އަސާސީ ކިލާސް: ޒުވާން ފަންނުވެރިންނަށް ބޮޑު ފުރުސަތެއްް

'އަސާސީ ކިލާސް' މިއީ ތައުލީމާ ބެހޭ ކްލާހެއް ނޫނެވެ. އެއީ ހުޅުމާލެ ފޭސް 2ގެ ފާލަން ދޮށުގައި ބޭއްވި މިއުޒިކް ޝޯއެކެވެ.
މިއީ މިޔުޒިކް ކުޅުންތެރިންނާއި އެހެން ބައެއް ފަންނުވެރިން ގުޅިގެން އިންތިޒާމްކުރި އިޖުތިމާއީ އާ އަޖުމަބެލުމެކެވެ. ސިލްސިލާކޮށް ބާއްވަމުން އަންނަ މި ޝޯގެ މަގުސަދަކީ ޒުވާން ފަންނާނުން ބިނާކުރުމެވެ. 
އަމިއްލަ ކޮޓަރީގައި ގިޓާ ޖަހަން އިންނަ ޒުވާނާއަށް ވެސް ސްޓޭޖަކަށް އަރާ ލަވައެއް ހުށަހަޅަން ނުވަތަ އަލްބަމެއް ލޯންޗުކުރަން ތަޖުރިބާތަކެއް ބޭނުންވެ އެވެ. އެފަދަ ކަންކަމަށް ތައްޔާރުކުރުމުގެ އަޒުމުގައި 'އަސާސީ ކިލާސް' ފަށައި، މިހާރު އެ އަންނަނީ ޝޯތައް ބާއްވަމުންނެވެ.
މިދިއަ ހުކުރުދުވަހުގެ ރޭ އޮތީ އޭގެ ތިންވަނަ ޝޯއެވެ. މިފަހަރުގެ އަސާސި ކިލާހުގައި އިސްކޮށް ހުރި އެކަކީ ނަބީލް ގާސިމް އެވެ. އޭނާއަކީ ވެސް ފަންނުވެރިއެކެވެ. އަސާސީ ކިލާސް އިންތިޒާމްކުރާ ޓީމުގައި މަސައްކަތްކުރާ ނަބީލް ބުނާ ގޮތުގައި މިއީ ސިލްސިލާކޮށް އިންތިޒާމުކުރަމުން އަންނަ އެއްވުމެކެވެ.
"މި އަސާސީ ކިލާސް ޝޯއަކީ މުޅި ކޮމިއުނިޓީގެ އެއްޗެއް. ވަކި މީހެއްގެ، ވަކި ސްޕޮންސަރެއްގެ ދަށުގައެއް ނޫން މިތިބީ. އަމިއްލައަށް ކްރައުޑް ފަންޑުކޮށްގެން އާޓިސްޓުންނަށް ފުރުސަތު ދިނުމުގެ މަގުސަދުގައި މިކަން ކުރަނީ. ރާއްޖޭގައި ކުރިން ވެސް މިފަދަ ގޮތަކަށް މިއުޒިކް ޝޯތައް އިންތިޒާމްކޮށްފައި ހުރީ،" ނަބީލް ބުންޏެވެ.
މިއުޒިކަށް ބޮޑު ލޯތްބެއް އޮންނަ ބަޔަކު ހިލޭސާބަހަށް އިންތިޒާމްކުރި މި ޝޯތައް ކާމިޔާބެވެ.
އާއްމުންނަށް ވަނުން ހިލެ އެވެ. ދިވެހިންގެ ތެރޭގައި ތިބި ޒުވާނުން ފަންނުވެރިންގެ ހުށައެޅުންތައް ބަލައިލަން މިއީ ރަނގަޅު ފުރުސަތެކެވެ. 
އަސާސީ ކިލާސް ޝޯގައި މިދިއަ ހުކުރުދުވަހުގެ ރޭ މިއުޒިކީ ހުނަރު ދައްކާލި އެންމެ ބޭންޑެއް ނޫނެވެ. ތަފާތު އެކި ސްޓައިލްގެ ޒުވާން 10 ބޭންޑު، މިނިވަންކަމާ އެކީ އެމީހުންގެ އަސްލު އުފެއްދުންތައް ކުޅެ، ލަވަ ހުށަހެޅި އެވެ. އެގޮތުން ޝޯގައި ބައިވެރިވި ބޭންޑްތަކަކީ:
ހުވަން - ބުލޫސް ސޮފްޓް ރޮކް
މެންޓްރާ - މެޓަލް ހާޑް ރޮކް
ވިނަވި - ޕޮޕް/ އާރްއެންޑްބީ
ވިޒާޑް - ހެވީ މެޓަލް/ ފޯކް މެޓަލް
ޕޮލަރިސް - ތްރޭޝް މެޓަލް
ހީރާޕައްނާ - ޕަންކް/ގްރަންޖް
ޕީޓީއޭ
މޮނޯކްރޮމެސީ ޕްރޮޖެކްޓް
ރޭޑިއޯ އެކެއް
ޒެޑްއޭސިސް
މިއިން ކޮންމެ ބޭންޑެއް ގާތްގަނޑަކަށް ތިން ލަވަ ހުށަހެޅި އެވެ. ތަރުހީބު އަތްތިލަބަޑި އާއި ލަވަޔާ އެއްވަރަށް ޒުވާނުން ފޯރި ވެސް ނެގި އެވެ.
ނަބީލް ބުނާ ގޮތުގައި އަސާސީ ކިލާހުގެ ދެވަނަ ޝޯ މިދިޔަ ފެބުރުއަރީގައި ބޭއްވުމަށް ފަހު ނޮވެމްބަރާ ހަމައަށް އައިއިރު ބައެއް ބޭންޑްތަކަށް ބޮޑު ކުރިއެރުންތައް ވަނީ ލިބިފަ އެވެ.
އަސާސީ ކިލާސްއަކީ ބައިވެރިވި ބައެއް ބޭންޑްތަކުން އޯޑިއަންސަކަށް ކުޅެދިން ފުރަތަމަ ޝޯ ވެސް މެ އެވެ.
އަނެއް ބައި ބޭންޑްތަކުގެ ދެވަނަ ޝޯ އެވެ. މި އަހަރުގެ ފެބުރުއަރީގެ އަސާސީ ކިލާހަށް ފަހު ބައެއް ބޭންޑްތަކުން ވަނީ އަމިއްލަ އާ ލަވަ ނެރެ، އަލްބަމްތަކުގެ މަސައްކަތް ފަށައި، އެހެން ބައެއް ޝޯތައް ވެސް ހުށައަޅައިފަ އެވެ.
ނަބީލް ބުނާ ގޮތުގައި މިދިޔަ ހުކުރުދުވަހުގެ ރޭ އޯޑިއަންސުން އެންމެ ބޮޑު ފޯރިއެއް ނެގި ވިޒާޑް ބޭންޑް މިހާރު އެވަނީ، އަސާސީ ކިލާހުން ފާސްވެފަ އެވެ. 
"ދެން އެމީހުން ކުޅޭނީ އަސާސީ ކްލާހަކު ނޫން. އެއަށް ވުރެ ބޮޑެތި ޕްލެޓްފޯމްތަކަށް އެމީހުން ތިބީ ތައްޔާރުވެފައިކަން ހުކުރުދުވަހު އެ  ދައްކާލީ،" އޭނާ ބުންޏެވެ.
ރޮކް، މެޓަލް، ބުލޫސް ސޮފްޓް ރޮކް ފީލް މިހެން ގޮސް ތަފާތު އެކި ސްޓައިލްތަކުގެ ބޭންޑުތައް ފެނުނެވެ. ބައެއް ބޭންޑްތަކުގައި އަންހެން ފަންނާނުން ވެސް ހިމެނެ އެވެ. 
ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހުރި ގޮންޖެހުންތައް ބައިވަރެވެ. ހަމަ އެގޮތަށް ސީދާ މިއުޒިކް ފޭނުންނަށް ވެސް ލައިވް މިއުޒިކު އަޑުއަހާލުމުގެ އުފާ ލިބިގަތުމުގެ ފުރުސަތު ދަނީ ހަނިވަމުންނެވެ.
މިއުޒިޝަނުންނަށް ފުރުސަތު މި އޮންނަނީ ކޮންމެވެސް އެކްސްޕޯއެއްގެ ސްޓޭޖްގަ އެވެ. ސީދާ މިއުޒިކްގެ ފަންނުވެރިންނަށް އަމާޒުކޮށްގެން ހުނަރު ދައްކާލާނެ ޕްލެޓްފޯމްތައް މަދެވެ.
ދިވެހި ބޭންޑްތަކަށް އާމްދަނީ ލިބެނީ ރިސޯޓްތަކުގައި ކުޅެގެންނެވެ. އެހެންވެ އަމިއްލަ އުފެއްދުންތަކަށް ހުސްކުރާނެ ވަގުތު ނުލިބި، އެ އުފެއްދުންތައް މަދުވެ އެވެ.
އަސާސީ ކިލާސް އިންތިޒާމް ކުރާ މީހުންނަށް އެގޮތަށް މިޔުޒިކް ކުޅުންތެރިން ދޫކޮށްލެވޭކަށް ނެތެވެ. އެއަށް ވުރެ ދިވެހި އުފެއްދުމާއި ފަންނުވެރިކަމަށް އޮތް ލޯބި މާ ބޮޑީ އެވެ. މިއުޒިކާއި ލަވަ ވަނީ އަހަރެމެންގެ އަމިއްލަވަންތަކަމާ ވެސް ގުޅިފަ އެވެ. ސްޕޮންސަރުން ނުލައި ޓިކެޓް ނުވިއްކާ ވެސް މިއުޒިކީ އައު ޖީލެއް އުފެއްދުމުގެ ބޭނުންތެރިކަން ބޮޑީ އެހެންވެ އެވެ.
އަސާސީ ކިލާސްއިން ބޭންޑުތަކަށް ބާރުއަޅަނީ ކަވާ ލަވައެއް ޝޯގައި ހުށަހެޅިޔަސް އަމިއްލަ އުފެއްދުންތައް ކުޅޭށެވެ.
އެންމެ ފަހު ޝޯގައި ބައެއް ބޭންޑްތަކުން ދައްކާލީ ހުސް އޮރިޖިނަލް ލަވަތަކެވެ. އަނެއް ބައި ބޭންޑުތަކުން ކަވާ ލަވަތަކާ އެކު އަމިއްލަ އުފެއްދުންތަކެވެ.
މި ޝޯއިން އެނގުނީ ދިވެހި މިޔުޒިކް ހުނަރުވެރިން އުފައްދަން އިސްނެގި ހިންގުންތެރިންގެ މަސައްކަތުގެ ފޮނިކަމެވެ. ދެން ފެންނާނީ އަސާސީ ކިލާހުގެ ހަތަރު ވަނަ ޝޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ