އެމްޓީޑީސީން ހދ. ނާގޯށި ރިސޯޓް ޕްރޮޖެކްޓަށް މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

ސަރުކާރާއި ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް (އެމްޓީޑީސީ) އިން ހދ.އަތޮޅުގައި ތަރައްޤީކުރަން ފަށާފައިވާ ނާގޯށި މަސައްކަތް ކުރިއަށްގެންދިއުމަށް މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ނާގޯއްޓަކީ މި ސަރުކާރުގެ އިތުރުން ހދ.އަތޮޅުގެ ޓޫރިޒަމްގެ އުއްމީދީ މަޝްރޫޢުއެވެ. ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީކޮށް ހުޅުވާފައިވާއިރު، ނާގޯށި ރިސޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމްޓީޑީސީން ނާގޯށި ޕްރޮޖެކްޓަށް މުއައްޒަފުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މީހުން ހޯދާ މަގާމްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރުންނާއި، ކޮންސްޓްރަކްޝަން މެނޭޖަރ، ޕްލޭނިން މެނޭޖަރ، ކުއަންޓިޓީ ސާވެއަރުން، ސައިޓް އިންޖިނިއަރުން، އެޗްއެސްސީ އިންޖިނިއަރުން، ޕްރޮކިއުމަންޓް އޮފިސަރުންގެ އިތުރުން މެޕް ކޯޑިނޭޓަރުންގެ އިތުރުން ތަފާތު މަގާމުތައް ހިމެނެއެވެ.
މިއަހަރުގެ މެއިމަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެފައިވަނީ އަމާޒަކީ އަންނަ އަހަރުގެ ފިނި މޫސުމަށް ނާގޯށީގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުމަށްކަމަށެވެ. ނިޔާޒު އޭރު ވިދާޅުވެފައިވަނީ، ހުއްޓިފައިވާ ނާގޯށީގެ މަސައްކަތް މިއަހަރުގެ ޖޫން ނުވަތަ ޖުލައިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ ބީއެމްއެލް މެދުވެރިކޮށް ފައިސާ ހޯދައިގެން ނާގޯށި ތަރައްޤީކުރުމަށެވެ. އެގޮތުން އެކަމުގެ މަސައްކަތް މިހާރު ނިމުމަކާ ހަމަޔަށް އައިސްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށްއޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާއެވެ.
ނާގޯށީގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނޭކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. މިހާރު ކޮށްފައިހުރި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވަނީ 15 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
އެމްޓީޑީސީން ނާގޯށި ތަރައްޤީ ކުރަމުން އަންނަތާ 15 އަހަރު ވެފައިވާއިރު، ނާގޯއްޓަކީ ސަރުކާރުން އެމްޓީޑީސީއަށް އެންމެ ފުރަތަމަ ރިސޯޓް ތަރައްޤީކުރުމަށް ދިން ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް މީގެކުރިން ރަޝިއާ އަދި ދުބާއީގެ ކުންފުންޏަކާވެސް ހަވާލުކޮށްގެން ކުރިއަށްގެންދިޔައެވެ. ނަމަވެސް ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެރަށުގެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.
އެމްޓީޑިސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރު ވުޖޫދަށް ގެނައި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ