2.4 ކިލޯމީޓަރުގެ ބީޗަކާއެކު އޮތް ހިތަދޫ ޓޫރިޒަމް ޒޯން މުއިއްޒު އަތުލައިފި 2.4 ކިލޯމީޓަރުގެ ބީޗަކާއެކު އޮތް ހިތަދޫ ޓޫރިޒަމް ޒޯން މުއިއްޒު އަތުލައިފި

ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބޮޑު ބިން ރައީސް މުހައްމަދު މުއިއްޒު، ދުރާލާ އެއްވެސް އެންގުމެއް ނެތި ވަރަށް ހުދުމުހުތާރު ގޮތެއްގައި އަތުލައިފި އެވެ.
ހިތަދޫ ޕޫޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް އެ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި އެ އަތޮޅުގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި ބިމެކެވެ. އައްޑޫ ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލި ލޭންޑު ޔޫސް ޕްލޭންގައި އެ ސަރަހައްދު ހާއްސަކޮށްފައި އޮތީ ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރުމަށެވެ.
ނަމަވެސް އެ ބިން ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީ އިއްޔެ އައްޑޫ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވި އެވެ. ފިނޭންސް މިނިސްޓްރީން އެފަދަ ސިޓީއެއް ފޮނުވީ، އެގޮތަށް އެކަން ކުރަން ރައީސް އޮފީހުން އަންގާފައި އޮތުމުން ކަމަށް، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން އިބްރާހިމް ޝިނާޒު "އަދަދު" ނޫހަށް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ބިން ފޭރުން. މިކަމާ ދެކޮޅަށް އަޅުގަނޑުމެން ޕްރޮޓެސްޓުކުރާނަން،" ޝިނާޒު ވިދާޅުވި އެވެ.
"މިއީ ރަށެއްގެ ބިން ސަރުކާރުން މިފަދަ ގޮތަށް އަތުލި ފުރަތަމަ ފަހަރު. މިފަދަ ކަންކަން ކުރަން ވެގެން ލާމަރުކަޒީ ގާނޫނު ބަދަލުކުރީ."
ހިތަދޫގައި ޓޫރިޒަމް ތަރައްގީކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މަންފާ ހޯދައިދޭން ކައުންސިލުން ކަނޑައަޅާފައި އޮތް ބިން އަތުލިއިރު، ސަރުކާރާ މިހާރު ވެސް ހަވާލުކޮށްފައިވާ ހަންކެޑެ އަދި ހިއްކި ރަށްތަކުގައި ޓޫރިޒަމް ތަރައްގީކުރުމުގެ އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށް ޝިނާޒު ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނަށް ރައީސް މުއިއްޒު ހެވެއް އެދިވަޑައިގަންނަވާނަމަ ހަންކެޑެ އާއި ހިއްކި ރަށްތައް ތަރައްގީކުރުން މާ ރަނގަޅު. އަދި ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 74 ބިން ތަރައްގީކުރެވޭނެ މަގު ފަހިކޮށް ދިނިއްޔާ މާ ރަނގަޅު،" ޝިނާޒު ވިދާޅުވި އެވެ.
"އައްޑޫ ތަރައްގީ އަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދީ، ރައްޔިތުންގެ ބިންތައް މިގޮތަށް ފޭރިގަތީމަ ލަދު ގަންނަންޖެހޭ މުއިއްޒު."
ސަރުކާރުގެ ވިސްނުމަކީ ޝިނާޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިންތައް ބަހާލުމެވެ.
"އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ހިޅުދޫ އާއި މީދޫ ވަކިވެ، ވަކިން ދެ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު ލިބުމާއެކު ރަށު ކައުންސިލް އުފައްދަން ވަނީ ނިންމައިފަ އެވެ. ހިޔާލު ހޯދުމުގެ އެ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 50 ޕަސެންޓު ވެސް ބައިވެރި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ