ފަރުހާންގެ ފިލްމު އިންޑިއާގެ ޑިފެންސް ތިއޭޓަރުތަކަށް

މި އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "120 ބަހާދުރު" އިންޑިއާގެ ޑިފެންސްގެ ދަށުން ހިންގާ ތިއޭޓަރުތަކުގައި ވެސް ދައްކާނެކަން އިއުލާނުކޮށްފިއެވެ. މި ފިލްމު އިންޑިއާގެ އަސްކަރީ އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާތަކަށް ވެސް ބޮޑު ސްކްރީންގައި ބެލޭނެ އިންތިޒާމު ހަމަޖައްސަދީފައިވަނީ ޕިކްޗާ ޓައިމް ކިޔާ ކުންފުންޏަކުންނެވެ. އަސްކަރީ އޮފިސަރުންނަށް ފިލްމު ބެލޭނެ އިންތިޒާމު ހަޖަމެހުމާއެކު "120 ބަހާދުރު" ވެފައިވަނީ މިހާތަނަށް އިންޑިއާގެ ޑިފެންސް ސްކްރީންތަކުގައި ރިލީޒްކުރާ ފުރަތަމަ އިންޑިއާގެ ފިލްމަށެވެ. އެގޮތުން، ޑިފެންސަށް ނިސްބަތްވާ 800އަށް ވުރެ ގިނަ ސިނަމާތަކުގައި ފިލްމު ރިލީޒްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. "120 ބަހާދުރު" ފިލްމުގެ މަންޒަރެއްގައި އެކްޓަރު ފަރުހާނު އަހްތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމު ޑިފެންސް ސިނަމާތަކުގައި ދެއްކުމުގެ ފުރުސަތު ލިބުމާ ގުޅިގެން ޕިކްޗަޓައިމް ކުންފުނީގެ ސީއީއޯ ސުޝީލް ޗައުދަރީ ވިދާޅުވެފައިވަނީ އިންޑިއާގައި 1.5 މިލިއަނާ ގާތްކުރާ އަދަދަކަށް އަސްކަރީ އޮފިސަރުން ހަރަކާތްތެރިވާ ކަމަށާއި އޭގެ ތެރެއިން ޑިފެންސް ސިނަމާތަކަށް ދިއުމުގެ ފުރުސަތު ލިބިފައިވަނީ އޭގެ ތެރެއިން 20 އިންސައްތަ އޮފިސަރުންނާއި އާއިލާއަށް ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ އަމާޒަކީ އެ އަދަދު 70 އިންސައްތައަށް އިތުރުކުރުން ކަމަށް ސުޝީލް ވަނީ ވިދާޅުވެފައެވެ. ފިލްމު "120 ބަހާދުރު"އަކީ 1962 ވަނަ އަހަރު އިންޑިއާއާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލްއިން ފަރުހާން އަހްތަރު ފެންނާނެއިރު ފިލްމު އުފެއްދުމުގައި ހިއްސާވާ ދެ ކުންފުނީގެ ތެރެއިން އެކްސެލް އެންޓަޓެއިންމަންޓްއަކީ ފަރުހާންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. ފަރުހާންގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ރާޝީ ކަންނާ، ވިވާން ބަތޭނާ އަދި އަންކިތު ސިވާޗް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ