ލިލީ ފިލްމު އަންނަ ބުރާސްފަތި ދުވަހު އޮލިމްޕަހަށް
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި ފިލްމު "ލިލީ" އަންނަ ބުރާސްފަތި ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ތައްޔާރުވެއްޖެއެވެ. މި ފިލްމު ރިލީޒް ކުރުމުގެ ކުރިން، ޖޫން މަހުން ފެށިގެން ކުރަމުން އައި ކެމްޕޭންތަކުން ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެ ފިލްމުގެ ޓައިޓަލް ރިލީޒްކުރުމަށް ކުރި ކެމްޕޭންގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ލިލީ މާ ބަހާފައިވުމުން، ފިލްމުގެ ވާހަކަ ވަނީ ރާއްޖޭގެ ޓްރެންޑަކަށް ވެފައެވެ. ކޮރިއޭޓިވް ނެޓްވޯކްއިން ޕްރޮޑިއުސްކޮށް، އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ، ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ހިތި ދިރިއުޅުމަކުން އަރައިގަތުމުގެ ތަޖުރިބާ ގެނެސްދޭނެ ފިލްމެކެވެ. ފިލްމުގެ މެއިން ކާސްޓް، އައިޝާ އަލީ ވަނީ ފުރަތަމަ ފެނިލުމުންވެސް މުޅިން އާ ގޮތަކަށް ބެލުންތެރިންނަށް ފެނިފައެވެ. މިއީ އައިޝާގެ ފުރަތަމަ ބޮޑު ރޯލުކަމަށް ވުމާއެކު، ގިނަ ބަޔަކު ވަނީ މި ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމުގެ ބޮޑު ހަފުލާއެއް މިދިޔަ މަހުގެ 25 ގައި ބާއްވާފައިވާއިރު، ޓްރެއިލާ އިން އައިޝާގެ އިތުރުން މުހައްމަދު އިޝްފާން، އަހުމަދު ޝާރިފް، މަރިޔަމް ޝިމާ ފެނެއެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ ސިނިއާ ތަރިން ކަމަށްވާ އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އާރިފާ އިބްރާހީމް އަދި އަލީ ފާރޫޤު ވެސް މި ފިލްމުން ފެންނާނެއެވެ. ފިލްމުގެ ޕްރޮމޯޝަނަލް ދެ ލަވަ ވަނީ ނެރެފައެވެ. އެގޮތުން ސެޕްޓެމްބަރު ފަހެއްގައި ހޭވައްލާ ބޮޑުބެރު ގްރޫޕާ އެކު ނެރެފައިވާ "މާ ލިލީ" ލަވައިގައި ފިލްމުގެ މެއިން ކާސްޓުން ފެނުނުއިރު، މި ބޮޑުބެރު ލަވަ ވަނީ ޓިކްޓޮކްގައި ބޮޑު ތަރުހީބެއް ހޯދާފައެވެ. އަދި މިދިޔަ ހޯމައިގައި އައިޝާ އާއި ޝާރިފް ފެންނަ "ހިތް ކަތިލިޔޭ" މި ލަވަވެސް އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ. ފިލްމުގެ ޓިކެޓު ވިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 30 އިން ފެށިގެން އޮލިމްޕަސް ސިނަމާ އަދި ފިލްމުގެ ވެބްސައިޓުންނެވެ. ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ ބައެއް ޝޯތައް މިހާރުވެސް ވަނީ ހައުސްފުލް ވެފައެވެ. މިކަމުން ދައްކުވައިދެނީ ފިލްމު ބެލުމަށް އާންމުންގެ ތެރޭގައި އޮތް ޝައުގުވެރިކަން ބޮޑުކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ