ކެފޭއެއް ހުންނަ ޕާކެއް ހެދުން ހިމެނޭހެން، 3 ޕްރޮޖެކްޓަކަށް ބީއެމްއެލްއިން 5 ލައްކަ ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރު ދޫކުރާ ސްޓާޓަޕް ގްރާންޓް 2025، ލިބޭ ފަރާތްތައް ހޮވައިފިއެވެ. ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް, ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ދޭ ހިލޭ އެހީއެކެވެ. ބީއެމްއެލްއިން ބުނީ މި ސްޓާޓަޕް ގްރާންޓުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތަކަކީ: 1. ރަށި ޕާކް - އިބްރާހީމް މިފްޒާލް ފަޔާޒް ބީއެމްއެލްއިން ބުނީ ފަޔާޒަށް މި ގްރާންޓު ދެނީ އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކްކަން ބޭންކުން ފާހަގަކޮށްފައިވެއެވެ. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 2. ރަށު ޕްލާސްޓިކް ޕްރޮޖެކްޓް - މުޙައްމަދު މިމްރާޙް ބީއެމްއެލްއިން ބުނީ މި ޕްރެޖެކްޓުގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ތަކެތި އުފެއްދުން ކަމަށެވެ. އެގޮތުން، އުކާލާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމާނު މި ޕްރޮޖެކްޓުގެ ދަށުން އުފައްދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ޕްރޮޖެކްޓުގެ ރީސައިކްލިން ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގައި ކަމަށް ވެސް ބޭންކުން މައުލޫމާތުދީފައިވެއެވެ. 3. ލޭޑީބާޑް ކިންޑަގާޑެން - ޝައްމާ ނަދީމް ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑްތަކާ އެއްގޮތަށް، ދީނީ ތަރުބިއްޔަތު ދޭ، އިސްލާމިކް އާލީ ލާނިން ސެންޓަރެއް ގާއިމުކުރުމުގެ ގޮތުން ބޭންކުން ޝައްމާއަށް ގްރާންޓް ދޫކުރުމަށް ނިންމާފައިވެއެވެ. މި ސެންޓަރު އަމާޒުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އުމުރުން ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ. ބޭންކުން ބުނީ އުމުރުން ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ކުދީންނަށް އެ ކުދިންގެ އުމުރާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ދިނުމަކީ މި ޕްރޮޖެކްޓުގެ އަމާޒެއް ކަމަށެވެ. ބީއެމްއެލްއިން ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލާފައިވާ ވާދަވެރި އިވެލުއޭޝަންއަކަށް ފަހުގައި ކަމަށް އެ ބޭންކުން ބުންޏެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައިވާ ކަމަށް ބޭންކުން ބުންޏެވެ. ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުން ވަނީ ޖުމުލަ ތިން ޕްރޮޖެކްޓަކަށް އެހީ ދޭން ނިންމައިފައެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެން ދޫކުރާ ހަތަރުވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ