ބިލުގެ ނަތީޖާއަކީ ސަރުކާރާ މެދު ތަފާތު ނަޒަރުތަކުން ވިސްނުން ހަނިކޮށް ކޮންޓްރޯލްކުރުން: ސަވާދު

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ ބިލުގެ ނިޔަތަކީ ކޮންޓްރޯލްކުރުން ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ ތަފާތު ނަޒަރިއްޔާތުތަކުން ސަރުކާރާ މެދު ރައްޔިތުން ވިސްނުމަށް އޮތް ޖާގަ ހަނިވުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެއީ ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.
ނޫސްވެރިންގެ އިތުރުން ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ބިލު ބޭރުކުރަން ގޮވާލަމުން ދަނިކޮށް، މަޖިލީހަށް ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލުގެ މަސައްކަތް ފެށުމާއެކު ނޫސްވެރިން ގެންދަނީ އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އެ ގޮތުން މި ބިލުން ސޯޝަލް މީޑިއާގައި އާންމުން ކުރާ ޕޯސްޓްތަކަށް ވެސް ފިޔަވަޅު އެޅޭނެކަން ތަފްސީލްކޮށްދިނުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗްގައި 'ހިޔާލާއި ފިކުރު ކަފުނަށް' ނަމުގައި ފޯރަމެއް ބާއްވާފައިވެ އެވެ.
ތަފްސީލް - މި ފޯރަމްގައި ވާހަކަ ދައްކަވަމުން ސަވާދުގެ ވާހަކަ ވަރަށް ބޮޑަށް ބިނާކުރެއްވީ ޑިމޮކްރެސީއާއި މިނިވަން ހިޔާލުފާޅުކުރުމުގެ ފަލްސަފާއާއި ރާއްޖޭގައި ވެސް ޖުމްހޫރީ ޑިމޮކްރެސީއެއް ހިނގަމުންދާއިރު މީގައި ނޫސްވެރިކަމުގެ ދައުރުގެ މުހިންމު ކަމުގެ މައްޗަށެވެ.
"މުޅި މި ދިވެހި ދައުލަތަކީ އެންމެ އަސާސީ ސިޔާސީ ޖަމިއްޔާ. އެ ޖަމިއްޔާގެ މެންބަރުންނަކީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން. މި ސިޔާސީ ޖަމިއްޔާގެ އަސާސީ ސިފައެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި މި ވަނީ މިއީ ޖުމްހޫރީ ޑިމޮކްރެސީއެކޭ،" ސަވާދު ވިދާޅުވި އެވެ.
އެހެންކަމުން ކޮންމެ މީހަކަށް ވެސް ވަކި ސިޔާސީ ފިކުރެއްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ ކަމަށް ސަވާދު ވިދާޅުވި އެވެ. އަދި އެ ފިކުރެއް ފެތުރުމުގެ ހައްގާއި ފުރުސަތު ވެސް ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިފަދަ މުޖުތަމައެއްގައި ނޫސްވެރިންގެ ދައުރަކީ ދައުލަތުގެ ބާރުތަކުން ކުރާ ކަންކަން ގެނެސްދިނުމެވެ. ނޫސްވެރިންގެ ތެރޭގައި ވެސް ތަފާތު ފިކުރުގެ ނޫސްވެރިން ތިބޭނެކަމާއި، އެ މިނިވަންކަމުން ގެނެސްދޭ ކަމަކީ ދައުލަތުގެ ބާރުތަކުން ކުރާ ކަންކަން ތަފާތު ނަޒަރިއްޔާތުތަކުން ވިސްނުމުގެ ޖާގައެއް ކަމަށް ސަވާދު ވިދާޅުވި އެވެ.
ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގައި ނޫސްވެރިން ބައިވެރިވެގެް ރެގިއުލޭޓްކުރުމުގެ ސިފައެއްގެ ނިޒާމެއް ގެންގުޅޭ ސަބަބަކީ ވެސް ދައުލަތުގެ ބާރުތަކަށް ފާރަވެރިވުމުގެ ޖާގަ ދޭން ވެގެން ކަމަށް ސަވާދު ވިދާޅުވި އެވެ. ނޫސްވެރިންގެ ހިޔާލެއް ނެތި މަޖިލީހަށް ބިލު ހުށަހެޅުމުން ވެސް އެ އުސޫލާ ހިލާފުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ދައުލަތް ހިނގަމުންދާ ގޮތާ މެދު ރައްޔިތުންނަށް ތަފާތު ނަޒަރިއްޔާތުތަކުން ވިސްނުމުގެ ޖާގަ ހަނިވެގެންދާނެ. ދައުލަތުގެ ބާރުތަކުން ކަން ކުރާ ގޮތް ނޭނގޭ ހާލަތުގައި، ކޮންމެ ފަސް އަހަރަކުން އެ ބާރުތަކާ މެދު ގޮތެއް ނިންމާނެ ހާލަތެއް ނާންނާނެ،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ގަބޫލުކުރައްވާ ގޮތުގައި މިހާރު ނޫސްވެރިން ރެގިއުލޭޓްކުރުމަށް އޮތް މޯލްޑިވްސް މީޑިއާ ކައުންސިލަކީ ރާއްޖޭގައި ހިނގާ އެންމެ ހަރުދަނާ އެއ ްމުއައްސަސާ އެވެ. ހަރުދަނާވާ ސަބަބަކީ ވެސް އެ ތަނުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ ދައުރު ވެސް ނެތުން ކަމަށް ވިދާޅުވި އެވެ.
"މި ބިލުން ފުރަތަމަ ކުރަން އުޅޭ ކަމަކީ އެ ފަންގިފިލާ އެއްކޮށް ތަޅާލުން. ބިލު ފުރަތަމަ ހުށަހެޅުނު އިރު ވެސް އެބަ އެނގޭ މީގައި މި އުޅެނީ ކޮންޓްރޯލްގެ ނިޔަތް ކަން. ހަގީގީ މާނައެއްގައި ނޫސްވެރިކަން ޒިންމާދާރުކޮށް ރެގިއުލޭޓްކުރާކަށް ނޫން،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ވިދާޅުވީ ބިލު އޮތް ގޮތުން ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ވެސް މި ބިލުން ފިޔަވަޅު އެޅެން އެބަ އޮތް ކަމަށެވެ. ރާއްޖޭގައި ކޮންމެ އުމުރުފުރާއެއްގެ މީހަކު ވެސް ސޯޝަލް މީޑިއާއާއި އިންޓަނެޓް ބޭނުންކުރާ ކަމަށާއި މި ބިލުން ރާއްޖޭގެ ފަސްގަނޑުގައި އުޅޭ ކޮންމެ މީހަކު ވެސް ގޮޅިއަކަށް ފެއްތުމުގެ ޖާގަ އެބަ ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ވަސީލަތްތައް، އިންޓަނެޓާ ނުލައި މިހާރު ނޫޅެވޭ. ސިޔާސީ ކަންކަމަށް ފާޑުނުކިޔައެއް ނޫޅެވޭ. އެއީ މި ޖުމްހޫރިއްޔާގެ މެންބަރަކަށްވީތީ އަޅުގަނޑުމެން ކުރަން ލާޒިމު ވެސް ކަމެއް،" ސަވާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ