ބޮޑު ޑްރެޖަރު ގެނެސްގެން ހަތަރު ހަފުތާ ތެރޭ ރަސްމާލޭން ހިއްކުނީ 20 ހެކްޓަރު ބޮޑު ޑްރެޖަރު ގެނެސްގެން ހަތަރު ހަފުތާ ތެރޭ ރަސްމާލޭން ހިއްކުނީ 20 ހެކްޓަރު

ހުއްޓިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފެށުމަށް ގެނައި ބޮޑު ޑްރެޖަރުން ހަތަރު ހަފުތާގެ ތެރޭގައި ހިއްކުނީ 20 ހެކްޓަރުގެ ބިން ކަން ސެޓްލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
ރަސްމާލޭގެ ސީ އަދި އީ ހިއްކަން ހަވާލުކޮށްފައިވާ ޗައިނާ ހާބަރު އިންޖިނޭރިން ކޮމްޕެނީ (ސީއެޗްއީސީ) އިން އައު ޑްރެޖަރެއް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފެށީ އޮގަސްޓު 21، ގަ އެވެ.
އެ ކުންފުނިން ގެނައީ "ޔުން ޔޭންގް 1" ނަމަކަށް ކިޔާ 21،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޮޑު ޑްރެޖަރެކެވެ. މިއާއެކު ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދުވެލި ދެ ގުނަ އަވަސްވާނެ ކަމަށް ސަރުކާރު ޕްރޮމޯޓުކުރާ ސޯޝަލް މީޑިއާ އެކައުންޓުތަކުންނާއި ސަރުކާރުގެ ސިޔާސީ މުވައްޒަފުން އޭރު ބުންޏެވެ.
ސެންޓިނެލް 2 ސެޓްލައިޓުން އެންމެ ފަހުން ރަސްމާލެ ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުން، ރަސްމާލޭގެ އިރުމަތީ ބިތުން އަލަށް ހިއްކުނީ 20 ހެކްޓަރެއްހާ ޖާގައިގެ ބިމެވެ. މިއާއެކު މިހާތަނަށް ރަސްމާލެއިން ހިއްކުނު ބިމުގެ އަދަދު 150 އެއްހާ ހެކްޓަރަށް އަރާނެ އެވެ.
މިއީ ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ 13 ޕަސެންޓެވެ. ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ފުރަތަމަ ދިން މުއްދަތަކީ އަށް މަސްދުވަހެވެ. އެ މުއްދަތުގައި އެންމެ 29 ހެކްޓަރު ހިއްކުމުން އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވުމަށްފަހު، މުއިއްޒު މިހާރު ދެއްވާ މުހުލަތަކީ މި ޑިސެމްބަރުގެ ނިޔަލަށެވެ.
ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ރަސްމާލެ މަތިން އެންމެ ފަހުން ނެގި ސެޓްލައިޓް ފޮޓޯއެއް --- ފޮޓޯ: ސެންޓިނެލް 2
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.
މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.
ރަސްމާލެ ހިއްކުމަށް ކުރިން ބޭނުންކުރަމުން ގެންދިޔައީ ލަކްސެމްބާގްގެ ދިދައިގައި ދަތުރުކުރާ ޑްރެޖަރެއް ކަމަށްވާ "ފްރާންސިސް ބިއުފޯ" އެވެ. ފަހުން ހިއްކި 100 ހެކްޓަރު ހިއްކީ އެ ޑްރެޖަރުންނެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ހޭދަވި އެވެ.
ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި އެންގެވި އެވެ.
އަދި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
މިކަންކަން އެނގިފައިވަނީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެއްކުމަށް ލޯނު ނަގަނީ ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. ލޯނުތައް ނެގުމަށްފަހު އެ ފައިސާ ދޫކުރަނީ މި މަޝްރޫއު ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެއްވެެގެން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (މިޑް ފްރީ ޒޯން) އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ