އެކަނިވެރިވުމަށްވުރެ ކާވެނި ހެޔޮވެގެން ވެއެވެ.
އިސްލާމީ މިންގަނޑުން ބަލާއިރު ކާވެންޏަކީ، ހަމައެކަނި އިޖްތިމާޢީ ގުޅުމެއް ނޫނެވެ. އެއާ ޚިލާފަށް ކާވެންޏަކީ މާތް އަޤުދެކެވެ. އެއީ ދީނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވެސް ގުޅުވައިދޭ އަޤުދެކެވެ. މި ލިޔުމުގައި ބަލައިލާނީ އެކަނިވެރިވުމަށްވުރެ ކާވެނި ހެޔޮވެގެންވާވުމުގެ މައްޗަށެވެ. ކީރިތި ޤުރުއާނުންނާއި ނަބަވީ އިރުޝާދުން މިސާލުތަކަށް ބަލައިލާނަމެވެ. ކާވެންޏަކީ ވަރަށް މަތީ ދަރަޖައެއްގެ ސުންނަތެކެވެ. އެއީ ހުރިހާ ނަބީބޭކަލުން ވެސް ކުރެއްވި ފިޠުރަތުގެ ޢަމަލުފުޅެކެވެ. އެއީ ރުހުމާއި ލޯތްބާއި އަޅާލުމާއި އޯގާވެރިކަމާއި އުލްފަތުގެ މަތީ ބިނާކުރާ ބިނާއެއް މެއެވެ. ކާވެންޏަކީ މީހާގެ ޢަޤީދާ އިޞްލާޙުކޮށް ސާބިތުކަންމަތީ ދަމަހައްޓައިދީ، މުޖުތަމަޢުގެ ހަމަޖެހުން ގެނެސްދޭނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ކާވެންޏަކީ ވަރަށް މައިގަނޑު ދައުރެއް އަދާކުރާ މައި، އެއް މަރުކަޒެވެ. މުސްލިމު ޖީލު ތަރުބިއްޔަތުކުރުމުގެ އެންމެ ފުރަތަމަ މަދަރުސާއެވެ. އަދި އެކަނިވެރިކަމަކީ ޝަރުޠުތަކަކާ އެކު ހުއްދަ ވިޔަސް ނުރުހުން އޮތް ކަމެކެވެ. މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުން ކާވެންޏެއްގެ ތެރޭ ހުރުމަށް ޤުރުއާނާއި ސުންނަތުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَأَنكِحُوا الْأَيَامَىٰ مِنكُمْ﴾ (النور: ٣٢) މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ!" މިއީ ކާވެނިކުރުމަށާއި، އެކަނިވެރިކަން މަތީ ނުތިބުމަށް ގަދަ ކީރިތިވަންތަ މާތް ﷲ ކުރައްވައިފައި އޮތް އިލާޙީ އަމުރުފުޅެކެވެ. ހުރިހާ ނަބިއްޔުންނާއި ރަސޫލުންނެކޭ އެއްގޮތަށް މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ވެސް ކާވެނި ބައްލަވައިގެންނެވިއެވެ. އަދި އެއީ އެކަލޭގެފާނުގެ ސުންނަތެއް ކަމުގައި ޙަދީޘްކުރެއްވިއެވެ. އަދި ހަމައެހެންމެ އެ ކަމަށް މީސްތަކުންނަށް ހިތްވަރު ވެސް ދެއްވެވިއެވެ. ޙަދީޘްކުރެއްވިއެވެ. «النِّكَاحُ مِنْ سُنَّتِي فَمَنْ لَمْ يَعْمَلْ بِسُنَّتِي فَلَيْسَ مِنِّي» (ابن ماجه: 1846) މާނައީ: "ކާވެންޏަކީ ތިމަންކަލޭގެފާނުގެ ސުންނަތެކެވެ. ތިމަންކަލޭގެފާނުގެ ސުންނަތަށް ޢަމަލުނުކުރާ މީހުން ވަނީ، ތިމަންމެންގެ ތެރެއިންނެއް ނޫނެވެ." ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ކާވެނިފުޅުތަކަށް ބަލާއިރު އެއިން ކޮންމެ ކާވެނިފުޅެއްގައި ވެސް ވަނީ ޢިބުރަތްތެރި ފިލާވަޅެވެ. އެންމެ ބޮޑު އެއް ފިލާވަޅަކީ އެކަނިވެރިމައިންނާ ކާވެނި ބައްލަވައިގެން ކަމުގެ ފިލާވަޅެވެ. މުޖުތަމަޢަށް ގިނަވާން އެ ކަނބަލުން ދޫކޮށްނުލެއްވުމަށް އަމިއްލަފުޅަށް ނަމޫނާ ދެއްކެވީއެވެ. އެހެން މުސްލިމުންނަށް އެ ކަމަށް ހިތްވަރުދެއްވީއެވެ. އެ ކަނބަލުންނަކީ ޢިއްޒަތް ލިބިގެންވާ ކަނބަލުން ކަމުގައި ވުން އޮތީ ކާވެނިކުރުމުގައި ކަމަށް ވާތީއެވެ. ކާވެންޏަކީ ﷲގެ ހެކިތަކުގެތެރެއިން ހެއްކެކެވެ. އެއިލާހު ވަނީ ކާވެނީގެ ސަބަބުން ލޯތްބާއި ރަޙުމުލައްވާނޭކަން ބަޔާންކުރައްވައިފައެވެ. އެއީ ނަފުސާނީ ހަމަޖެހުމާއި އިޖްތިމާޢީ ރައްކާތެރިކަން ލިބެން އޮތް މަގު ވެސް މެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ (الروم: ٢١) މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މާތް ﷲގެ ދީނަކީ ފުރިހަމަ ޝަރީޢަތެއް ކަމަށް ޤަބޫލުކޮށްގެން ތިބޭ މުސްލިމުންނަށް ކާވެނީގެ މުހިންމުކަން ވިސްނޭނެއެވެ. މިއަދު މުސްލިމުންގެ ތެރޭގައި ކާވެންޏަށް ނުރުހޭ ބަޔަކު އުޅޭކަމީ ފޮރުވެން އޮތް ސިއްރެއް ނޫނެވެ. ކާވެންޏާ ނުލައި އެކަނިވެރިކޮށް ތިބުމަށް އެއްބަޔަކު ވަކާލާތު ވެސް ކުރެއެވެ. މިނިވަންކަމާއި އިޤްތިޞާދީ ބާރުވެރިކަން ލިބޭނެ ކަމުގައި ބުނަމުންނެވެ. ކާވެންޏަކީ އަޅުވެތި ކަމެއް ކަމުގައި އެބައިމީހުން ސިފަކުރެއެވެ. އެއީ ޙަޤީޤަތުގައި ދީން ވެސް އަދި ދިރިއުޅުން ވެސް ނުދަނެތިބޭ ބައެއްގެ އަސްލެއްނެތް ދައުވާއެކެވެ. އިސްލާމްދީނާ އިދިކޮޅު ފިކުރުތަކުގެ އެހީއާއި އެއްބާރުލުން ލިބިގެން މުސްލިމުންގެތެރޭ ހިންގާ މިފަދަ އެކިއެކި ޕުރޮޕެގެންޑާތަކުގައި ބަނދެވޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ނުވަމާ ހިނގާށެވެ. ކާވެންޏަށް ލޯބިކުރަމާ ހިނގާށެވެ. ދުނިޔެއިން ހުރިހާ އުފަލަކާ އަރާމެއް ހޯދުމުގެ ފަލްސަފާއަށް ނޫނެކޭބުނެ، އާޚިރަތުން ފުރިހަމަ އަޖުރު އަދައިގެން މި ދުނިޔޭގައި ޤުރުބާންތަކެއް ދޭން ކެރޭ ބަޔަކު ކަމުގައި ވާން ހިނގާށެވެ! ކާމިޔާބު އޮތީ ﷲ އެންގެވި މަގުގައި ސާބިތުކަންމަތީ ތިބެގެންކަންދަނެ، އެއިލާހަށް ކިޔަމަންތެރިވާށެވެ! އެކަނިވެރި ވުމަށްވުރެ ކާވެނި ހެޔޮވެގެންވާކަން ދަނެ އަވަހަށް ކާވެންޏެއްކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ