އިމްޕޯޓް ޑިއުޓީއަށް ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ނުދައްކާ، ސިނގިރޭޓު އެތެރެކޮށް، ބޮންޑެޑް ވެއާހައުސްއެއްގައި ބެހެއްޓުމަށްފަހު، އެތެކެތި ސިއްރުން އެ ވެއާހައުސްއިން ހުސްކުރި ކުންފުންޏެއްގެ މައްޗަށް އެ ފައިސާ ދައްކަން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ފައިސާ ދައްކަން ހުކުމް ކޮށްފައިވަނީ، 'އެސްޖީއެމް ބޮންޑެންޑް ވެއާހައުސް' ނަމުގައި ހިންގާ ތަނެއްގެ މައްޗަށެވެ. ބިމާއި އިމާރާތްތައް ކުއްޔަށް ދިނުމާބެހޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކަސްޓަމްސްއިން ހުށަހަޅާފައިވަނީ:
އެތަނުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ
ކަސްޓަމްސްއަށް ނާންގާ ސިއްރުން އެ ބޮންޑެޑު ވެއާހައުސްއިން މުދާ ބޭރުކޮށްފައިވާތީ
ތަފްސީލް - މިއަހަރުގެ 22 ޖުލައިގައި ހުށަހެޅި އެ މައްސަލާގައި ކަސްޓަމްސްއިން އެދިފައިވަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި ކަސްޓަމްސްއަށް ނާންގާ ބޮންޑެޑް ވެއާ ހައުސްއިން މުދާ ބޭރުކޮށްފައިވާތީ ލިބެންޖެހޭ ފައިސާގެ ގޮތުގައި 20.7 މިލިއަން ނަގައިދިނުމަށެވެ.
އެ ކުންފުންޏަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ އެކުންފުނީގެ ގައިރު ހާޒިރުގަ އެވެ. ހުކުމުގައި ބުނީ:
އެސްޖީއެމް ބޮންޑެންޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ބޮންެންޑް ވެއާހައުސެއް ރަޖިސްޓްރީކޮށްފައިވޭ
27 އެޕްރީލް 2018 އަދި 4 ޖޫން 2018 ވަނަ ދުވަހު ރާއްޖެއައި މެކްސް ކޮންޑެންޓާ ބޯޓުގައި އެސްޖީއެމް ނަމުގައި 430 ކޭހުގެ އެމެރިކަން ލެޖެންޓް ބްރޭންޑުގެ ސިނގިރޭޓު އަދި 250 ކޭހުގެ އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯ ރާއްޖެ ގެނެސްފައިވާކަން އެނގޭ
މި މުދާތައް ކަސްޓަމްސްއިން ކުލިއާކޮށްގެން، އެސްޖީއެމް އިން މާލޭ ކޮމާޝަލް ހާބަރު ސަރަަހައްދުން ނެރެފައިވާކަން އެނގޭ
ކޮމާޝަލް ހާބަރުން ނެރެ އެސްޖީއެމްގެ ބޮންޑެޑް ވެއާހައުސްއަށް ވައްދާފައިވާކަމާއި ނެރެފައިވާކަން އެނގޭ
ފައިސާ ދެއްކުމަށް އެސްޖީއެމްއަށް ކަސްޓަމްސްއިން އެންގުމުން 20 ސެޕްޓެމްބަރު 2018ގައި ޗެކެއް ހުށަހަޅާފައިވޭ؛ އެކަމަކު އެކައުންޓުގައި ފައިސާ ނެތުމުން ޗެކް ބައުންސްވެފައިވޭ
ޗެކް ބައުންސްވުމުން، އެސްޖީއެމްއަށް ދެމުންއައި ހިދުމަތް ކަސްޓަމްސްއިން މެދުކަނޑާލާފައިވޭ
ބޮންޑެޑް ވެއާ ހައުސް ހުރި ތަނުގައި އެ ވެއާހައުސް ނެތްކަން 29 ޑިސެމްބަރު 2024ގައި ފާހަގަކުރެވުމުން އެތަން ބަލައި ފާސްކުރިއިރު އެތަނުގައި ހުންނަންޖެހޭ މުދާ ނެތްކަމާއި، އެތާގައި މިހާރު ހުރީ މީހުން ދިރިއުޅޭ އެޕާޓުމަންޓެއްކަން ފާހަގަކުރެވިފައިވޭ
އެ މުދާތަކުގެ ޑިއުޓީއަށްވާ ފައިސާ 30 ދުވަސްތެރޭ ދައްކަން އެދުވަހު އަންގާފައިވޭ އަދި އެ ފައިސާ ފަސް ދުވަސްތެެރޭ ދައްކަން މިދިޔަ ފެބްރުއަރީގައި ވެސް އަންގާފައިވޭ؛ އެކަމަކު އެ ފައިސާ ނުލިބޭ
މިކަންކަމަށް ބެލުމުން ކަސްޓަމްސްއަށް ނާންގާ ސިއްރުން އެ ސިިނގިރޭޓުތައް ބޮންޑުން ބޭރުކޮށްފައިވާކަން އެނގޭ؛ އެހެންކަމުން އެ ފައިސާއަކީ ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް
ސިވިލް ކޯޓުން ހުކުމްކުރީ ކުރިއަށް އޮތް 14 ދުވަސްތެރޭގައި އެ ފައިސާ ދައްކާ ނިންމުމަށެވެ.
އެނގުން މުހިންމު - ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން:
ބޮންޑަށް މުދާ ވައްދާ މަރުހަލާގައި ކަނޑާއަޅާފައިވާ އަގުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެ
ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ އެ ތަނަށް ވެއްދުމާއި ނެރުމުގައި ނުވަތަ އެތަނުގައި ހުއްޓައި ގެއްލުމެއްވެ، ހަލާކުވެ، ވަގަށް ނަގައި، ނުވަތަ މަދުވެއްޖެނަމަ ވެސް އެ ވެއާހައުސް ހިންގާ ފަރާތުން މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެ
ޑިއުޓީ ނުދައްކާ ސިނގިރޭޓު އެތެރެކޮށް، ބޮންޑެޑް ވެއާހައުސްއިން ސިއްރުން އެތަކެތި ހުސްކުރުމުން 20 މިލިއަން ދައްކަން އަމުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ