ސެމްސަންގެ ގެލެކްސީ އެކްސްއާރު ހެޑްސެޓް އިތުރު ޤައުމުތަކަށް!
ސެމްސަންގުން އެކުންފުނީގެ އެންމެ ފަހުގެ އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) ހެޑްސެޓް، 'ގެލެކްސީ އެކްސްއާރު'، 2026 ވަނަ އަހަރު ދުނިޔޭގެ އިތުރު ބާޒާރުތަކަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ޑިވައިސްއަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ހޯދާފައިވާ އެޕަލް ވިޝަން ޕްރޯ އާއި މެޓާ ކުއެސްޓް ޕްރޯ ފަދަ ޑިވައިސްތަކާ ސީދާ ވާދަކުރުމަށް އަމާޒުކޮށްގެން ނެރޭ އުފެއްދުމެކެވެ. https://sun.mv/213088 މިދިޔަ މަހު ބޭއްވި ގެލެކްސީ އަންޕެކްޑް އިވެންޓުގައި ތަޢާރަފްކުރި މި ހެޑްސެޓް، ފުރަތަމަ ފަހަރަށް ލިބެން ހުރީ ހަމައެކަނި ދެކުނު ކޮރެއާ އާއި އެމެރިކާގެ ބާޒާރުގައެވެ. ނަމަވެސް، ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ޔޫރަޕްގެ ޤައުމުތައް ކަމަށްވާ ޖަރުމަނުވިލާތާއި ފްރާންސަށާއި، އަދި ކެނެޑާ އާއި ޔޫކޭ ފަދަ ބޮޑެތި މާކެޓްތަކަށް މި ޑިވައިސް ނެރުމަށް ސެމްސަންގުން އަންނަނީ ރާވަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މި ލިސްޓަށް އިތުރު ޤައުމުތައް ހިމެނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ. ދުނިޔޭގެ ބާޒާރުތަކަށް މި ޑިވައިސް ފުޅާކުރުމަށް ސެމްސަންގުން މި ގެންގުޅެނީ ވަރަށް ރަނގަޅަށް ރާވާފައިވާ ސްޓްރެޓެޖީއެކެވެ. އެގޮތުން، ފުރަތަމަ ނެރުނު މައިގަނޑު މާކެޓްތަކުގައި ޑިވައިސްއަށް އޮތް ޑިމާންޑާއި އޭގެ ޕާފޯމަންސް ވަޒަންކުރުމަށްފަހު، އަދި އެކްސްއާރް ޓެކްނޮލޮޖީއަށް ހާއްސަ އެޕްލިކޭޝަންތަކާއި ތަޖުރިބާތައް އިތުރުވެ، އީކޯސިސްޓަމް ފުޅާވުމުން، ދުނިޔޭގެ އެހެން ޤައުމުތަކަށް ޑިވައިސް ނެރުމަކީ އެކުންފުނީގެ އަމާޒެވެ. ގެލެކްސީ އެކްސްއާރު ހެޑްސެޓްގެ ފާހަގަކޮށްލެވޭ ސިފަތަކަށް ބަލާއިރު، މިއީ ވަރުގަދަ ސްނެޕްޑްރެގަން އެކްސްއާރް2+ ޖެން 2 ޗިޕްސެޓެއްގެ ބާރުގައި މަސައްކަތްކުރާ ޑިވައިސްއެކެވެ. މީގެ އޮޕަރޭޓިން ސިސްޓަމަކީ ގޫގުލްއިން ހާއްސަކޮށްފައިވާ އެންޑްރޮއިޑް އެކްސްއާރު ޕްލެޓްފޯމެވެ. އަދި ޔޫޒަރުންނަށް ފެންނަ މަންޒަރުތައް ދައްކުވައިދިނުމަށް ވަރަށް ސާފު، މަތީ ފެންވަރުގެ މައިކްރޯ-އޯލެޑް ޑިސްޕްލޭތަކެއް ބޭނުންކޮށްފައިވެއެވެ. މި ހެޑްސެޓް މެދުވެރިކޮށް ވާޗުއަލް ރިއަލިޓީ (ވީއާރު) އަދި އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) ގެ ތަޖުރިބާތައްވެސް ލިބިގަނެވޭނެއެވެ. މި ޒަމާނުގެ ޓެކްނޮލޮޖީއާ އެއްގޮތަށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފީޗާތައްވެސް މި ޑިވައިސްގައި ހިމަނާފައިވެއެވެ. ގޫގުލް ޖެމިނައިގެ އެހީތެރިކަމާއެކު، ޔޫޒަރާ ވާހަކަ ދައްކައި، ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން، ޑިވައިސްއަށް ފެންނަ ޑިޖިޓަލް އަދި ފިޒިކަލް މާހައުލު ދެނެގަނެ، އެއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ. ޑިވައިސް ކޮންޓްރޯލްކުރުމަށް ލޮލާއި، އަތާއި، އަޑުގެ ބޭނުންކުރުމުގެ ފަސޭހަ އިންތިޒާމުތައްވެސް ހަމަޖައްސާފައިވެއެވެ. ބެޓެރީ ލައިފަށް ބަލާއިރު، އާންމު ބޭނުންތަކަށް އެއް ފަހަރު ޗާޖުކޮށްގެން ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ހެޑްސެޓް ބޭނުންކުރެވޭނެއެވެ. މި ޑިވައިސްގެ 16ޖީބީ ރެމް އާއި 256ޖީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގަކީ 1,799 ޔޫއެސް ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ