ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 01: މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެވަޑައިގަތުން

ޢަލީ އިޙްޞާން ފިރާޤް
ޢަރަބިކަރައިގައި ދިރިއުޅެމުން ދިޔަ ޢަރަބި ޤަބީލާތަކުގެ ތެރެއިން މުސްތަލިޤު ދަރިކޮޅުގެ ޤަބީލާއަކީ ފާހަގަކޮށްލެވޭ ޤަބީލާއެވެ. މުސްތަލިޤުވަންހައަކީ ޚުޒާޢަތުވަންހައިގެ ގޮތްޕެކެވެ. އެބައިމީހުން ދިރިއުޅެމުން ދިޔައީ މައްކާއަށް ދާން އޮންނަ މައިމަގުގައިވާ ސަރަހައްދެއްގައެވެ. އެހެންކަމުން އެބައިމީހުން ދެކޮޅު ހަދައިފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ އެމަގުން ދަތުރުކޮށްފައި މައްކާއަށް ދިޔުމަކީ ދަތިކަމެކެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޒަމާނުގައި އެވަންހައިގެ ވެރިއަކަށް ހުންނެވީ އަލްހާރިޘް ބިން އަބީ ޟިރާރުއެވެ. އޭނާއަކީ އެވަންހައިގެ މީސްތަކުން ކިމަންތެރިވާ އެވަންހައިގެ އެންމެ ބަސްވިކޭ އެކެކެވެ. މުސްތަލިޤުވަންހައިގެ މީހުންނަކީ ޤުރައިޝުންނަށް ވާގިވެރިވަމުން ދިޔަބައެކެވެ. އެބައިމީހުންވަނީ އުޙުދު ހަނގުރާމައިގައި ޤުރައިޝުންނާއެކު މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވުމުގެ އަހަރުތަކެއް ކުރިން އަލްހާރިޘް އާއި އޭނާގެ އަނބިކަނބަލުންނަށް ހަނދެއްފަދަ ރީތި ދަރިކަނބަލެއް ލިބިވަޑައިގެންނެވިއެވެ. އެދަރިކަނބަލުންނަށް ޙާރިޘް ދެއްވި ނަންފުޅަކީ ބައްރާއެވެ. ބައްރާ އުފަންވެވަޑައިގެން ބޮޑުފުޅުވެވަޑައިގަތީ ރަންސަމުސަލެއް އަނގަފުޅަށް ލައްވައިގެންނެވެ. ޢަރަބި ރައީސެއްގެ ދަރިކަނބަލަކަށްވުމުން އެކަމަނާއަށް ދަތިފުޅުވާ އެއްވެސް ކަމެއްނެތެވެ. އެކަމަނާ ބޮޑުފުޅުވީ ނުހަނު އަރާމާއި ނިއުމަތުގައެވެ.
ބައްރާ ބޮޑުފުޅުވެ ޒުވާން އުމުރުފުޅަށް އަޅައިފިއެވެ. އަރަހުށި މާތްالله ގެ ދީލަތިފުޅުކަމުން އެކަމަނާއަށް ދެއްވައިފައިވަނީ ނުހަނު ރީތި ބުރުސޫރަފުޅެކެވެ. އެކަމަނާ ދެކެފިކޮންމެ މީހަކު އެކަމަނާގެ ރީތިފުޅުކަމަށް ތާރީފުކުރެއެވެ. އަލްޙާރިޘް އޭނާގެ ލޯބިފުޅުވާ ދަރިކަނބަލުންގެ ކާވެނިފުޅުކޮށްދެއްވީ އެވަންހައިގެ ޒުވާނެއްކަމުގައިވާ މުސާފިޢު ބިން ޞަފްވާންއާއެވެ. އޭނާއަކީ ބައްރާގެ ދެބެއިންގެ ދެދަރި މީހެކެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގެން  ހުންވަނިކޮށް އެކަލޭގެފާނަށް މުސްތަލިޤުވަންހައިގެ ރައީސް އަލްހާރިޘް ބިން އަބީ ޟިރާރު އާއި މުސްތަލިޤުވަންހައިގެ މީސްތަކުން އެއްވެސް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވަންގެންދާކަމުގެ ޚަބަރު ލިބިވަޑައިގަތެވެ. އެ ޚަބަރުގެ ތެދުދޮގު ބެއްލެވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم ބުރައިދަތު ބިން އަލްހުސައިބު ފޮނުއްވިއެވެ. ބުރައިދަތުގެފާނުގެ ވަޑައިގެން ބެއްލެވިއިރު އެބައިމީހުން ހަނގުރާމައަށް ތައްޔާރުވަންމުން ގެންދަނީއެވެ. އެބައިމީހުންގެ ނިޔަތަކީ މުސްލިމުންނާ ހަނގުރާމަ ކުރުންކަން ކަށަވަރުކުރެއްވުމަށްފަހު ބުރައިދަތުގެފާނު ވަޑައިގެން މާތް ރަސޫލާއަށް އެ ޚަބަރު ދެއްވިއެވެ.
އެބައިމީހުންނާ ހަނގުރާމަ ކުރެއްވުމަށްޓަކައި ތައްޔާރުވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم 700 މުސްލިމު ހަނގުރާމަވެރިންނާއެކު މަދީނާއިން ނުކުމެވަޑައިގެންނެވިއެވެ. ނުކުމެވަޑައިގަތީ ހިޖްރައިން 5 ވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައެވެ. މި ހަނގުރާމަ ހިނގުމުގެ ކުރީން އެބައިމީހުންނަށްވަނީ އިސްލާމްދީނުގެ ދައުވަތު އެތައް ފަހަރަކު ދެވިފައެވެ. ނަމަވެސް އެބައިމީހުން ޚިޔާރު ކުރީ މުސްލިމުންނާ ދެކޮޅުވެރިވުމެވެ. ބައިއެއްކޮށްގެން ޤުރައިޝުންނާ ވާގިވެރިވެ ހަނގުރާމަ ކުރުމަށެވެ.
މުސްލިމުން އެތަނަށް ގޮސް އެބައިމީހުން ނުދެނެ ތިއްބާ ކުއްލި ހަމަލައެއް ދިނެވެ. އެ ހަމަލާގެ ސަބަބުން އެބައި މީހުން ސިހި ވަރަށް ބިރު ގަނެއްޖެއެވެ. މުސްލިމުން އެބައިމީހުންނާ ހަނގުރާމަކޮށް އޭގެ ތެރެއިން 10 މީހުން ޤަތުލުކޮށްލިއެވެ. އެބައިމީހުންގެ މުދާތައް ޣަނީމާކޮށް އެބައިމީހުން ކުޑަކުދިންނާއި އަންހެނުން އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ. އެތަންފެނި މުސްތަލިޤުވަންހައިގެ ރައީސް އަލްހާރިޘް އޭނާގެ ފިރިހެންދަރިންނާއެކުގައި ފިލައިގެން ހިނގައްޖެއެވެ. ނަމަވެސް އޭރުވަނީ އަލްހާރިޘް ގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ބައްރާ މުސްލިމުންގެ އަސީރަކަށް ހަދައިފައެވެ.
ބައްރާއަށް ލިބިވަޑައިގެންވި ހިތާމަފުޅު އަދި ވަކިންބޮޑެވެ. އެހެނީ މުސްލިމުންވަނީ އެކަމަނާގެ ފިރިކަލުން މުސާފިޢު ބިން ޞަފްވާން ޤަތުލުކޮށްފައެވެ. މުސާފިޢުއަކީ މުސްލިމުންނާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރި އެކެކެވެ. މިހަނގުރާމައަށް ބަނިލްމުސްތަލިޤު ހަނގުރާމައިގެ އިތުރުން މުރައިސީޢުގެ ހަނގުރާމައިގެން ނަންވެސް ކިޔެއެވެ. އެއީ މި ހަނގުރާމަ ހިނގީ މުރައިސީޢުއޭ ކިޔުނު ފެންގަނޑެއްގެ ކައިރީގައިކަމުގައިވާތީއެވެ.
މި ހަނގުރާމައިގައި މުނާފިޤުން މާތް ރަސޫލާގެ އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާ ބެހޭ ގޮތުން ދޮގުވާހަކަ އެއް ފަތުރައިލިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ