، އަސްކަރީ ގާބިލިއްޔަތު އިތުރުވާ ވަރަކުން ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުން ލިބި އިންވެސްޓަރުންވެސް އިތުރުވާނެ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެ އިގްތިސޯދީ ގޮތުން ހުޅުވާލުމަށްޓަކައި ކުރާ މަސައްކަތުގައި އަސްކަރީ ބާރު ވަރުގަދަވެފައި އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ، މިއަދު ހުޅުވި އެއާ ސްޓޭޝަންގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި، ގިރިފުށްޓާއި މާފިލާފުށީގެ ވަސީލަތްތައްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހި ސިފައިންނަކީ ޓެކްނޮލޮޖީގެ ތަރައްގީ ލިބި، ގައުމު ހިމާޔަތްކުރަންޖެހޭ ދަނޑިވަޅުގައި އެކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތު ލިބިފައިވާ ބާރަކަށް ހެދުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަނީ އެކަމުގެ ސަބަބުން ދިވެހީންގެ މުސްތަގުބަލަށް ފައިދާވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާތީއެވެ. "އިރާދަކުރެއްވިއްޔާ މިކަންކަން ކާމިޔާބުވެގެން ދިއުން ވެގެން ދާނީ މިގައުމު މިނިވަން، މުސްތަގިއްލު ތަރައްގީ ހާސިލްވަމުންދާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް މި ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް،" ރައީސް ވިދާޅުވިއެވެ. "2040ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި މިގައުމު ގުނާލެވޭނީ ހަމަ ޔަގީނުން ވެސް މި ގައުމުގައި ހުރިހާ ދާއިރާއަކުން ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން،" އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ