ވަންޕްލަސް 15 މިއަދު ލޯންޗުކުރަނީ
ޓެކްނޮލޮޖީގެ ދުނިޔޭގައި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ސްމާޓްފޯނެއް ކަމަށްވާ ވަންޕްލަސް 15 މިއަދު ދުނިޔޭގެ ބާޒާރަށް ރަސްމީކޮށް ނެރުމަށް ތައްޔާރުވެއްޖެއެވެ. މި ފޯނަކީ، ކުއަލްކޮމްގެ އެންމެ ފަހުގެ ފްލެގްޝިޕް ޗިޕްސެޓް ކަމަށްވާ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ބޭނުންކުރާ ފުރަތަމަ ސްމާޓްފޯނަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވަންޕްލަސް 15 ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖެ ގަޑިން ހަވީރު 6:30 ގައެވެ. މި އިވެންޓް ވަންޕްލަސް އިންޑިއާގެ ރަސްމީ ޔޫޓިއޫބް ޗެނަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވްކޮށް ދައްކާނެއެވެ. އެ ފޯނު ވިއްކާނެ ކަމަށް ލަފާކުރެވޭ އަގުތައް މިހާރު ވަނީ ހާމަކޮށްފައެވެ. އެގޮތުން، 12ޖީބީ ރޭމް އާއި 256ޖީބީ ސްޓޯރޭޖް ހިމެނޭ ވޭރިއަންޓް ގާތްގަނޑަކަށް 875 ޔޫއެސް ޑޮލަރު ނުވަތަ 13,505 ދިވެހި ރުފިޔާ އަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި 16ޖީބީ ރޭމް އާއި 512ޖީބީ ސްޓޯރޭޖް ހިމެނޭ ވޭރިއަންޓްގެ އަގު ގާތްގަނޑަކަށް 980 ޔޫއެސް ޑޮލަރު ނުވަތަ 14,795 ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. އެ ފޯނު ވިއްކަން ފަށާނީ ލޯންޗްކުރާ މިރޭ 8:00 ގައި އެމެޒޯން އަދި ވަންޕްލަސްގެ އޮންލައިން ސްޓޯރު މެދުވެރިކޮށެވެ. އެ ފޯނުގެ ކުލަތަކުގެ ތެރޭގައި އިންފިނިޓް ބްލެކް، ސޭންޑް ސްޓޯމް، އަދި އަލްޓްރާ ވައިލެޓް ހިމެނެއެވެ. ވަންޕްލަސް 15 ގައި 6.78-އިންޗީގެ 1.5ކޭ (1,272 x 2,772 ޕިކްސެލްސް) އެމޮލެޑް ޑިސްޕްލޭއެއް ހިމެނެއެވެ. މީގެ އިތުރުން 165ހާޓްޒް ރިފްރެޝް ރޭޓަކާއެކު މި ޑިސްޕްލޭ ވާނީ ބޭނުންކުރާ މީހުންނަށް ފެންވަރު ރަނގަޅު ތަޖުރިބާއެއް ލިބޭނެ އެއްޗަކަށެވެ. ޕްރޮސެސަރަށް ބަލާއިރު، މި ފޯނުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 އެވެ. ރެމްގެ ގޮތުގައި 16ޖީބީ އެލްޕީޑީޑީއާރު5އެކްސް އަލްޓްރާ+ އާ ހަމައަށް ލިބޭއިރު، ސްޓޯރޭޖްގެ ގޮތުގައި 512ޖީބީ ޔޫއެފްއެސް 4.1 އާ ހަމައަށް ލިބިގެންދާނެއެވެ. ކެމެރާގެ ގޮތުގައި ފަހަތުގައި 50-މެގާޕިކްސެލްގެ ތިން ކެމެރާ ސެޓަޕް (ޕްރައިމަރީ، އަލްޓްރާ ވައިޑް، ޓެލެފޮޓޯ) ހިމެނެއެވެ. ކުރިމަތީގައި ސެލްފީއަށް ޚާއްސަކޮށްފައިވާ 32-މެގާޕިކްސެލްގެ ކެމެރާއެއް ވެސް ހިމެނެއެވެ. ބެޓެރީއަށް ބަލާއިރު 7,300މިލީއެމްޕަޔާގެ ބެޓެރީއެއް ހިމެނޭއިރު، 100ވޮޓް ވަޔާޑް އަދި 50ވޮޓް ވަޔާލެސް ފާސްޓް ޗާޖިން އަށް ސަޕޯޓްކުރެއެވެ. އޮޕަރޭޓިން ސިސްޓެމްގެ ގޮތުގައި އެންޑްރޮއިޑް 16 ބޭސްކޮށްފައިވާ އޮކްސިޖަންއޯއެސް 16 ހިމެނެއެވެ. މީގެ އިތުރުން، މި ފޯނުގައި ވަންޕްލަސްގެ އާ ގޭމިން ކޯ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މި ޓެކްނޮލޮޖީއަކީ ވަންޕްލަސް ޕަފޯމަންސް ޓްރައި-ޗިޕްއިން ބާރުދޭ، ތިން ފިޒިކަލް ޗިޕް އެއްކޮށްލާފައިވާ ނިޒާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ