ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.
"މެންދުރު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަނާބު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށް ޖަނާބު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް، އެނގޭތޯ، ރަނގަޅު ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ ދައުރު މިދަންނަވާހެން ދަމާލުމަކީ ވެސް ގޯސްކަމެއް ނޫން، އެނގޭތޯ. އެކަމަކީ ހަމަ މަޝްވަރާ ކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެއީ ހަމަ ރަނގަޅު ކަމެއް ކަމަށް،" ޖަނާބު ވިދާޅުވި އެވެ.
ރިޔާސީ ދައުރު ދަންމާލަން ސަރުކާރުން ވިސްނާތޯ އަދި އެ މަސައްކަތް ފަށަން ޖަނާބު ގަސްދުކުރައްވަންތޯ ސުވާލު ކުރުމުން އޭނާ އެކަމަށް ސީދާ ޖަވާބެއް ޕްރޮގްރާމުގައި ނުދެއްވި އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ރިޔާސީ ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ.
"ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމަށް ބޭނުންވާނެ، އެނގޭތޯ. އެކްސްޕާޓް އޮޕީނިއަން ބޭނުންވާނެ، ކެބިނެޓުގެ މަޝްވަރާ ބޭނުންވާނެ، މަޖިލީހުގެ މަޝްވަރާ ބޭނުންވާނެ،" ޖަނާބު ވިދާޅުވި އެވެ. "އަޅުގަނޑު ތި ހިޔާލަށް އަނެއްހެން ދަންނަވަންޏާ ތާއީދު ކުރަން، އެނގޭތޯ އަޅުގަނޑު ދެކޮޅެއް ނޫން ތިކަމާ."
ރިޔާސީ ދައުރު ދަންމާލުމުގެ ވާހަކަ ޖަނާބު ދެއްކެވިއިރު، ރިޔާސީ ދައުރު އިތުރު ކުރަން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވިދާނެ ކަމަށް ބުނާ ބިލެއް އޮތީ ސަރުކާރގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.
އާންމުންގެ ވޯޓަކަށް ދެވޭ ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ހިމެނެ އެވެ.
އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރިޔާސީ ދައުރު ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން ތާއީދު ކުރާ ކަމަށް ޖަނާބު ވިދާޅުވެއްޖެ ރިޔާސީ ދައުރު ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން ތާއީދު ކުރާ ކަމަށް ޖަނާބު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ