ބައެއް މީހުން އެހެން މީހުން ރުއްސުމަށްޓަކައި ތިމާ ކުރަން ބޭނުންވާ ބައެއް ކަންކަން ނުކޮށް ދޫކޮށްލައެވެ. ނަމަވެސް ﷲ ތަޢާލާއަށްޓަކައި ކަމެއް ދޫކޮށްލަން ނުވަތަ ނުކޮށް ހުންނަން ބޭނުންވާ މީހުން ވަރަށް މަދެވެ. ފާފަތައް ކުރެވެނީވެސް، ދީނުގައިވާ އިންތަކުން ބޭރުވެވެނީވެސް އެސަބަބަށްޓަކައެވެ.
އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން މުހިންމު ލިޔުމެކެވެ.
(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾)
(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ) " (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"
(إِلَّا اللَّـهَ) މި އިސްތިޘްނާ އަކީ (يَعْبُدُونَ) "އެބައިމީހުން އަޅުކަން ކުރާ ތަކެތި" ކަމަށް ވުން އެކަށީގެންވެއެވެ. އެހެންކަމަށްވަނީނަމަ، އޭގެ މާނައަކީ އެގައުމުގެ މީހުން ﷲ އަށާއި އަދި އެނޫން ފަރާތްތަކަށްވެސް އަޅުކަން ކުރުމެވެ. އެހެންކަމުން އެކުދިން އެކަހެރިވީ އެގައުމުގެ މީހުން ﷲ ފިޔަވާ އަޅުކަން ކުރާ އެންމެހާ ފަރާތްތަކުން ނުވަތަ ތަކެތިންނެވެ.
މިތަނުގައި (إِلَّا) "އިސްތިޘްނާ" އަކީ މުންގަޠިޢް އިސްތިޘްނާ އެއް ކަމަށްވެސް ވެދާނެއެވެ. އެހެންނަމަ އޭގެ މާނއަކީ އެގައުމުގެ މީހުން އެއްގޮތަކަށްވެސް ﷲ އަށް އަޅުކަން ނުކުރުމެވެ. ވީމާ، "ތިޔަބައިމީހުންނާއި ތިޔަބައިމީހުން އަޅުކަން ކުރާ އެންމެހާ ތަކެތިން ތިމަންމެން ދުރުހެލިވަމެވެ."
ފަހަރުގައި މިއީ އިސްތިޘްނާ މުއްތަޞިލެއް ކަމަށްވެސް ވެދާނެއެވެ. އެއީ ފަހަރެއްގައިވެސް އެގައުމުގެ މީހުންގެ ތެރޭގައި ﷲ އަށް އަޅުކަން ކުރާ ބަޔަކު ތިބެދާނެތީވެއެވެ. އެހެންކަމުން މާނައަކީ "ތިޔަބައިމީހުން ކުރެ ﷲ އަށް އަޅުކަން ކުރާ މީހަކު ފިޔަވާ އެހެންމީހުންގެ ކިބައިން ތިމަންމެން ދުރުހެލިވަމެވެ. އަދި ﷲ ފިޔަވާ އަޅުކަން ކުރެވޭ ތަކެތިން ނުވަތަ ފަރާތްތަކުން ވެސް ދުރުހެލިވަމެވެ."
(فَأْوُوا إِلَى الْكَهْفِ) "ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"
(الْكَهْفِ) މިތަނުގައި "އަލް" އެއީ "ޢަހްދު" ގެ "އަލް" އަކަށް ވެދާނެއެވެ. އެހެންނަމަ، މި ހޮހޮޅަ އަކީ އެކުދިން ވަރަށް ގިނައިން އެތަނަކަށް ވަދެ އުޅޭ، ޢާދަވެފައިވާ ހޮހޮޅަ އެކެވެ." ނަމަވެސް، އެކުދިން ޢާދަވެގެން ހޮހޮޅަ އަކަށް ގޮސް އުޅޭ ކަމުގެ ދަލީލެއް ނެތެވެ.
އަނެއް ގޮތަކީ "އަލް" އެއީ "އަލްބަޔާނިއްޔާ" ގެ "އަލް" އަކަށް ވުމެވެ. އެހެންނަމަ މާނައަކީ، "ގައުމުގެ މީހުންގެ އަނިޔާވެރިކަމުން ޙިމާޔަތް ލިބޭނެ ފަދަ ހޮހޮޅަ އަކަށް ވަންނާށެވެ."
(يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا) " އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ." ސަބަބަކީ ﷲ އަށް ޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާންގެ އެކަމެއްގެ ބަދަލު ދެއްވާނެއެވެ. ސޫރަތުއް ޠަލާގްގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."
އަދިވެސް ސޫރަތުއް ޠަލާގްގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾ ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ."
އަދިވެސް ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴿٥﴾) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ."
-
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން
ހަނދުމަކޮށްދިނުމެއް! ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާންގެ އެކަމެއްގެ ބަދަލު ދެއްވާނެތެވެ! ޙިމާޔަތާ ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ