ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް
ރާއްޖެއަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ތިން ލައްކަ ހުރަސްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.9 މިލިއަނަށް އަރައިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން ކަމަށްވާއިރު، އެއީ 300،352 ފަތުރުވެރިންނެވެ. ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާގެ ފަތުރުވެރިން ކަމަށްވާއިރު އެއީ 239،004 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ކުރީގައި އުޅޭ އެހެން ގައުމުތަކަކީ: އިނގިރޭސިވިލާތް: 168،597 ފަތުރުވެރިން ޖަރުމަނު: 141،739 ފަތުރުވެރިން އިޓަލީ: 124،406 ފަތުރުވެރިން އިންޑިއާ: 109،297 ފަތުރުވެރިން އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 9.8 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ރާއްޖެއަށް މިހާރު ދުވާލަކަށް އެވަރެޖުކޮށް 6،025 ފަތުރުވެރިން އަންނަމުންދެއެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ތިބެނީ ރިސޯޓުތަކުގައި ކަމަށްވާއިރު، މި އަހަރު 1.4 މިލިއަން ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށެވެ. އަދި 408،608 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 39،475 ފަތުރުވެރިން ސަފާރީ އުޅަނދުތަކުން ޚިދުމަތް ހޯދި ކަމަށް ތަފާސްހިސާބުން ދައްކައެވެ. ސަރުކާރުން ވަނީ، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ. އެކަމަކު، އަހަރު ނިމެން ދެ މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެ އަމާޒަށް ވާސިލުވާން އަދި ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެންނަން ޖެހެއެވެ. https://sun.mv/213634 ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވަނީ މި އަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ފަތުރުވެރިންގެ އަދަދު މަދުކޮށްފައެވެ. އެގޮތުން ރާއްޖެއަށް އަންނާނީ 2.2 މިލިއަން ފަތުރުވެރިން ކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް، އަންނަ އަހަރަށް 2.4 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ