ބިދޭސީންނަށް މަނާކުރި ވަޒީފާތަކުގެ ލިސްޓުން ބޭބީ ސިޓާސް އުނިކޮށްފި
ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ލިސްޓުން ބޭބީ ސިޓާސް އުނިކޮށް، ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ. ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓުގައި އާންމުކުރިއިރު ވަނީ ބޭބީ ސިޓާސް ހިމެނޭހެން ވަކި މުއްދަތަކަށްފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައެވެ. މި ލިސްޓުގައި ހިމަނާފައިވަނީ ބިދޭސީންނަށް ވަޒީފާ އަދާނުކުރެވޭނެ ދާއިރާތައް ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅި ދާއިރާތަކެކެވެ. މި ލިސްޓުގައި ބޭބީ ސިޓާސް ހިމެނޭތީ، ވަރަށް ގިނަ އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. ސަބަބަކަށް ވަނީ ރާއްޖޭގައި ގިނަ ދެމަފިރިންނަކީ އާއިލާއާއި ވަކިން ދިރިއުޅޭ މީހުންނަށް ވުމެވެ. މިފަދަ ހާލަތުގައި ދެމީހުން ވަޒީފާ އަދާކުރާ ވަގުތުތަކުގައި ދަރިފުޅު ބަލަން ގެންނަން ޖެހެނީ ބޭބީ ސިޓާއެކެވެ. ނަމަވެސް މިއީ ދިވެހިން ވަޒީފާއެއްގެ ގޮތުގައި އާންމުކޮށް ކޮށް ނޫޅޭ މަސައްކަތަކަށްވުމުން، މި މަސައްކަތަށް ގިނައިން އެއްބަސްވަނީ ބިދޭސީންނެވެ. އެކަން ފާހަގަކޮށް ގިނަ އާންމުން ވަނީ ސަރުކާރުން ޝާއިއުކުރި ލިސްޓަށް ފާޑުކިޔާފައެވެ. އެއާއެކު، މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައި ހިމެނޭ ލިސްޓުން ބޭބީ ސިޓާސް އުނިކޮށްފައެވެ. ބައެއް ވަޒީފާތަކަށް ބިދޭސީން އެއްވެސް ވަރަކަށް ރާއްޖެއަށް އެތެރެނުކުރެވޭ ގޮތަށް ކަނޑައަޅާފައިވެއެވެ. އެއީ ޓެކްސީ ޑްރައިވަރުންނާއި މަތިންދާ ބޯޓު ފަހަރުގެ ކޯޕައިލަޓުންނާއި ކަނޑުމަތީ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފޮޓޯގްރާފަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާތަކެވެ. މޯލްޑިވިއަންގެ ޕައިލެޓެއް: މޯލްޑިވިއަންއިން ހުޅުވާލި ހަތަރު ކެޑޭޓު ޕައިލެޓްގެ މަގާމަށް 100އެއްހާ މީހުން ވަނީ ކުރިމަތިލާފައި --- ފޮޓޯ/ މޯލްޑިވިއަން އެއާއެކު، މިހާރު ވަޒީފާތަކަށް ދޫކޮށްފައި ހުރި ކޯޓާތައް ވެސް ބާތިލުކުރަން ވަކި މުއްދަތެއް ވަނީ ދީފައެވެ. އެގޮތުން ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކަކީ ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ބޭބީ ސިޓާސް، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއާ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުންގެ ވަޒީފާތަކެވެ. ހަމަ އެއާއެކު، ޑައިވަރުންނާއި ނަރުހުންނާއި އިމާރާތްތައް ބަލައި ސާވޭކުރާ މީހުންނާއި ސައިޓް ސުޕަވައިޒަރުންނާއި ޕައިލަޓުންނާއި ފޮޓޯގްރާފަރުންގެ މަގާމުތަކަށް ތިން އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް ކޯޓާތައް ބާތިލުކުރަން މިހާރު ލާޒިމްވާނެއެވެ. އަދި އިންޖިނޭރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ މަގާމުތަކަށް ހަތަރު އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭއިރު، ފަސް އަހަރު ފަހުން ހައުސްކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭނެއެވެ. މީގެ ތެރެއިން މިހާރުވެސް ބައެއް މަގާމުތަކުގައި މަސައްކަތްކުރާ ބިދޭސީން އެބަ ތިއްބެވެ. އެގޮތުން ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ނަރުހުންނާއި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ގިނަކަން ފާހަގަކުރެވެއެވެ. ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ. އޭގެ އިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ. https://sun.mv/215388 މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ