މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އައު މެނޭޖިން ޑިރެކްޓަރެއް
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން އުފެއްދި, މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ އައު މެނޭޖިން ޑިރެކްޓަރު ކަމަށް، ޑރ. މުހައްމަދު އިބްރާހީމް, އައްޔަންކޮށްފިއެވެ. އދ. މާމިގިލި, ޖަވާހިރުވާދީ، މުހައްމަދު އިބްރާހީމް، މީގެ ކުރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމީން އާންމުގެ މަގާމުވެސް ފުރުއްވައިފައެވެ. އެމްއެފްއޯއާރުއެމްޕީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށާއި ބޯޑު މެންބަރުކަމަށް އޭނާ އައްޔަންކުރެއްވީ މިއަދު ކަމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން ބުންޏެވެ. އެ މަގާމަށް މުހައްމަދު އިބްރާހީމް އައްޔަންކުރެއްވީ މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޒަރީރު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަންކުރުމާ ގުޅިގެންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ. ރާއްޖޭގައި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ކުންފުންޏެއް އުފައްދަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މަސްވެރިންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ޑިސެމްބަރު 10، 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގައި މާކެޓް ކުރުމަކީ މިހާތަނަށް މާބޮޑު ސަމާލުކަމެއް ދީގެން ކުރެވުނު ކަމެއް ނޫންކަމަށެވެ. ނަމަވެސް ދިވެހި މަސް ގަންނާނެ އާ ބާޒާރުތައް ހޯދަން ޖެހޭކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުސަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ