ބަދުއަހުލާގީ މައްސަލަ ބަލަން ފުލުހުން ވަތްއިރު ދިވެހި ކުޑަ އަންހެން ކުއްޖަކު އަލަމާރި ތެރޭ ފޮރުވާފައި
މެދުރާއްޖެތެރޭ ރަށެއްގައި، ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރުކުރި ނޭޕާލް މީހެއް ދިރިއުޅޭ ކޮޓަރީގެ އަލަމާރީތެރޭގައި 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ފޮރުވާފައި އޮއްވާ ފެނިއްޖެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އުމުރުން 20 އަހަރުގެ ނޭޕާލު ފިރިހެނަކަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ކޮޓަރިއަށް ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށެވެ. މިއީ މި އަހަރުގެ އޭޕްރީލް މަހު ހިނގި ކަމެކެވެ. އެ މައްސަލަ ބެލި ކޯޓުން އެ ހާދިސާގެ ރިޕޯޓް ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. މި މައްސަލައާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށް 30 ދުވަހުގެ ބަންދު މުއްދަތު ޖެހިއެވެ. ބަންދު މުއްދަތު ޖެހީ ހާދިސާ ހިނގި އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ. މި މައްސަލައިގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރިއަކުން 14 އަހަރުގެ އަންހެން ކުއްޖަކުވަނީ ފެނިފައެވެ. އެ ކުއްޖާ ގާތްގަނޑަކަށް ފަސް ފަހަރު އެ ކޮޓަރިއަށް ގެނެސްފައިވާނެ ކަމަށް ބަންދު މަޖިލީހުގައި މި ނޭޕާލް މީހާވަނީ އިއުތިރާފުވެފައި ކަމަށް ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ބަންދު މަޖިލީހުގައި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ބަންދު ރިޕޯޓުގައި އެ ކުއްޖާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ކުއްޖާވެސް ވަނީ ނޭޕާލް މީހާގެ ކޮޓަރިއަށްދާ ކަމަށް ބުނެފައެވެ. އަދި ދަންވަރުވެސް އެ ކޮޓަރިއަށްދާ ކަމަށް އެ ކުއްޖާއާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ނޭޕާލް މީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ އޭނާ ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭތީއާއި، މުޖުތަމަކުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ