"އުދާސްތައް ހިއްސާކުރާނެ ފުރުސަތު ނުދިން" ކަމަށް ވިދާޅުވެ ނިޒާރު ޖަލްސާ ބޮއިކޮޓްކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ރައްޔިތުންގެ ބައިވަރު ކަންބޮޑުވުންތައް ހިއްސާކުރަން އެބަހުރި ކަމަށާއި، އެ ފުރުސަތު ނުދިން ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރައީސްގެ ޖަލްސާ ބޯއިކޮޓްކުރައްވައިފިއެވެ. ނިޒާރު 'ސަން'އަށް މިރޭ ވިދާޅުވީ، އައްޑުއަށް ދިމާވެފައިވާ، އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ބޮޑެތި މައްސަލަތައް ކަމަށްވާ ކަރަންޓުގެ މައްސަލައާއި މަގުތަކުގެ މައްސަލަ ހިމެނޭހެން ބައިވަރު މައްސަލަތައް ރައީސްގެ ހާޒިރުގައި ހިއްސާކުރަންޖެހޭ ކަމަށާއި، ނަމަވެސް އެ ފުރުސަތު ނުދެންޏާ ޖަލްސާއަށް ހާޒިރުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. ބައެއް އެހެން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށް، ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ލިބޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވިގޮތުގައި ރައީސްގެ ދަތުރުފުޅާ ދިމާކޮށް އައްޑޫ ކައުންސިލުން އިންތިޒާމުތައް ހަމަޖައްސައިދީ ރައީސްގެ އިވެންޓްތަކުގައި ވެސް ވަނީ ބައިވެރިވެފައެވެ. "އަޅުގަނޑުމެންގެ ސިޔާސީ ފިކުރު ވަކި ތަފާތުވިޔަސް އަޅުގަނޑުމެންނަށް ރައީސާއެކު ބާއްވާ ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަތު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ. އައްޑޫ ކައުންސިލާއި ރައީސްގެ ބައްދަލުވުމާ ގުޅޭގޮތުން ސުވާލުކުރުމުން ނިޒާރު ވިދާޅުވީ، ކައުންސިލުން ހުށަހެޅި ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެހެން ޕްލޭނަކާއެކީ ހައްލުކުރުމަށް ރައީސް އަރިހު ކައުންސިލުން އެދިފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މެދު ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ތ. ކިނބިދޫގެ ކައުންސިލް ރައީސް އަލީ ހުސައިނަށް ވާހަކަ ދައްކަވާނެ ފުރުސަތު ނުދިނުމުން އޭނާ ޖަލްސާގައި ބައިވެރިނުވެ ގެއަށް ވަޑައިގެންފައިވެއެވެ. އަދި ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގަށް ވާހަކަ ދައްކާނެ ފުރުސަތު ވެސް ދީފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ