ރިސޯޓު ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި، ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޖޯލި މޯލްޑިވްސްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޯންރެޑުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޖޯލި އަށް ދެ ޕެނަލްޓީ ވައްދާލެވުނުއިރު، ޕެނަލްޓީ ނިމުނީ، 4-2 އިން ކޮންރެޑް މޮޅުވެގެންނެވެ.
މިއަދުގެ މެޗުގައި، ކޮންރެޑުން އާދަމް އާޒިމްގެ ލަނޑުން ލީޑުނަގާފައިވަނިކޮށް، ޖޯލިން އެއްވަރުކުރީ އެ ޓީމުގެ ކެޕްޓަން، މުސްލިމް މުހައްމަދު ޖެހި ގޯލުންނެެވެ.
ޕެނަލްޓީގައި، ކޮންރެޑުގެ ޕެނަލްޓީތައް އެ ޓީމުގެ އާޒިމްގެ އިތުރުން، ހުސެއިން ޝިފާހު (ޝިފަޓީ) އާއި ލައިޒާން މައުސޫމް އަދި އަހުމަދު ޝާހީން ވަނީ ކާމިޔާބުކޮށްފަ އެވެ. ޖޯލިން ޕެނަލްޓީ ކާމިޔާބުކުރީ، މޫސާ މުޒާހު މުހައްމަދު އާއި އަލީ މުހައްމަދު އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ކޮންރެޑުގެ ޝިފަޓީ އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި، ކޮންރެޑްގެ ޝިފަޓީ އާއި މުހައްމަދު ހަމްޒަތުގެ އިތުރުން ހިމެނެނީ، ޖޯލީގެ މުޒާހު، އަލީ އިޝާން އަދި މުހައްމަދު ޖުމާން އަހުމަދު އެވެ. ސުޕަ ލީގުގައި އެންމެ ގިނަ ގޯލު ޖެހީ، ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިގެ އިބްރާހިމް ރަފާހު އާއި ޖޯލީގެ އަލީ މުހައްމަދު އެވެ. ދެ ކުޅުންތެރިން ވެސް ތިން ލަނޑު ޖެހި އެވެ.
ސުޕަ ލީގުގެ މޮޅު ކުޅުންތެރިއަކަށް ކޮންރެޑްގެ އާޒިމް ހޮވުނުއިރު، މޮޅު ކޯޗަކީ އެ ޓީމުގެ، އަލީ އުމެއިރު އެވެ.
ސުޕަ ލީގުގެ ޗެމްޕިއަންކަން، ޖޯލިން 2023 ވަނަ އަހަރު ހޯދި ފައިނަލުގައި ކްރޮސްރޯޑްސް މޯލްޑިވްސް ބަލިކޮށްފަ އެެވެ. އަދި، 2024 ވަނަ އަަހަރު ޖޯލިން ވަނީ ބަނޑޮސް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ ފައިނަލުގައި، ކޮންރެޑާ ކުޅެން ޖެހި ކާމިޔާބެއް ނުލިބުނެވެ.
ޖޯލި ބަލިކޮށް ކޮންރެޑުން ރިސޯޓް ސުޕަ ލީގު ޗެމްޕިއަންކަން ހޯދައިފި ޖޯލި ބަލިކޮށް ކޮންރެޑުން ރިސޯޓް ސުޕަ ލީގު ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ