މަކަރާއި ހީލަތުން، ރާއްޖޭގެ ރިސޯޓަކުން 250،000 ޑޮލަރު ސްކޭމަރުން އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސްކޭމްކޮށްގެން ފައިސާ ހޯދާ މިންވަރު އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ސީނިއާ ސާޖަންޓް އަބްދުﷲ ޝަހްނީޒް ވިދާޅުވީ އެ ސްކޭމް ހިންގާފައިވަނީ، އެ ރިސޯޓުގެ މާލީ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ރަސްމީ އީމެއިލް އެކައުންޓެއް ހެކްކޮށްގެން ކަމަށެވެ.
އެ ވައްކަންކޮށްފައިވަނީ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ތަފްސީލް - އޭނާ ވިދާޅުވީ އީމެއިލް ހެކްކޮށްގެން މިދިޔަ މަހު ކުރި އެ ވައްކަމުގައި 250،000 ޑޮލަރު (3.8 މިލިޔަން ރުފިޔާ) އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
އެ ފައިސާ ހޯދުމަށް ފުލުހުން ވަނީ އިންޓަޕޯލްގެ އެހީ ހޯދާފައި
ވަގަށް ނެގި ފައިސާ މިހާރު ހުރީ އެމެރިކާގެ ބޭންކެއްގައި ބަހައްޓާފައި ކަމަށް ޝަހުނީޒް ވިދާޅުވި
"އެހެންވެ، އަޅުގަނޑުމެން އެދެން މި ގޮތަށް ފައިސާ ގެއްލިއްޖެ ނަމަ ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް އެކަން ރިޕޯޓްކުރުމަށް. އޭރުން ބޭރު ގައުމުތަކާ އަޅުގަނޑުމެންގެ އޮންނަ ގުޅުންތަކުގެ ތެރެއިން މި ފައިސާ ހޯދަން މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަހުނީޒް ވިދާޅުވި ގޮތުގައި:
އެންމެ ބޮޑެތި ސްކޭމްތައެް ހިންގަނީ ވިޔަފާރި ކުންފުނިތަކުގެ އީމެއިލް ހެކްކޮށްގެން
ވިސާ ހައްދައިދޭނެ ކަމަށް ބުނެ، ވަރަށް ފަހުން ބޭރު ބައެއްގެ އަތުން ވެސް ފައިސާ އަތުލި. އެ މީހުން ރާއްޖެ އައިއިރު، ވިސާ ހެދިފައެއް ނެތް
އޭގެ އިތުރުން އިމިގްރޭޝަންގެ ޕޯޓަލް، އިމުގައިގެ ފޭކް ވެބްސައިޓުތައް ހަދައިގެން ވެސް ސްކޭމްތައް ހިންގާ. އަދި ރާއްޖެ އަންނަ ބިދޭސީ މަސައްކަތު މީހުންނާއި ޓޫރިސްޓުން މި ފަދަ ސްކޭމްތަކުގައި ޖެހޭ
ފުލުހުުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ސްކޭމްގެ 98 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަތަކުގައި:
1.4 މިލިޔަން ރުފިޔާ ވަނީ ވަގަށް ނަގާފައި
އޭގެ ތެރެއިން ހޯދުނީ 280،000 ރުފިޔާ
އެންމެ ގިނައިން ސްކޭމް ކުރަނީ ވިޔަފާރީގެ ނަމުގައި
އަދި ފިޝިން ލިންކާއި ފައިސާގެ މުއާމަލާތު ކުރުމުގެ ނަމުގައި ވެސް ސްކޭމްތައް ހިންގާ
ސްކޭމްކޮށްގެން ރިސޯޓަކުން 250،000 ޑޮލަރު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ