އަލީބާބާގެ ވޯކްޝޮޕްގައި 448 ވިޔަފާރި ރަޖިސްޓްރީވި: އިކޮނޮމިކް މިނިސްޓްރީ

ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމް އަލީބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި 400 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. މި ހަފުތާގެ އަންގާރަ ދުވަހު ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބުރާސްފަތި ދުވަހު "އެކްސް"ގައި ލިޔުއްވި ގޮތުގައި 24 ގަޑިއިރުތެރޭ އެ ވޯކްޝޮޕްގައި ބައިވެރިވުމަށް 155 އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ރަޖިސްޓްރީވެފައިވެއެވެ. އެހެންވެ، އިއްޔެގެ ނިޔަލަށް މި ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވީ ކިތައް ވިޔަފާރިވެރިންތޯ "ސަން"އިން ސުވާލުކުރުމުން، އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުއްދަތުހަމަވިއިރު ޖުމުލަ 448 ވިޔަފާރިވެރިއަކު މި ވޯކްޝޮޕްގައި ބައިވެރިވެފައިވާ ކަމަށެވެ. https://x.com/em_saeed/status/1966181398634729793 އިކޮނޮމިކް މިނިސްޓްރީން ބުނީ، އަލީބާބާގެ ތަޖުރިބާކާރުން މައުލޫމާތު ހިއްސާކުރާ މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާގެ ޕްލެޓްފޯމްގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ. މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ. https://sun.mv/211113 ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިކޮށް ވިޔަފާރިކުރާ 400އަށް ވުރެ ގިނަ ވިޔަފާރިވެރިން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހެދި އިންވެންޓްރީއަކުން ހާމަވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހަމުގެ ފަރުވާކުރާ ޕްރޮޑަކްޓުތައް އުފައްދާ ފަރާތްތަކާއި އޮސްޓްރޭލިއާގެ ލެބަކުން ރިސާޗްކޮށްގެން ރާއްޖޭގެ މޫސުމަށް ސަންޓޭން ލޯޝަން އުފައްދާ ފަރާތްތައް ހިމެނޭކަން ސައީދު ފާހަގަކުރައްވާފައިވެއެވެ. އަލީބާބާގެ އިތުރުން ވެސް ޓީމޫއާއި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމްތަކުން އާއްމު ގޮތެއްގައި ދިވެހީން އޮންލައިން ވިޔަފާރިކޮށް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ