ރާއްޖޭގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވައިފި

އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އެ އެއާ ސްޓޭޝަން ހުޅުވީ ރައީސް މުހައްމަދު މުއިއްޒު މިހާރު އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
ތަފްސީލު - އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ އެ ސްޓޭޝަނާ އެކު މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމުގައި އެއާ ކޯއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި:
އެ ސްޓޭޝަން ހުޅުވީ ތާރީހީ، ސްޓްރެޓީޖިކަލީ އަދި ޖިއޮގްރަފީގެ ގޮތުން މުހިންމު ސަރަހައްދެއްގައި
އެ ތަނުގައި  އެމްއެންޑީއެފްގެ  ޓީބީ2 ޑްރޯންތަކަށް ހާއްސަ 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އޭޕްރަންއެއް ހިމެނޭނެ
ޒަމާނީ ވަސީލަތްތަކާ އެކު ހޭންގަރެއް ހުންނާނެ
ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހުންނާނެ
އެނގުން މުހިންމު - ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ އެއާ ކޯ އިފްތިތާހުކުރީ މިދިޔަ އަހަރުގެ 15 މާޗުގަ އެވެ. އެއާ އެކު، ރާއްޖެއަށް އަލަށް ގެނެސްފައިވާ ޑްރޯންތައް ވެސް ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވެ އެވެ.
އެ ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް 3 ނޮވެމްބަރުގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންގަވާފަ އެވެ.
އެ ސްޓޭޝަނުން:
ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނެ 
ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގާނެ 
ރެ އާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއް ނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބަލަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ