މޯދީއަށް ޓްރަމްޕް ގުޅުއްވައި އުފަންދުވަހުގެ ތަހުނިޔާ އަދާކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވައި މޯދީގެ 75 ވަނަ އުފަންދުވަހުގެ ތަހުނިޔާ ރައްދު ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ފޯނުން މި ވާހަކަ ދެއްްކެވީ ޓެރިފްގެ މައްސަލަތަކުގައި ދެ ފަރާތުގެ ގުޅުން ގޯސްވެފައި އޮންނަތާ ހަފުތާތަކެއް ފަހުންނެވެ. 
އިންޑިއާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ކުރަމުން ދިޔަ މަޝްވަރާތަކަަށް ފަހު މިއަދު ޓްރަމްޕް ފޯނުން ގުޅުއްވުމަކީ ދެ ފަރާތުން ވެސް ހެޔޮ ފާލެއްގެ ގޮތުގައި ސިފަ ކުރާ ކަމެކެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މޯދީ ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޓްރަމްޕް ވަނީ އެކްސްގައި ޝުކުރު އަދާކުރައްވައިފަ އެވެ. މޯދީ ޓްރަމްޕަށް އިޝާރާތް ކުރައްވަނީ ގާތް ރައްޓެއްސެގެ ގޮތުގަ އެވެ. މޯދީ ވިދާޅުވީ އެ ކޯލަށް ފަހު ދެ ބޭފުޅުންގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
މިއީ އެމެރިކާއިން މިދިޔަ މަހު އިންޑިއާއަށް ކަނޑައެޅި %50ގެ ޓެރިފަށް ފަހު އެ ދެ ބޭފުޅުން ވާހަކަ ދެއްްކެވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް ވިދާޅުވީ އެ %50ގެ ޓެރިފްގެ ދެބައިކުޅަ އެއްބައި އަކީ އިންޑިއާ އިން ރަޝިއާގެ ތެލާއި ހަތިޔާރު ގަންނާތީ ދިން އަދަބެއް ކަމަށެވެ.
އެ ދެ ގައުމުގެ ދެމެދުގައި ހޫނު ޒުވާބުތަކެއް ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އިންޑިއާގެ ޓްރޭޑް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، މިދިޔަ މަހު އިންޑިއާ އިން އެމެރިކާއަށް އެކްސްޕޯޓް ކުރި މިންވަރު ވަނީ 6.86 ބިލިއަން ޑޮލަރު ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ