'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު' ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު މެދުވެރިކޮށް ބިލެއް ހުށަހެޅީ ސަރުކާރުންނެވެ. އެ ބިލު ޑްރާފްޓުކުރީ ވެސް، ހުށަހެޅީ ވެސް އަދި ބިލު ދިފާއު ކުރަމުން ގެންދަނީ ވެސް ސަރުކާރުންނެވެ. އެފަދަ ބިލެއް ހުށަހެޅިފައިވާކަން އެނގިވަޑައިގަތީ ވެސް މީޑިއާގައި ރިޕޯޓު ކުރުމުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެކެވެ.
މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅުމާއެކު ނޫސްވެރިން އިސްނަގައިގެން، އެ ބިލުގެ ނުރައްކާތެރިކަމާމެދު އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއް ހިންގަމުން އެބަގެންދެ އެވެ. ބާޒާރު މައްޗަށާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުކުމެ އެވެރިން އެ ދައްކާ ވާހަކައިގައި ހުރިހައި ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ ވާހަކައެއް އެބަ ދައްކަ އެވެ. އެއީ މި ބިލުގެ ސަބަބުން ސޯޝަލް މީޑިއާގައި އާންމު ފަރާތްތަކުން ފާޅުކުރާ ހިޔާލުތަކަށާއި ފަތުރާ ހަބަރުތަކަށް ވެސް ނުފޫޒު ފޯރުވަން ފުރުސަތު ލިބޭ ވާހަކަ އެވެ. މީޑިއާއަށް ހާއްސަކޮށްގެން ހަދާ ގާނޫނަކުން އާންމު ރައްޔިތުންގެ ހިޔާލުތައް ފާޅުކުރުމަށް ހުރަސް އެޅޭނީ ކިހިނެއް ހެއްޔެވެ؟ އާންމު މީހަކަށް ލިބޭ މައުލޫމާތެއް، އެކްސް ނުވަތަ ފޭސްބުކްގައި ލިޔެ ހާމަކުރުން ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟
ކަމުގެ ހަގީގަތް އޮތްނެތް ގޮތެއް ބެލުމަށް އަޅުގަނޑާއެކު އެ ބިލުގެ މާއްދާތައް ވިދާޅުވާށެވެ. އެ ބިލު ހިނގާނީ މީޑިއާތަކުގެ މައްޗަށެވެ. އެހެންވީމާ އެންމެ ފުރަތަމަ ކަމަކީ އެ ބިލުގައި އެ ބުނާ 'މީޑިއާ' އަކީ ކޮބައިތޯ ބެލުމެވެ. ބިލުގެ 80 ވަނަ މާއްދާގެ (ބ) އަދި (އ) ގައި މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްދީފައި އެބައޮތެވެ. ބިލުގައި އޮތްގޮތުން އިލެކްޓްރޯނިކް މީޑިއާގެ ތެރޭގައި ހިމެނެނީ އޯޑިއޯ، ވީޑިއޯ، ޓޭޕާއި ޑިޖިޓަލް ސްޓޯރޭޖް މީޑިއާއާއި އިންޓަނެޓަށެވެ. 'މީޑިއާ' އަކީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީއާއި ވެބްސައިޓާއި ދުވަހު ނޫހާއި ހަފްތާ ނޫހާއި މަޖައްލާއާއި ޓްރޭޑް ޕަބްލިކޭޝަންއާއި، މިނޫން ނަންނަމުގައި ވެސް ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭގޮތަށް ޗާޕުކޮށްގެންނާއި، އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރެވުން ތަކަށެވެ.
މި މާއްދާގެ ކުރު ތަފްސީރަކަށް ވިސްނާއިރު، މީޑިއާގެ މާނައިގެ ތެރޭގައި ރަޖިސްޓްރީނުކޮށް، އިންޓަނެޓުގެ އެކިއެކި މަންސަތަކުގައި އާންމުކުރާ ހިޔާލާއި، މައުލޫމާތާއި އިޝްތިހާރު ވެސް ހިމެނެ އެވެ. އެހެންވީމާ ޓިކްޓޮކް ލައިވްއެއްގައި ދައްކާ ވާހަކަތަކުގެ މައްޗަށް މި ބިލު ހިނގާނެ އެވެ. އެކްސްއާއި ފޭސްބުކްގައި ކުރާ ޕޯސްޓުތަކަށާއި، އަމިއްލަ ބްލޮގުގައި ލިޔާ ލިޔުންތަކަށް ވެސް މި ބިލުގެ އަސަރު ފޯރަ އެވެ. އެހެންވީމާ ވާނީ ވަކި ކީއްހެއްޔެވެ؟ ސޯޝަލް މީޑިއާގައި ހިޔާލާއި މައުލޫމާތާއި އިޝްތިހާރު އާންމު ކުރާ މީހުންނަށް ކުރާނީ ކޮންއަސަރެއް ހެއްޔެވެ؟
މިކަން ދެނެގަތުމަށްޓަކައި ބިލު އިތުރަށް ކިޔަމާ ހިނގާށެވެ. ބިލުގެ 58، 60 އަދި 61 ވަނަ މާއްދާ އޮތްގޮތަށް ބަލާށެވެ. ބިލުގެ 58 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު ބުނާގޮތުން އިލެކްޓްރޯނިކް ވަސީލަތެއްގައި ހަބަރާއި މައުލޫމާތު ފެތުރުމުގައި އުޅޭ ކޮންމެ މީހަކީ ނޫސްވެރިއެއް ކަމުގައި ބެލެވޭނެ އެވެ. މައުލޫމާތު ފަތުރަނީ ސިއްހީ ދާއިރާއިން ނުވަތަ ފިޓްނަސްއާ ގުޅޭ ދާއިރާއަކުން ކަމަށްވިޔަސް، ނުވަތަ ފައިސާ ގެންގުޅުމުގެ ހުނަރާ ގުޅޭގޮތުން ކަމަށް ވިޔަސް، ނުވަތަ ރައިވެރިކަމާ ގުޅޭގޮތުން ކަމަށް ވިޔަސް އިލެކްޓްރޯނިކް ވަސީލަތެއްގައި މައުލޫމާތު ފަތުރާނަމަ މި ބިލުގެ ބޭނުމަށްޓަކައި ތިޔައީ ނޫސްވެރިއެކެވެ. ބިލުގެ 60 ވަނަ މާއްދާގައި ބުނެފައި އޮތީ އެ ބިލުގައި ނޫހާ ގުޅޭގޮތުން ހުރި ހުރިހައި އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންގެ މައްޗަށް ވެސް 'އެމީހުންނާ ގުޅޭ ނިސްބަތަކަށް' ހިނގާނެ ކަމަށެވެ. ގުޅެނީ ކޮން ނިސްބަތަކަށްތޯ ބަލަންވީ ކިހިނެއް ކަމެއް ބިލުގައި ނެތެވެ. އެހެންވީމާ އެކަން އޮންނާނީ ކޮމިޝަނަށް ފެނިވަޑައިގެންނެވި ގޮތަކަށެވެ.
ބިލުގެ 61 ވަނަ މާއްދާ ނިޔާކުރާ ގޮތުން މީޑިއާގައި އާންމު ކުރާ ކޮންޓެންޓު މޮނިޓަރކުރުމަކީ މި ބިލުން އުފައްދާ ކޮމިޝަނުގެ ޒިންމާއެކެވެ. މާނައަކީ ސޯޝަލް މީޑިއާގައި ކޮންމެ މީހަކުވިޔަސް ޕަބްލިޝްކުރާ ހިޔާލުތަކާއި މައުލޫމާތުތައް ބަލައި، އެކަންކަމާ ގުޅިގެން އެމީހުންނާ ސުވާލުކޮށް، ޖަވާބުދާރީވާން އެންގުމުގެ ބާރު ކޮމިޝަނަށް އޮންނާނެ އެވެ. ފިޓްނެސްގެ މައުލޫމާތު ފަތުރާ މީހާ، ނުވަތަ ދުނިޔޭގެ ގައުމެއްގައި ކަމެއް ހިނގައިދިޔަ ގޮތުގެ މައްޗަށް އަމިއްލަ ހިޔާލެއް ފާޅުކުރި މީހާ އެ ފާޅުކުރި ހިޔާލަކާ ގުޅޭގޮތުން ކޮމިޝަނުން ބޭނުންވެއްޖެނަމަ އޭނާ ހާޒިރުކޮށް އެމީހަކާ ސުވާލުކުރެވިދާނެ އެވެ. ބިލުގެ 63 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ކޮމިޝަނަށް އެ ބާރު ލިބިދީފައި އެބައޮތެވެ.
ބިލުގެ 68 ވަނަ މާއްދާގައި އޮތީ ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި މީހަކު އެކަން ރަނގަޅުކުރުމަށާއި، އާންމުކޮށް މައާފަށް އެދުމަށް ކޮމިޝަނަށް އެންގިދާނެ ވާހަކަ އެވެ. އެގޮތަށް އަމަލުނުކޮށްފިނަމަ ފަސްހާސް ރުފިޔާއާއި ފަންސަވީސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާކުރެވިދާނެކަމަށް ބިލުގެ 67 ވަނަ މާއްދާގެ (ށ) ގައި އެބައޮތެވެ. ދޮގު މައުލޫމާތެއް ކަމަށް ބަލާނީ ނުވަތަ ދޮގުތެދު ކަނޑައަޅާނީ ކިހިނެއް، ކޮން ކަންތައްތަކަކަށް ބަލައިގެން ކަމެއް ބިލުގެ އެއްވެސް މާއްދާއެއްގައި ބުނެފައެއް ނެތެވެ. މިސާލަކަށް، ޓިކްޓޮކްގައި ފިޓްނަސްއާ ގުޅޭގޮތުން ނުވަތަ 'މިންހެޔޮ ކެއުން' ތައް ކަމަށް ބުނެ މީހަކު ފަތުރާ މައުލޫމާތުގެ ވީޑިއޯއެއްގައި ބުނެފައިވާ ވާހަކަތަކަކީ ތެދުތޯ ނުވަތަ ނޫންތޯ ބަލައި ގޮތް ކަނޑައެޅުމުގެ ބާރު ކޮމިޝަނަށް އެބައޮތެވެ. ހިލާފު ހުރި ކަންކަމުގައި ކޮމިޝަނުން ކަނޑައަޅާ ގޮތް އެއީ ރަނގަޅު ގޮތެވެ. ތެދެއްތޯ ދޮގެއްތޯ ކަނޑައަޅާނީ ކޮމިޝަނުންނެވެ.
ބިލުގެ 66 ވަނަ މާއްދާގެ (ކ) އެއޮތް ގޮތަށް ބައްލަވާށެވެ. އެ މާއްދާގައި އޮތީ އެއްވެސް މަންސައެއްގައި ޝާއިއުކުރާ ކޮންޓެންޓުގައި އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާ ހާލަތެއް އޮތްކަމަށް ބެލެވިދާނޭ ހާލަތުގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށްގެން، އެ ކޮންޓެންޓު ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ވާހަކަ އެވެ. މި މާއްދާގައި ހިމެނޭ ތަޅުދަނޑި ލަފުޒަކީ 'ބެލެވިދާނެ ހާލަތު' މި ލަފުޒެވެ. ގައުމީ ސަލާމަތަށް ނުވަތަ އާންމު ނިޒާމަށް ނުވަތަ އާންމު ސިއްހަތަށް ހަގީގީ ނުރައްކަލެއް ކުރިމަތި ނުވިޔަސް ހެވެވެ. ވެދާނެކަމަށް ބެލެވެންވީ އެވެ. ބެލެވެންވީ ވެސް ކޮމިޝަނަށެވެ.
މާނައަކީ، އަމިއްލަ މީހަކު ޓިކްޓޮކް އެކައުންޓެއްގައި ދައްކާ ވާހަކައެއްގެ ސަބަބުން ގައުމީ ސަލާމަތަށް ނުވަތަ އާންމު ނިޒާމަށް ގެއްލުމެއް ވެދާނެކަމަށް، މި ބިލުން އުފައްދާ ކޮމިޝަނުގައި ތިބި ބައެއްގެ ސިކުނޑިއަށް ފެންނަނަމަ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ޓިކްޓޮކް އެކައުންޓެއް ބަންދުކުރެވިދާނެ އެވެ. މާއްދާގައި އޮތީ 'އެ ކޮންޓެންޓު ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ' ކަމަށެވެ. 'ވަސީލަތް' ކަމަށް ބުނެފައި އެއޮތީ އެ ކޮންޓެންޓް ޝާއިއުކުރި އެކައުންޓަށްތޯ ނުވަތަ އެ ކޮންޓެންޓު ޝާއިއުކޮށްދިން ޕްލެޓުފޯމަށްތޯ ވެސް އެނގޭކަށް ނެތެވެ. 'ގައުމީ ސަލާމަތާއި' 'އާންމު ނިޒާމާއި' 'ވަސީލަތް' ފަދަ ބަސްބަހުގެ މާނަ އޮތީ ޅެންވެރިޔާގެ ބަނޑުގަ އެވެ. މި ބިލުގެ މާއްދާތަކުން އެ ލަފުޒުތަކުގެ މާނައެއް ފެންނާކަށް ނެތެވެ.
އަޅުގަނޑު މި ލިޔުމުގައި ހަވާލާދީފައި އެހުރި މާއްދާތައް ހަމަ ކޮންމެ ބޭފުޅަކުވެސް އެ ބިލުން ބައްލަވަންވީ އެވެ. އެ މާއްދާތައް ހުރީ މި ދެންނެވި ގޮތުގެ މަތީންނެވެ. އެ ހުރިހައި މާއްދާތަކެއް އެކުގައި ކިޔާލުމުން ވާސިލުވެވޭ ނިންމުމަކީ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުން ވެސް މި ބިލުން ރެގިއުލޭޓު ކުރާކަމެވެ. ޓިކްޓޮކާއި، އެކްސްއާއި ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މަންސަތަކުގައި ކޮންމެ މީހަކު ދައްކާ ހަމަ ކޮންމެ ވާހަކައެއް ވެސް މޮނިޓަރކޮށް ބަލައި، އެ ވާހަކަތަކުގެ ތެރެއިން ކޮމިޝަނަށް ފެންނަ ކަމުގައި މީހުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވައި، އަދަބު ދިނުމާއި އެ އެކައުންޓުތައް ބަންދުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވާކަމެވެ. ކޮމިޝަނުން ބޭނުންވެއްޖެ ހަމަ ކޮންމެ ވަގުތެއްގައި، ބޭނުންވެއްޖެ ކޮންމެ މީހެއްގެ މައްސަލަ ވެސް ބަލައި ފިޔަވަޅު އެޅުމަށް މި ބިލުން ފުރުސަތު ފަހިކޮށްދެ އެވެ.
އެހެންވީމާ، އަޅުގަނޑަށް މި ބެލުނު ބެލުމުން ފެނުނީ ސޯޝަލް މީޑިއާގައި އުޅޭ، ނޫސްވެރިންނަށް ނުވާ މީހުންނާމެދު ވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ސަބަބުން ފަހިވެގެންދާކަމަށް ނޫސްވެރިން އެ ބުނާ ބުނުމަކީ ތެދު ބުނުމެއް ކަމަށެވެ. މި ބިލު އޮތީ އެހެންނެވެ. އެކަން ބިލުގެ މާއްދާތައް ކިޔާލުމުން ސާފު ވެ އެވެ. އެހެންނަމަވެސް، މި ސަރުކާރުން އުފައްދާ، ސަރުކާރުގެ ބާރު ހިނގާ ކޮމިޝަނަކުން އެ ބާރު އެހެން ބޭނުންކޮށްގެން އެކަން އެހެން ކޮށްފާނެތޯ ނުވަތަ ނޫންތޯ އެއީ، މިހާތަނަށް ކުރެވުނު ތަޖުރިބާގެ އަލީގައި ކިޔުންތެރިން ނިންމަންޖެހޭ ކަމެކެވެ.
މީޑިއާގެ ބިލުން ސޯޝަލް މީޑިއާ ވެސް ހުއްޓުވާނެޔޭ އެ ބުނަނީ ކީއްވެ؟ މީޑިއާގެ ބިލުން ސޯޝަލް މީޑިއާ ވެސް ހުއްޓުވާނެޔޭ އެ ބުނަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ