އައްޑޫ ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ރައީސަށް ދައްކާލައިފި

މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމަށް ޓަކައި ވަމުންދާ ތައްޔާރީތައް، ޝަންގްރިއްލާއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދައްކާލައިފިއެވެ. އިއްޔެއާއި މިއަދު ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ މައި އަވަށް ހިތަދުއަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ، އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ގަމުން ޝަންގްރިއްލާއަށް ވަޑައިގެންފައެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ބައެއް މެންބަރުން މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެގޮތުން ރިސޯޓު ހުޅުވުމަށް ޓަކައި މިހާރު ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ޝަންގްރިއްލާ ކުންފުނީގެ މެނޭޖްމަންޓުން ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ސަރުކާރާ ހިއްސާކުރި ކަމަށެވެ. އެގޮތުން ރިސޯޓުގެ ވޯޓާ ވިލާތަކާއި ރެސްޓޯރަންޓްތަކާއި ޑެކިން ރަނގަޅުކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތް، ޝަންގްރިއްލާ ވިލިނގިލި ރިސޯޓުން ރައީސްގެ ވަފުދާ ހިއްސާކުރި ކަމަށް، ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ 16 އަހަރުކުރިން އައްޑޫގައި ހުޅުވި އެ ސިޓީގެ އެންމެ ފުރަތަމަ ރިސޯޓުކަމަށްވާ ޝަންގްރިއްލާ ވިލިނގިލި މަރާމާތަށް ބަންދުކުރީ 2020ވަނަ އަހަރު، މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރުނު ފަހުންނެވެ. އެ ފަހުން އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ފާއިތުވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން އަންނަ މަހުގެ 31ވަނަ ދުވަހު އެ ރިސޯޓު ހުޅުވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިމުނުކޮޅު ވިދާޅުވެފައިވެއެވެ. ޝަންގްރިއްލާއިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ރިސޯޓަށް މިއަހަރުގެ ފަހު ދުވަހުން ފެށިގެން ރަސްމީކޮށް ގެސްޓުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ