ރައީސް މުހައްމަދު މުއިއްޒު ހުދުމުހުތާރު ގޮތެއްގައި އަތުލި ހިތަދޫ ޓޫރިޒަމް ޒޯނުގެ ބިން، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކުރިން އިކޮނޮމިކް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު މުއިއްޒުގެ ސަރުކާރުން އަތުލީ އަމިއްލަ ފައި މައްޗަށް ތެދުވުމަށް އައްޑޫ ސިޓީއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް" ކަމަށެވެ.
ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ، ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް ބާކީކޮށްލުން. އެމްޑީޕީގެ ސަރުކާރެއްގައި މި ސަރުކާރުން އަތުލާ އައްޑޫގެ ޓޫރިޒަމް ބިންތައް ސިޓީ ކައުންސިލާ އަލުން ހަވާލުކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
މުއިއްޒު އަތުލީ ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބިމެވެ.
ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް އެ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި އެ އަތޮޅުގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި ބިމެކެވެ. އައްޑޫ ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލި ލޭންޑު ޔޫސް ޕްލޭންގައި އެ ސަރަހައްދު ހާއްސަކޮށްފައި އޮތީ ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރުމަށެވެ.
ހިތަދޫގައި ޓޫރިޒަމް ތަރައްގީކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް މަންފާ ހޯދައިދޭން ކައުންސިލުން ކަނޑައަޅާފައި އޮތް ބިން އަތުލިއިރު، ސަރުކާރާ މިހާރު ވެސް ހަވާލުކޮށްފައިވާ ހަންކެޑެ އަދި ހިއްކި ރަށްތަކުގައި ޓޫރިޒަމް ތަރައްގީކުރުމުގެ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ.
މުއިއްޒު އަތުލި ހިތަދޫ ޓޫރިޒަމް ޒޯން ކައުންސިލަށް އަލުން ހޯދައި ދޭނަން: ފައްޔާޒު މުއިއްޒު އަތުލި ހިތަދޫ ޓޫރިޒަމް ޒޯން ކައުންސިލަށް އަލުން ހޯދައި ދޭނަން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ