ޗާލީ ކާކްގެ ގާތިލު ކަމަށް ބެލެވޭ މީހާގެ މައުލޫމާތު ދިން މީހަކަށް 100،000 ޑޮލަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް އެމެރިކާގެ ޔޫޓާ ވާލީ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަދައްކަން އިންދާ ބަޑިން ހަމަލާދީ މަރާލި ކަމަށް ޝައްކުކުރެވޭ މީހާގެ ފޮޓޯއަކާ ވީޑިއޯއެއް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން އާންމުކޮށްފިއެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް ފޯރުކޮށްދިން މީހަކަށް 100،000 ޑޮލަރު ވެސް ހުށަހަޅާފައިވެއެވެ. ހަމަލާދިން މީހާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ފިސްތޯލު ވެސް ވަނީ ހޯދާފައެވެ. އެފްބީއައިއާއި ސްޓޭޓްގެ އޮފިޝަލުން ބުނީ، ގާތިލު ކަމަށް ޝައްކު ކުރެވޭ މީހާ ކެމްޕަސް ތެރެއަށް ވަނީ ޝޯލްޓް ލޭކް ސިޓީގެ ދެކުނުން ގާތްގަނޑަކަށް 40 މޭލު (65 ކިލޯމީޓަރު) ދުރުގައި އޮންނަ ޔޫޓާގެ އޮރެމްގެ ޔޫޓާ ވެލީ ޔުނިވާސިޓީގައި 3،000 މީހުންގެ ކުރިމަތީގައި "ޕްރޫވް މީ ރޮންގް"ގެ ނަމުގައި ކާކް އިސްކޮށް ހުރެގެން ކުރިއަށް ގެންދިޔަ އިވެންޓު ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ސެކިއުރިޓީ ކެމެރާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް ގަޔަށް ބަޑިޖެހުމުގެ ކުރިން ކުރިން ފުރާޅަށް ސިޑިން އަރައިގެންދެއެވެ. އޭނާ ހުރީ ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު އަވި އައިނެއް އަދި އަނދިރި ކުލައެއްގެ ތޮތްޕެއް އަޅައިގެންނެވެ. ޗާލީ ކްލާކް މަރުވުމާ ގުޅިގެން އެމެރިކާގައި ހިތާމަ ފާޅުކުރަނީ. ފޮޓޯ/ރޮއިޓާސް ކާކް މަރާލަން ބަޑި ޖަހާފައިވާ ފުރާޅުން ފައިބައިގެން ދިޔަ މީހެއްގެ ވީޑިއޯ ވެސް އޮފިޝަލުން ވަނީ އާންމުކޮށްފައެވެ. އަދި، އެ މީހާ މަގު ހުރަސްކޮށް ކެމްޕަސް ކައިރީގައި ހުރި ގަސްތަކެއް ތެރެއަށް ވަންނަ މަންޒަރު ވީޑިއޯއިން ފެންނައިރު، އެއީ ފިސްތޯލު ފެނުނު ތަން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ކާކްގެ މަރުގެ މައްސަލައިގައި ބައިވެރިވި އެންމެންގެ އިތުރުން 'ސިޔާސީ އަނިޔާވެރިކަން' ހިންގާފައިވާ އެހެން މީހުން ވެސް ހޯދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން، މިއީ އެމެރިކާއަށް 'އަނދިރި' ވަގުތެއް ކަމަށް ވެސް ކާކްގެ މަރާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވާފައެވެ. އަދި، ކާކްއަށް ގައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ޝަރަފް ދޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި ޗާލީ ކާކް (ކ). ފޮޓޯ/ރޮއިޓާސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ ވައަތްފަރާތުން ކަނދުރާއަށް ބަޑީގެ ވަޒަން އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެއެވެ. ކާކް ލިންކްޑްއިން އެކައުންޓުން ބުނާ ގޮތުގައި އޭނާއަކީ އެގައުމުގެ އެންމެ ބޮޑު ގައުމީ ދަރިވަރުންގެ ކޮންޒަވޭޓިވް ޖަމިއްޔާތަކުގެ ތެރެއިން އެއް ޖަމިއްޔާ ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ"ގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ. "ޓާނިން ޕޮއިންޓް ޔޫއެސްއޭ"އަކީ މިނިވަން މާކެޓްތަކާއި، ލިމިޓެޑް ސަރުކާރުގެ އުސޫލުތައް ކުރިއެރުވުމަށް ޒުވާނުން ދެނެގަނެ، އިންތިޒާމުކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. ދެހާސް ބާރަވަނަ އަހަރު އެ ޖަމިއްޔާ އުފެދުނު ފަހުން، އޭރު އުމުރުން 18 އަހަރުގެ ކާކް ވަނީ ޖަމިއްޔާ ފުޅާކޮށް މުޅި ގައުމުގެ 2،000 އަށް ވުރެ ގިނަ ހައި ސްކޫލާއި ކޮލެޖް ކެމްޕަހުގައި ތަމުސީލުކޮށް، 260،000 އަށް ވުރެ ގިނަ ދަރިވަރުން މެންބަރުންގެ ގޮތުގައި އިތުރުކޮށްފައެވެ. ކާކަކީ ވަރަށް ގިނައިން ޓީވީތަކުން ފެންނަ މޫނެކެވެ. އޭނާއަކީ ޓްރަމްޕާއި އެ މަނިކުފާނުގެ އާއިލާއާ ގާތްގަޅުމެއް އޮންނަ މީހެއް ކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ