ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރަން ވިސިޓް މޯލްޑިވްސް އިން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް ނަވާރޯ (ފްލައި)، ފުޓްބޯޅަ ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ، އަދި އެކްޓަރު ޓެޒް ސްކައިލާ ރާއްޖެ ގެނައުމަށް އެ ކުންފުނިން އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން އެނގެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ވާނީ ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރުންގެ ގޮތުގައި ތިބި މީހުންނާއި އެހެނިހެން ރޯލްތަކުގައި ރާއްޖެ ޕްރޮމޯޓްކުރަން ހަވާލުކޮށްފައި ތިބި މީހުން އަދި ކުންފުނިތަކުގެ ބައެއް ތަފުސީލު ހޯދާފަ އެވެ.
ވިޒިޓް މޯލްޑިވްސް އިން ދިން ތަފުސީލުތަކުގައި ބުނެފައިވަނީ މި ތިން މީހުންގެ އިތުރުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހުރީ ބޮލީވުޑުގެ ތަރި ކެޓްރީނާ ކައިފް ކަމަށެވެ. ކެޓްރީނާ އާއެކު އަގުކުރެވިގެން އެއްބަސްވުމެއް ހަދާފައި އޮތް ނަމަވެސް މި ތިން މީހުންނާއެކު ވިޒިޓް މޯލްޑިވްސް އިން ހަދާފައިވަނީ ބާޓާ ސިސްޓަމްގެ އެމްއޯޔޫ ތަކެއް ކަމަށް އެ ކުންފުނިން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
އެ އެމްއޯޔޫތަކުގެ ދަށުން މި ތިން މީހުން ރާއްޖެ ޕްރޮމޯޓުކޮށްދިނުމުގެ މުގާބިލުގައި ވިޒިޓް މޯލްޑިވްސް އިން ފޯރުކޮށްދެނީ ރާއްޖެއަށް ކުރާ ދަތުރުގެ ހަރަދެވެ. އެ ހަރަދުތަކުގެ ތަފުސީލު ޖަވާބާއެކު ވަނީ ފޯރުކޮށްދީފަ އެވެ.
މީގެ ތެރެއިން ވިޒިޓް މޯލްޑިވްސް އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޓްފްލިކްސް އިން ގެނެސްދިން "ވަން ޕީސް" ގެ ލައިވް އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް މަގުބޫލުވި ސްކައިލާ ރާއްޖެ ގެނައުމަށެވެ.
އޭނާ ރާއްޖެއަށް ކުރި ދަތުރުތަކުގެ ހަރަދުގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އިން ވަނީ 552,907.53ރ. ހަރަދުކޮށްފަ އެވެ. މީގެ ތެރޭގައި ސްކައިލާ އަދި އޭނާގެ ޕްރޮޑަކްޝަން ޓީމުން ރާއްޖެ އަންނަން ކުރި ދަތުރުގެ ހަރަދާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ހިންގި އެކި ހަރަކާތްތަކުގެ ހަރަދުގެ އިތުރުން އެ މީހުންގެ ޗުއްޓީގެ ގްރީން ޓެކްސް އެވެ.
ނަވާރޯ ރާއްޖެއަށް ކުރި ދަތުރަށް ވިޒިޓް މޯލްޑިވްސް ހަރަދުކުރީ 85,716.85ރ. އެވެ. އެއީ އޭނާގެ ޓިކެޓުގެ ހަރަދެވެ. ފަބްރީޒިއޯގެ ދަތުރަށް އެ ކުންފުނިން ވަނީ 204,654.24ރ. ހަރަދުކޮށްފަ އެވެ. މިވެސް ފަބްރީޒިއޯ އަދި އޭނާގެ ޓީމުގެ ޓިކެޓު ހަރަދެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި އެ މީހުން ރާއްޖޭގައި ތިބުމާއި އެ ދުވަސްތަކުގެ ކެއުމުގެ ހަރަދު ކުންފުނިން ކޮށްފައި ނުވަނީ ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން އެކަންކަން ހަމަޖައްސައިދީފައިވާތީ އެވެ.
އެ ކުންފުނިން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ތިން މީހުންގެ ތެރެއިން ސްކައިލާ އާއެކު އެމްބެސެޑަރު ކަމުގެ އެއްބަސްވުން ހެދީ ދެ އަހަރަށެވެ. ފަބްރީޒިއޯ އަދި ނަވާރޯ އާއެކު ހަދާފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ.
އެއްބަސްބުންތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި މި ތިން މީހުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ވެސް ވިޒިޓް މޯލްޑިވްސް އިން ހަރަދުކުރާނެ އެވެ.
ރ
ރާއްޖެ އިޝްތިހާރުކުރަން ސްކައިލާ، ނަވާރޯ، އަދި ފަބްރީޒިއޯ ގެންނަން ވިޒިޓް މޯލްޑިވްސް އިން 800،000ރ. ހަރަދުކުރި ރާއްޖެ އިޝްތިހާރުކުރަން ސްކައިލާ، ނަވާރޯ، އަދި ފަބްރީޒިއޯ ގެންނަން ވިޒިޓް މޯލްޑިވްސް އިން 800،000ރ. ހަރަދުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ