މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިން ލާފައިވާ ޕެޓިޝަންގެ މަސައްކަތް ނުފަށާ އޮންނަތާ ދެ ހަފްތާ ވެއްޖެ އެވެ.
ވީކިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލު ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިއަކު ސޮއިކޮށް މި ޕެޓިޝަން ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅީ މިމަހުގެ 3 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ވަގުތު އޮތް އެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ ބިލު ބޭރުކޮށްލަން ގޮވާލައި ހުށަހަޅާފައި ޕެޓިޝަނުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ޕެޓިޝަން ކޮމިޓީގައި ކޮށްފައެއް ނުވެ އެވެ.
ބުނީ ކީކޭ؟ - ޕެޓިޝަންގެ މަސައްކަތް ދެ ހަފްތާވީއިރު ވެސް ނުފަށައި އޮންނާތީ ސުވާލުކުރުމުން ގައްދޫ ދާއިރާގެ މެންބަރު، އަދި ޕެޓިޝަން ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވީ އެ މަސައްކަތް އޮތީ "ޕާކް ކޮށްފައި ނޫން" ކަމަށެވެ.
އޭނާ ވިދާޅުވީ:
މަޖިލީހުގެ އިދާރާއިން ޕެޓިޝަން ކޮމިޓީއަށް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު
މިވަގުތު ހުރީ މާލެއިން ބޭރުގައި ކަމުން، މިއަދު މާލެ ވަޑައިގެން މި ހަފުތާ ތެރޭގައި ޕެޓިޝަންގެ މަސައްކަތް ފަށަން މަސައްކަތް ކުރާނަން
މާދަމާ މަޖިލީހުގެ ޖަލްސާއެއް ވެސް އޮތުމާއެކު އެއާ ޖެހިގެން އަންނަ ދުވަހު ކޮމިޓީ ބައްދަލުވުމެއް ބާއްވައިގެން ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދާނަން
"އެއްގޮތަކަށް ވެސް ޕާކު ކޮށްފަ ބޭއްވީކީ ނޫން، އެފަދަ އެއްވެސް ވިސްނުމެއް ނެތް އަޅުގަނޑުމެންގެ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިހާރު ޗުއްޓީގައި އޮތް މަޖިލިސް، ދައުރުން ބޭރުން މި މައްސަލައާ ގުޅޭ ގިނަ ކޮމިޓީ ބައްދަލުވުންތަކެއް ބާއްވައިގެން ބިލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، މާދަމާއަކީ އެ ބިލު ދިރާސާކުރަން ކޮމިޓީން ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހެވެ.
ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަނީ މީޑިއާ ބިލު ފާސްކުރަން ކަމަށްވާނަމަ، އެޖަލްސާގެ ފަހުން ކޮމިޓީއެއް ބޭއްވިޔަސް، ޕެޓިޝަންގެ ބޭނުމެއް ނޯންނާނެ އެވެ.
މި ކަންބޮޑުވުން ފާޅުކުރުމުން މުހައްމަދު އަލީ ވިދާޅުވީ އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ވިދާޅުވާން އެނގޭނީ މާދަމާގެ ޖަލްސާގެ ތަފްސީލުތައް ބަލާލާފައި ކަމަށެވެ. އެޔަށްފަހު އެކަމާބެހޭގޮތުން ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ނޫސްވެެރިން ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ އެ ބިލު ފަރުމާ ކުރުމުގައި ނޫސްވެރިންނާއި އާންމުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާޖަމާއަތްތަކުގެ މަޝްވަރާ އެއްވެސް ވަރަކަށް ހޯދާފައިނުވާ ކަމަށެވެ.
އޭގެ އިތުރަށް ޕެޓިޝަނުގައި ބުނެފައިވަނީ:
ބިލު ފަރުމާކޮށްފައިވަނީ ނޫސްެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށް
ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް
ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް
ދެ ހަފުތާ ވީއިރު ވެސް ނޫސްވެރިންގެ ޕެޓިޝަންގެ މަސައްކަތް ނުފެށޭ، މުގައްރިރު ވިދާޅުވީ ޕާކް ނުކުރާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ