"ތެވެލި ކޮންފަރަންސް 2026" އަންނަ އަހަރުގެ އޮގަސްޓު މަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއިން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް އަންނަ އަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމާފައިވާކަން އެ ޔުނިވަރސިޓީން ބުނެފިއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ، އަންނަ އަހަރުގެ އޮގަސްޓު މަހުގެ 17 އިން 19ވަނަ ދުވަހަށެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ މި ކޮންފަރެންސްގެ މަޤްސަދަކީ، ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި، އެ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ އަދި ޢިލްމް ކުރިއަރުވާ ޔުނިވަރސިޓީއަކަށް ހެދުމެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި، ޤައުމީ މުހިއްމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުން ކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.
މި ކޮންފަރެންސްގެ ސެޝަންތަކުގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި، ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުުން މި ކޮންފަރެންސް އަށް އެކި ދާއިރާތަކުން ކަރުދާސް ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.  
ތެވެލި ކޮންފަރެންސް 2026 އިއުލާނު ކުރުުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސާރޗް އެންޑް އެންޓަޕްރައިޒް، ޑރ.ރަޙީމާ ޢަބްދުއްރަހީމް ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި މި ކޮންފަރެންސަށް ބޮޑު ތަރުޙީބެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކޮންފަރެންސަށް 237 ޕޭޕަރު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި 18 ޤައުމަކުން ހުށަހަޅާފައިވާ 50 ޕޭޕަރު ހިމެނެއެވެ.
އަންނަ އަހަރުގެ ކޮންފަރެންސަށް އެހެން އަހަރުތަކާ ޚިލާފަށް އެމްއެންޔޫއިން ވަނީ، ސްޓޫޑެންޓް ސިމްޕޯޒިއަމެއް ތަޢާރަފްކޮށްފައެވެ. މި ސިމްޕޯޒިއަމްގައި އަންޑަގްރެޖުއޭޓް ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެކަމަށް އެ ޔުނިވާސިޓީއިން މައުލޫމާތުދެއެވެ. އަދި މި ސިމްޕޯޒިއަމްގެ މަގުސަދަކީ ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށާއި، ދަރިވަރުންގެ ވިސްނުންތައް ވަރުގަދަކޮށް، ކެރުންތެރިކަން އިތުރުކޮށް، މައުލޫމާތު މުއްސަނދި ކުރުން ކަމަށް އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓްސް ލީލާ އަޙްމަދު ވިދާޅުވިއެވެ.
އެމްއެންޔޫއިން އެންމެ ފުރަތަމަ މި ކޮންފަރެންސް ބާއްވާފައިވަނީ، 2017 ވަނަ އަހަރުއެވެ. އެއަށްފަހު ކޮންމެ އަހަރަކުވެސް އެ ޔުނިވަރސިޓީން އަންނަނީ، މި ކޮންފަރެންސް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ