ދަރުމެންދްރަ މަރުވުމުން 'އަޕްނޭ 2' ނުހަދަން ނިންމައިފި
މީގެ 18 އަހަރު ކުރިން އަނިލް ޝަރުމާ ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދިން ފިލްމު "އަޕްނޭ"ގެ ދެވަނަ ފިލްމު ނުހަދަން ނިންމައިފިއެވެ. ފިލްމު "އަޕްނޭ 2"ގެ ނަމުން އުފައްދާނެކަން ކުރިން އިއުލާނުކޮށްފައިވާ މި ފިލްމުގެ ނުހަދަން ނިންމީ ފިލްމުގެ އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ކުރީގެ އެކްޓަރު ދަރުމެންދްރަ މިދިޔަ ހޯމަ ދުވަހު މަރުވުމާ ގުޅިގެންނެވެ. ޕްރައިމް ފޯކަސްއާއި ގްލެމާ އެންޓަޓެއިންމަންޓް ގުޅިގެން އުފެއްދި "އަޕްނޭ" ޑިސްޓްރިބިއުޓްކޮށްފައިވަނީ ދަރުމެންދްރަގެ އާއިލީ ކުންފުނި ވިޖޭތާ ފިލްމްސްއިންނެވެ. މި ފިލްމަކީ ދަރުމެންދްރައާއި އެކްޓަރުގެ ދެ ފިރިހެން ކުދިން ކަމަށްވާ ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްއާ އެކު ގެނެސްދިން ސްޕޯޓްސް ޑްރާމާ ފިލްމެކެވެ. ފިލްމު "އަޕްނޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އަނިލް ޝަރުމާ ބުނެފައިވަނީ ފިލްމު "އަޕްނޭ 2" އުފައްދަން ނިންމާފައިވަނީ ދަރުމެންދްރަގެ ދެ ފިރިހެން ކުދިންނާ އެކު ކާފަ ދަރިފުޅު ކަރަން ޑިއޯލް ހިމަނައިގެންނެވެ. ކަރަންއަކީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅެވެ. އަނިލް ޝަރުމާ ބުނެފައިވަނީ ދަރުމެންދްރަ ނުލާ "އަޕްނޭ"ގެ ދެވަނަ ބައި އުފައްދައިފިނަމަ ފިލްމުގެ މާނަ ވެސް އޮޅޭނެ ކަމަށާއި ދަރުމެންދްރް ނުލާ ފިލްމު އުފެއްދުމުގެ ވިސްނުމެއް ދެން ނެތް ކަމަށެވެ. ދަރުމެންދްރަ މަރުވިއިރު ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރުކޮށް ނިމިފައި އޮތް ކަމަށާއި ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުންދިޔަ ކަމަށް އަނިލް ވަނީ ބުނެފައެވެ. ނަމަވެސް، "އަޕްނޭ"ގެ ސީކުއަލްއަކީ ދެން ހަގީގަތަކަށް ނުހެދޭނެ ހުވަފެނެއް ކަމަށާއި ބޭނުމީ ވެސް އެކަން އެގޮތަށް އޮތުމަށް ކަމަށް "ގަދަރު 2"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ދަރުމެންދްރަ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހު 25ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "އިއްކީސް"އިންނެވެ. މިއީ ދަރުމެންދްރަ މަރުވުމުގެ ކުރިން މަސައްކަތްކުރި ހަމައެކަނި ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ