އައިފޯން 17ގެ ޕްރީ-އޯޑަރުތަކުން ރެކޯޑް މުގުރާލައިފި

އެޕަލްގެ އާ އައިފޯން 17 ސީރީޒް ޗައިނާގެ ބާޒާރުގައި ބޮޑު ކާމިޔާބީއަކާ އެކު ފަށައިފައިވާއިރު، މިފަހަރުގެ ޕްރީ-އޯޑަރުތަކުން ކުރީގެ ހުރިހާ ރެކޯޑްތަކެއް މުގުރާލައިފިއެވެ. ޗައިނާއަކީ އެޕަލްއަށް ވަރަށް މުހިންމު ބާޒާރެކެވެ. ނަމަވެސް މި ބާޒާރުގައި އެޕަލްއަށް ދިމާވާ ގޮންޖެހުންތައް މަދެއް ނޫނެވެ. ސައުތު ޗައިނާ މޯރނިންގ ޕޯސްޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިފޯން 17 ސީރީޒްގެ ޕްރީ-އޯޑަރުތައް ހުޅުވުނުތާ އެންމެ މިނިޓެއްގެ ތެރޭގައި، ޗައިނާގެ އެންމެ ބޮޑު ރީޓެއިލާ ކަމަށްވާ ޖޭޑީ.ކޮމް ގައި ވިކުނު އަދަދު ވަނީ އައިފޯން 16 ސީރީޒްގެ ފުރަތަމަ ދުވަހުގެ ޕްރީ-އޯޑަރުގެ އަދަދަށްވުރެ އިތުރުވެފައެވެ. ޖޭޑީ.ކޮމް ގައި އެންމެ ގިނައިން ވިކުނު މޮޑެލަކީ 256ޖީބީ ސްޓޯރޭޖްގެ އައިފޯން 17 އެވެ. ޑިމާންޑް ބޮޑުކަމުން އެޕަލްގެ އަމިއްލަ ވެބްސައިޓުން ޕްރީ-އޯޑަރު ކުރުމުގައި ދަތިތަކެއް ވެސް ކުރިމަތިވި ކަމަށް ވެއެވެ. ބައެއް ފަހަރު ފައިސާ ދެއްކުމަށް ފަސް މިނިޓް ނެގި ކަމަށް ވެއެވެ. ޝަންހާއީގައި ހުންނަ އެޕަލް ސްޓޯރުތަކުން އައިފޯން 17 ޕްރޯ މެކްސް އިން-ސްޓޯރު ޕިކްއަޕް ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ޓައިމް ސްލޮޓްތަކެއް 20 މިނިޓް ތެރޭގައި ފުރިފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން، ގުއަންޒޫގައި އައިފޯން 17 މޮޑެލްއެއް ބޭނުންވާ ފަރާތްތަކަށް އޮކްޓޯބަރު 15 އާ ހަމައަށް އިންތިޒާރު ކުރަން ޖެހުނެވެ. އައިޑީސީގެ ސީނިއާ ރިސާޗް ޑިރެކްޓާ ނަބީލާ ޕޮޕާލް ވިދާޅުވީ، އެޕަލްއިން އައިފޯންގެ މޮޑެލްތައް ތަފާތުކޮށް، ކޮންމެ މޮޑެލްއެއްވެސް ވަކި ބޭނުންތަކަށް އަމާޒުކޮށްފައިވާތީ، މިއީ ގިނަ ބަޔަކު އައިފޯން ގަތުމަށް ބާރުއެޅި ކަމެއް ކަމަށެވެ. މި ބޮޑު ކާމިޔާބީއާ އެކުވެސް، އެޕަލްއަށް ވަނީ ގޮންޖެހުމެއް ކުރިމަތިވެފައެވެ. އައިފޯން އެއާގެ ޕްރީ-އޯޑަރުތައް ޗައިނާގައި އަދި ހުޅުވާލެވިފައެއް ނުވެއެވެ. މީގެ ސަބަބަކީ ރެގިއުލޭޓަރީ ހުއްދަ ލިބުމުގައި ދިމާވެފައިވާ ލަސްވުމެކެވެ. އައިފޯން އެއާ އަކީ ދުނިޔޭގެ ބާޒާރަށް ނެރޭ އެޕަލްގެ ފުރަތަމަ އީސިމް އޮންލީ މޮޑެލްއެވެ. މާނައަކީ އެފޯނުގައި ފިޒިކަލް ސިމް ސްލޮޓް ނުހުރުމެވެ. މި މޮޑެލް ވިއްކުމަށް ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުއްދަ ލިބެން ޖެހެއެވެ. ނަމަވެސް، މިހާތަނަށް އެ ހުއްދަ ލިބިފައެއް ނުވެއެވެ. އައިފޯން އެއާގެ ޕްރީ-އޯޑަރުތައް ހުޅުވުމަށް ލަސްވިޔަސް، ޗައިނާގެ ސަރުކާރު ތިން ކެރިއަރަކުންވެސް އީސިމް-އޮންލީ އައިފޯން އެއާ ސަޕޯޓް ކުރާނެ ކަމަށް ވެއެވެ. ނަމަވެސް މިއީވެސް ރެގިއުލޭޓަރީ ހުއްދައަށް ބިނާވެފައިވާ ކަމެކެވެ. އައިފޯން 17 ގެ ޕްރީ-އޯޑަރުތަކުން ޗައިނާގައި އެޕަލްއަށް ލިބުނު ކާމިޔާބީއަކީ ވަރަށް ރަނގަޅު ހަބަރެކެވެ. ހާއްސަކޮށް، އެންމެ އާ މޮޑެލްއަށް ހުއްދަ ލިބުމަށް އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ކާމިޔާބީއެއް ލިބުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ