ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސް އަންގަވައިފި
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. މި ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އެހެންކަމުން، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. https://x.com/MMuizzu/status/2001250950070104329 ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންނާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ވަކި މަދެއް ނޫނެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މި ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ ގޮތުން ޚާއްސަ އޮޕަރޭޝަންތައް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފަށާފައިވެއެވެ. https://sun.mv/215439 ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯހުން ބޮޑެތި އޮޕަރޭޝަންތައް ހިންގައި، އެފަދަ ވިޔަފާރިތައް ބަންދުކުރަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ