ޓޫރިޒަމް ފުޅާކުރަން އައްޑޫ ހިތަދޫގައި މިދިޔަ އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ސަރަހައްދު މި ސަރުކާރުން އަތުލީ އެ އަތޮޅުގެ ތަރައްގީއަށް ހުރަސް އެޅުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެއީ ޓޫރިޒަމް ފުޅާކުރަން ހިތަދޫ ބަނދަރުން ފެށިގެން ހަންކެޑެއާ ހަމައަށް އެ އެމްޑީޕީ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.
އެ ބިން އަތުލީ، ފިނޭންސް މިނިސްޓްރީން އިއްޔެ އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ފިނޭންސުން އެންގީ، އެ ސަރަހައްދު ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރުމަށެވެ.
ބުނީ ކީކޭ؟ - އެކަމަށް ފާޑުވިދާޅުވަމުން ފައްޔާޒު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އެ ބިން އަތުލީ އަމިއްލަ ފައިމައްޗަށް ތެދުވަން އައްޑޫން ކުރަމުން އަންނަ މަސައްކަތްތައް އެއްކޮށް ހުއްޓުވާލަން ކަމަށެވެ.
"ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެ ފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ، ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެކަމަށް ހުރަސް އެޅުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
"އައްޑޫގެ ތަރައްގީއަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ. ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް، ބާކީކޮށްލުން."
ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އަތުލާ އައްޑޫ ޓޫރިޒަމްގެ ބިންތައް އެމްޑީޕީގެ ސަރުކާރެއްގައި އަލުން ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.
އެނގުން މުހިންމު - އައްޑޫ ބިން ހިއްކަން އެމްޑީޕީގެ ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 194.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެއީ:
ހިތަދޫގެ ދެ ސަރަހައްދަކުން ޖުމްލަ 94 ހެކްޓަރު
މަރަދޫ އަދި މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން
ފަޅުތެރެއިން ރިސޯޓް ހަދަން މުޅިން އަލަށް ފަސް ރަށް ވެސް ހިއްކި؛ އެއީ 8.3 ހެކްޓަރުގެ ބިން
އެމްޑީޕީގެ ސަރުކާރުން އޭރު ބުނި ގޮތުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ އެކު ކުރިއަށް އޮތް 50 އަހަރަށް އެ އަތޮޅުގެ ބިމުގެ މައްސަލަ ހައްލުވާނެ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރުކާރުން އަތުލީ ތަރައްގީއަށް ހުރަސްއަޅަން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ