ފުރަތަމަ ފެންނަ ނުފެންނަ ވޯޓު، އައްޑޫ ކައުންސިލް އޮންނަން ބޭނުންވާ ގޮތާ މެދު
ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ. "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތް ދުވަސްވަރު އައްޑޫގެ ރައްޔިތުންނާ ބައްދަލުވެ، ސިޓީއެއްގެ ގޮތުގައި އޮންނަ ބައެއް ކަންކަމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށާއި، އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންގެ ފަރާތުން މިފަދަ ޚިޔާލުތައް އައި ކަމަށެވެ. ރައީސް ވިދާޅުވީ، އައްޑޫގެ ކައުންސިލް ބައްޓަންކުރެވިފައިވާ ގޮތް ނިންމާނީ އެ ސިޓީގެ ރައްޔިތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އިސްލާހު ގެންނަން ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތު އެހުމަށް ފަހުގައެވެ. އެހެންކަމުން އިއްޔެ ތަސްދީގުކުރެއްވި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު ގާނޫނަކަށްވާ ހިސާބުން އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަންގަވަން ބޭނުންފުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މި ވޯޓުގަ މި އަހާ ސުވާލަކީ، މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގަ ނަގާނެ ވޯޓެއް، ހުޅުދޫ ރައްޔިތުން ބޭނުންވަނީ ހުރިހާ ރަށަކަށް އައްޑޫ ލާފަ އައްޑޫ ހުޅުދޫ ކައުންސިލް ގޮތުގަ ކައުންސިލެއް އުފެއްދުންތޯ ނުވަތަ މިހާރު އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގަ އޮންނަންތޯ،" ރައީސް ވިދާޅުވިއެވެ. "ދެން ނަމުގެ ކުރިއަށް އައްޑޫ މި ލަނީ، އަޅުގަނޑު ބޭނުމެއްނޫން ދެން އަންނަ ބަދަލެއްގައި އައްޑޫ، މި ނަން އުނިވެގެން ދާކަށް،" "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް މުއިއްޒު: އައްޑޫ ކައުންސިލް އޮންނަ ގޮތަކާ މެދު ފެންނަ ނުފެންނަ ވޯޓަކަށްދާން ރައީސް ވިސްނުންފުޅު ގެންގުޅުއްވަނީ --- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވީ ގާނޫނު އޮތްގޮތުން ހިތަދޫގައި ވަކި ސިޓީ ކައުންސިލެއް ހެދޭނެ ކަމަށެވެ. އެ ވޯޓު އަންނަ އޮކްޓޯބަރު މަހު ނަގައި ނަތީޖާ ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި ރައީސް އިއްޔެ ވަނީ ފެންނަ ނުފެންނަ ވޯޓަށް އެހުމުގެ ތަފްސީލު ހިމެނޭ ބިލު ތަސްދީގުކުރައްވައިފައެވެ. މި ބިލުގެ ބޭނުމަކީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ. އާއްމު ވޯޓު ނެގޭނެ ކަންކަން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން ގައުމީ މުހިންމު މައްސަލަތައް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ރިޔާސަތުގެ ދައުރު ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން ދިވެހިރާއްޖޭގެ ސަރަހައްދު އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ