ވައުދުވީ ފަސް ހަފުތާ ތެރޭ ވިޔަފާރިވެރިންނަށް ފައިސާ ދޭން ފަށަން ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި ވައުދުވީ ފަސް ހަފުތާ ތެރޭ ވިޔަފާރިވެރިންނަށް ފައިސާ ދޭން ފަށަން ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި

އޮކްޓޯބަރު 2، ގައި ކުރެއްވި ޕޯސްޓެއްގައި ވައުދުވީ ވިޔަފާރިވެރިންނަށް ނުދެވި ހުރި ފައިސާ ފަސް ހަފުތާ ތެރޭ ދޭން ފަށަން ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ބޮޑު ދޮގެއް ހައްދަވައިފި އެވެ.
އިދިކޮޅުން ޖެހިގެން އައި ދުވަހު މާލޭގައި ކުރި ބޮޑު މުޒާހަރާއާއި ދިމާކޮށް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، އެ ދުވަހުން ފެށިގެން ފަސް ހަފުތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ.
"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގުތިސޯދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ފައިސާ ދައްކަނީ ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ހުރި ބިލު ތަކަށް ކަމަށް ވިދާޅުވެ އެކްސްގައި މުއިއްޒު ލިޔުއްވާފައިވެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ނޫނީ މާދަމާގެ ނިޔަލަށް އެ ފައިސާ ދޫކުރެވޭކަށް ނެތެވެ. އެ ފައިސާ ޗާޕު ނުކުރެވިގެން އުޅެނީ ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރި ޝަރުތުތަކުގެ ސަބަބުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ.
ފައިސާ ނުދެއްކޭނެކަން ކަށަވަރުވުމުން ރާގު ބަދަލުކުރައްވާ މުއިއްޒު މިރޭ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަވާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ދުވަހު ޕޯސްޓުގައި ވިދާޅުވީ ފަސް ހަފުތާ ވުމުގެ ކުރިން ފައިސާ ދޫކުރަން ފަށާނެ ކަމަށް ކަމަށެވެ. އެކަން އިއްޔެ ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރީ ސަރުކާރުން ނުދީ ފުނިޖައްސާފަ ހުރި ބިލުތަކަށް ފައިސާ ދައްކައިދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. ފަސް ހަފުތާ ވުމުގެ ކުރިން ފަށާނަމޭ. އިއްޔެގަ އެ މަސައްކަތް އެ ވަނީ ފަށާފަ. މިހާރު އެ ދަނީ ބިލުތަކަށް ޕޭ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.
ފައިސާ ޖަމާވީމާ، ކުންފުނިތަކަށް އެކަން އެނގޭނެ ކަމަށާއި މި މަސް ނިމުމުގެ ކުރިން ނުދެއްކި ހުރި ހުރިހާ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ މިކަމަށް ހަތަރުވަނަ ތާރީހެއް ދެއްވާފަ އެވެ.
މިފަދައިން ވިދާޅުވެ މުއިއްޒު ދޮގު ހެއްދެވި ނަމަވެސް، މާދަމާގެ ކުރިން ފައިސާ ދައްކާ ނިންމާނެ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު އަދި ވެސް ފެންނާން އެބަހުއްޓެވެ.
އޭގެ ފަހުން ރަށްރަށަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އަދި އެ ވާހަކަތަކުގެ ލިޔުން ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވެނީ ކުންފުނިތަކުގެ ބިލުތައް އަދާކުރަނީ ފައިސާ ޗާޕުނުކޮށް ކަމަށް ވިދާޅުވެ ލ. ފޮނަދޫގައި ދެއްކެވި ވާހަކަ އެވެ. އެ ރޭގެ ޖަލްސާގައި ވެސް މުއިއްޒު ވިދާޅުވީ ފަސް ހަފުތާގެ ތެރޭ ފައިސާ ދައްކާ ނިމޭނެ ކަމަށެވެ.
"ކުރިއަށްދިޔަ ހުރިހާ މަސައްކަތެއްގެ ހުރިހާ ފައިސާއެއް، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި އަޅުގަނޑުމެން ދައްކައި ނިންމާނަމޭ. ފަސް ހަފްތާތެރޭގައި. އޭގެތެރެއިން މިހާރު ބާކީ އޮންނާނީ ކުޑަ ދުވަސްކޮޅެއް. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް މިގެންދަނީ ކުރަމުން،" އޮކްޓޯބަރު 20، ގައި މުއިއްޒު ވިދާޅުވި އެވެ.
މި ބިލުތަކުގެ ޖުމްލަ އަދަދަކީ ދެ ބިލިއަނެއްހާ ރުފިޔާ ކަމަށް މުއިއްޒު އެ ރޭ ފޮނަދޫގައި ހުންނަވާ ވިދާޅުވި އެވެ. އެކަމުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ނޮވެމްބަރު، 2024 ގެ ކުރިން ދީ ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެ ވައުދު އެމަނިކުފާނު ނުފުއްދަވަ އެވެ. އޭގެފަހުން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ރޯދަ މަހުގެ ކުރިން ދޫކުރާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ފަހަރުވެސް އެ ވައުދު ފުއްދަވައިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ