އޮފީސް ހިންގާށާއި ބޭސްކުރަން ދައުލަތުގެ އިނާޔަތް ހޯދާފައެއް ނުވާނެ: ޔާމީން

ކުރީގެ ރައީސުންނަށް އޮފީސް ހިންގުމާއި ބޭސްފަރުވާގެ ހަރަދަށް ދައުލަތުން ދޭ އިނާޔާތް މިހާތަނަށް ނަންގަވާފައި ނުވާނެ ކަމަށާއި އެ އިނާޔާތްތައް ކަނޑާލައިގެން އެމަނިކުފާނަށް ގެއްލުމެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު' މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރައްވާ ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
މާލީ އިނާޔަތް: 50،000ރ.
ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.
އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.
ސަރުކާރުން އިއްޔެ ވަނީ އެ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ދޭ 175،000ރ. އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް މަހަކު 25،000ރގެ އެލަވަންސެއް ދޭން ހަމަޖެއްސި އެވެ.
ބުނީ ކީކޭ؟ - މި ބިލުގެ ބަހުސްގައި ޔާމީނަށް އަމާޒުކުރައްވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަކަތަކަށް ރޭގެ ޕީއެންއެފް ޖަލްސާގައި ޔާމީން ރައްދު ދެއްވި އެވެ.
ޔާމީން ވިދާޅުވީ އެފަދަ ވާހަކަތަކުން "ސޯޓު ބޭލޭނީ ހަމަ އެ ބޭފުޅުން"ގެ ކަމަށާއި އެމަނިކުފާނު ވެރިކަން ނިމުނުތާ ހަތް އަހަރު ވީއިރު، މިހާތަނަށް އޮފީސް އިނާޔަތް ނަންގަވާފައިނުވާނެ ކަމަށެވެ.
"އަޅުގަނޑު ރައީސްކަމުން ވަކިވިތާ މިހާރު މިވީ ހަތް އަހަރު. ހަތް އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން އޮފީސް ހިންގާކަށް ނޯންނާނެ [ފައިސާ] ނަގާފައި. ދެން ހަމަ އެގޮތަށް ސަރުކާރު ބަޖެޓުން، ރައީސްކަން ކޮށްފައި ހުރި މީހުންނަށް އެބަހުރި ބޭސްފަރުވާގެ އިނާތް. ހަތް އަހަރު ވެގެން މިދަނީ ބޭސްފަރުވާއެއް އަޅުގަނޑު ކޮށްފައި ނޫނީ އަޅުގަނޑު އަންހެނުން ކޮށްފައި ނޯންނާނެ އާސަންދައަކަށް ނުވަތަ އެއްވެސް ފަރާތަކަށް ބިލެއް ފޮނުވާފައެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ގާނޫނުގައި ހިމަނާފައި އޮތަސް، އެއީ ހުރިހާ ރައީސުން ނަންގަވާ އެއްޗެއް ނޫން ކަމަށެވެ.
"ހަމަގައިމު ވެސް މި ރައީސެއް ނުނަގަން،" ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން އެމަނިކުފާނަށް އަމާޒުކޮށް، އެފަދަ ވާހަކަތައް ދައްކައި، ގާނޫނުތައް އިސްލާހުކުރިޔަސް، އެއިން ގެއްލުންވާނީ ޕީއެންސީގެ ފަރާތުން ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒަށް ކަން ޕީއެންސީ މެންބަރުންނަށް އެނގެންވާނެ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ އެއްޗެއް ކެނޑިޔަސް އަޅުގަނޑަށް ގެއްލުމެއް ނުވާނެ. ގެއްލުންވަންޏާ ވާނީ ފަހުން މި މީހުންގެ ރައީސް [މުއިއްޒު] ވަކިވީމާ. އެ ފަކީރަށް ގެއްލުންވާނީ. އަޅުގަނޑަކަށް މީގެން ވާނެ ގެއްލުމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - އިއްޔެ އޮތް ބަހުސްގައި ފަލާހު ވަނީ، ބައެއް ރައީސުން ވެރިކަން ކުރެއްވި އިރު ދައުލަތުގެ ހަޒާނާއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަންގަވައިގެން ބޮޑެތި ގެތައް އަޅުއްވާފައި ހުރި ކަމަށާއި، އެއީ "ނުހައްގު ފައިސާގެ އިމާރާތެއް" ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ގެކޮޅުގައި ސިޔާސީ މަސައްކަތްތައް ކުރައްވާ ނަމަ އެ ކަން ކުރައްވަނީ ދައުލަތުން ފައިސާ ލިބިގެން ކަމަށާއި އެ އިނާޔަތް ނުދިނަސް، އެ ގޭގޭގައި އޮފީސް ހިންގުމަކީ ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ބެލެވޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ފަލާހު މި ވާހަކަދެއްކެވިއިރު ވަކި ބޭފުޅެއްގެ ނަމެއް ނުގެންނަވަ އެވެ. އެކަމަކު ވިދާޅުވީ ރާއްޖޭގައި ތިއްބެވީ ކުރީގެ ފަސް ރައީސުން ކަމަށް ވުމުން ވަކި ބޭފުޅެއްގެ ނަން ނުގެނައި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން "މި ވަރަށް ދެންނެވީމާ އެނގޭނެ" ކަަމަށެވެ.
ރައީސް ކަމަށް ފަހު އަމިއްލަ ގެކޮޅު ހައްދަވާފައި ވަނީ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު އެ ފެންވަރުގެ އިމާރާތްތައް ހައްދަވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ