ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ދިވެހި އަންހެން ރިލޭ ޓީމަށް ލޯ މެޑަލް

އިންޑިއާގައި ކުރިއަށްދާ ހަތަރުވަނަ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ. މި މަހުގެ 24-26 އަށް ރާންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދާފައިވަނީ 400 ގުނަ ހަތަރެއް ރިލޭ އިވެންޓުގައި ވާދަކޮށްގެންނެވެ. މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންސްޝިޕްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލްއެވެ. ރިލޭ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫސާ ޝަފީއު، އައިޝަތު ޝަބާ އަދި އަހްނާ ނިޒާރެވެ. ރާއްޖޭގެ ރިލޭ ޓީމުން ތިންވަނައިގައި ރޭސް ނިންމާލީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރަން މެޑަލް ހޯދި ސްރީ ލަންކާ ޓީމުން 44.70 ސިކުންތުން ރޭސް ނިންމިއިރު، ރިހި މެޑަލް ހޯދި އިންޑިއާއިން ރޭސް ނިންމީ 44.93 ސިކުންތުންނެވެ. މުބާރާތުގައި ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވިއެވެ. ރާއްޖޭން ވާދަކުރާ ސްކޮޑުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ، ހަސަން ސާއިދު، އިބާދުﷲ އާދަމް، އާދަމް ރިއްފަތު، ހަސަން ނުޖޫމް، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އަހުނަފް ރައްޔާން ފަހުމީ އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ