ލަނޑު ލިބުނު ކަމަށް ބުނާ ދިވެހި ދެ ޑޮކްޓަރުންނަށް 471,640ރ. އަނބުރާ ދޭން އަންގައިފި

ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ބަޔަކު ދިވެހި ޑޮކްޓަރުންތަކަކަށް އޮޅުވާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ލަނޑު ލިބުނު ކަމަށް ބުނާ ދިވެހި ދެ ޑޮކްޓަރުން, އެ މީހުންނަށް ރީފަންޑުގެ ގޮތުގައި 471,640ރ. ދައްކަން އެދި ގާނޫނީ އިންޒާރުގެ ލިޔުން އެ ކުންފުންޏަށް ފޮނުވައިފިއެވެ. ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާ ބަޔަކު ހިންގާ, ޒީޑް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން, މެޑިކަލް ދާއިރާއިން ކިޔެވުމަށް ގިނަ އަދަދެއްގެ ފައިސާ ދެއްކި ދިވެހި ޑޮކްޓަރުންތަކަށާއި ދަރިވަރުންތަކަކަށް އޮޅުވާލައި, ސްކޭމެއްގައި ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ދަރިވަރުންނާއި އެ ކުދީންގެ އާއިލާތަކުން ވަނީ ސޯޝަލް މީޑިއާގައި މި ފަހުން ހާމަކޮށްފައެވެ. https://x.com/sunbrk/status/1965773443619844298/video/1 އެއާއެކު ދިވެހި ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. މި މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް, ހިލޭ ސާބަހަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ, އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީއިން މިއަދު "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ޕިލިޕީންސްއިން ސްޕެޝަލައިޒް ވުމަށް އެދި ފައިސާ ދެއްކުމުން ޒީޑުން ލަނޑުދިން ކަމަށް ބުނާ ދިވެހި ދެ ޑޮކްޓަރުން އެ ކުންފުންޏަށް ދެއްކި ފައިސާ ހަތް ދުވަސް ތެރޭގައި އަނބުރާ ދައްކަން އެދި ގާނޫނީ އިންޒާރުގެ ސިޓީ އެ ކުންފުންޏަށް ހުކުރު ދުވަހު ފޮނުވާފައިވާ ކަމަށެވެ. ގާނޫނީ އިންޒާރުގެ ސިޓީގައި އެ ދެ ޑޮކްޓަރުންގެ ފަރާތުން ގާނޫނީ ވަކީލުން ފާހަގަ ކުރައްވާފައިވަނީ ފިލިޕީންސްގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ކުރިން ހަދަން ޖެހޭ, ޕްރޮފެޝަނަލް ރެގިއުލޭޝަން ކޮމިޝަން (ޕީއާރުސީ) އިމްތިހާނާ ގުޅޭ ގޮތުން ޒީޑުން ހަގީގަތާ ހިލާފު މައުލޫމާތު ދިން ކަމަށާއި އޭގެ ސަބަބުން އެ އިމްތިހާނުގައި އެ މީހުންނަށް ބައިވެރި ނުވެވުނު ކަމަށެވެ. މީގެ އިތުރުން ވިސާގެ މައްސަލަ ޖެހި އެއް ޑޮކްޓަރަކު ޑީޕޯޓް ކުރުމާއި ކޯހުގެ ފީ ކަމަށް ބުނެ އޮޅުވާލައިގެން މާ ބޮޑު އަގެއް ހުށަހެޅި ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. ހަމައެކަނި އެ ޑޮކްޓަރުންނާ ދޭތެރޭ ކަންތައް ކުރިގޮތުން ޒީޑުގެ މައްޗަށް ވަކީލުން ތުހުމަތު ކުރަނީ ދޮގު މައުލޫމާތު ދިނުމާއި ވައުދުވި ގޮތަށް ސްޓޫޑެންޓް ވިސާ އާއި ޕްލޭސްމަންޓް ނުދިނުމާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. ވަކީލުން ޒީޑަށް އަންގާފައިވަނީ އެ ދެ ޑޮކްޓަރުންނަށް ރީފަންޑުގެ ގޮތުގައި 209,500 ރުފިޔާ އާއި 17,000 ޑޮލަރު (262,140.ރ.) ހަތް ދުވަސް ތެރޭގައި ދެއްކުމަށެވެ. އެ ފައިސާ އެ މުއްދަތުގައި ނުދައްކައިފިނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަންގާފައިވެއެވެ. މީގެ އިތުރުން އެ ޑޮކްޓަރަކު ޑީޕޯޓް ކުރުމުން ލިބުނު ގެއްލުމާއި، ވަޒީފާގެ ފުރުސަތުތައް ގެއްލި، އެ މީހުންގެ އަބުރަށް ގެއްލުން ލިބުމުން ބަދަލު ހޯދުމުގެ ހައްގު ވެސް އެ މީހުންނަށް ލިބިގެންވާ ކަމަށް ލިޔުމުގައިވެއެވެ. މި މައްސަލައިގައި އުޅޭ ގާނޫނީ ފާމުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ޒީޑުން އޮޅުވާލި ކަމަށް ބުނެ ފަސް ދިވެހި ދަރިވަރުން ވަނީ އެހީތެރި ކަމަށް އެދިފައެވެ. އެ ލޯ ފާމަށް ލިބި އަދި ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން ޒީޑް އިންޓަނޭޝަނަލްއިން ވަނީ މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި މެޑިސިންގެ ދާއިރާއަށް ޚާއްސަކޮށްގެން ކިޔެވުމާ ޕްރޮގްރާމްތަކަށް ކިޔަވައިދޭ މަރުކަޒުތަކުން ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ތުހުމަތުތައް ދޮގުކޮށް, ޒީޑް އިންޓަނޭޝަނަލްގެ ސީއީއޯ މުހައްމަދު ފައިޒީން ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ ދަރިވަރު ކިޔަވަން ރަޖިސްޓްރީކުރީ ފިލިޕީންސްގައި ހުންނަ އެ އޭޖެންސީގެ ޕާޓްނަރު އޭޖެންޓް މެދުވެރިކޮށް ކަމަށާއި، އެ ދަރިވަރު ތަމްރީނުތައް ހެދުމުގެ ކުރިން ޕީއާރުސީ އިމްތިހާނުން ފާސްވާން ކޮންމެހެން މުހިންމު ކަމަށެވެ. އެ ދަރިވަރު ފިލިޕީންސުން ޑީޕޯޓްކުރީ އެ އެޖެންސީގެ މައްސަލައަކުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޒީޑުން މަސައްކަތްކުރަނީ ރާއްޖޭގައި ކަމަށްވާއިރު، ދަރިވަރުންގެ ރަޖިސްޓްރޭޝަނާއި މާލީކަންކަން ބަލަހައްޓަނީ ފިލިޕީންސްގެ އޭޖެންޓް ކަމަށް ފައިޒީން ވިދާޅުވިއެވެ. އޭނާ ވަނީ ޒީޑުން އެއްވެސް ފަރާތަކަށް ސްކޭމް ނުކުރާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/211102 ގާނޫނީ ވަކީލުން ބުނާ ގޮތުގައި މި މައްސަލައިގައި ވަކިން ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އެ އޭޖެންސީއިން, ދިވެހިރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަން (ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް) ހިންގާ އޮފީސް ބޭނުންކޮށްގެން ކިޔަވަންދާ ދަރިވަރުންނާ ބައްދަލުކޮށް ޕްރެޒެންޓޭޝަން ދީ ބައްދަލުވުންތައް ބާއްވަމުންދާ ދިއުން ކަމަށެވެ. މި ވަގުތު ވެސް މި އޭޖެންސީ ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ބުނެއެވެ. މި މައްސަލައިގައި ކްރިކެޓު އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ހަފުތާ ހޯމަ ދުވަހު އެ ބޯޑުގެ އޮފީހަށް ފުލުހުންނާ އެއްކޮށް އިތުރު ބަޔަކު ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބުނު ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެތަނަށް އެ ބޯޑުގެ ސީނިއާ މެނޭޖުމަންޓުން ދިޔަ ކަމަށް ބަޔާނުގައިވެއެވެ. އެ ތަނަށް ގޮސް ބެލިބެލުމުގައި، އެ ކްރިކެޓު ބޯޑުގެ އިމާރާތަށް ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބިދޭސީއަކު ވަދެފައިވާ ކަމާއި އެ މީހާ އޮފީހަށް ވެއްދުމުގައި އެތަނުގެ މުވައްޒަފަކު ބައިވެރިވި ކަމަށް ފާހަގަކުރެވުނު ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އެހެންވެ، އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ