އަންނަ ހަފްތާގައި ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމުން ރޭވުންތެރިކަމާ އެކު، ޕްލޭނެއްގެ ދަށުން ރަނގަޅު ތައްޔާރީތަކެއް ކުރިއަށްގެންދަމުން އަންނަ ކަމަށް ޓީމުގެ މެނޭޖަރު، ހުސެއިން އަލީ ބުނެފި އެވެ.
މިއީ، 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރި ފަހުން، ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެގާރަ އަހަރަށް ފަހު، ކެރަމް ވޯލްޑް ކަޕް ރާއްޖެ އަށް ގެނެވުނުއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 2-6 އަށް މާލޭގެ ބާސެލޯސް ނަަސަންދުރާގަ އެވެ.
ގައުމީ ކެރަމް ޓީމުގެ މައުލޫމާތު ހިއްސާ ކުރުމަށާއި މުބާރާތަށް ތައްޔާރުކުރި ޕްރޮމޯޝަނަލް ލަވަ ލޯންޗްކުރުމަށް އިއްޔެ ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ މެނޭޖަރު، ހުސެއިން ބުނީ މި ފަހަރުގެ ވޯލްޑް ކަޕަށް ވެސް ގައުމީ ކެރަމް ޓީމު ނެގުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ނެޝަނަލް ސްކޮޑު ތެރޭގައި ރޭންކިންތަކެއް ކުޅެގެން ކަމަށެވެ. އަދި، އޭނާ ދެކޭގޮތުގައި، މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލް ކުރަނީ، މި ގައުމުން ނެގޭނެ އެންމެ ވަރުގަދަ ޓީމު ކަަމަށެވެ.
ކެރަމް ވޯލްޑް ކަޕަށް ރާއްޖޭގެ ޓީމު ތައްޔާރުވުމަށް ޓަކައި، މަސައްކަތް ކުރެވިގެންދަނީ 45 ދުވަހުގެ ޓައިމް ފްރޭމެއްގެ ތެރެއިންނެވެ. މިއީ، ސީދާ މުބާރާތަށް ފޯކަސްކޮށްގެން ރޭވިގެންދިޔަ ކަމެއް ކަމަށް ފާހަގަކޮށް، ޓީމުގެ މެނޭޖަރު ހުސެއިން ވަނީ އެކަމުގެ ތަފްސީލެއް ހިއްސާކޮށްފަ އެވެ.
ހުސެއިން ބުނީ، މި 45 ދުވަހުގެ ޓައިމްފްރޭމް ބެހިފައި އޮތީ ތިން ފޭސް އަކަށް ކަމަށެވެ. އަދި، ކޮންމެ ފޭސްއެއްގައި ވެސް މުހިންމު ކަމެއް ހާސިލްކުރުމުގެ ޓާގެޓެއް އެބައޮތްކަން އޭނާ ފާހަގަކުރި އެވެ.
"ފުރަތަަމަ ފޭސްގައި ޓްރެއިނިންތަކެއް ކުރިއަށްގެންގޮސްފައި، ފޭސް ޓޫގައި އަޅުގަނޑުމެން ޓޯނަމަންޓްގެ ޑްރިލްއެއް ކުރިއަށް މި ގެންދިޔައީ، އެއީ ޓޯނަމަންޓްގެ ޑްރިލް މުހިންމުވާ ސަބަބަކީ ކެރަމްގައި މި ވާގޮތަކީ ފުދޭވަރަކަށް ގިނަ ވަގުތު މި ކުދިން މުޅި ދުވަހު އެއްކޮށް ކުޅެން ތިބެން އެބަޖެހޭ. އޭގެ ތެރެއިން ހެނދުނު ނުވަޔަކުން ފެށިގެން އިރުއޮއްސެންދެން އެބަޖެހޭ ކުޅެން ތިބެން. ދެން، ޓޯނަމަންޓް މި އޮންނަނީ ފަސް ދުވަހަށް، ހަމަ ފަސް ދުވަސް ނަގައިން ޓޯމަންޓް ޑްރިލްއެއް ގޮތަށް މި ކުރިއަށްގެންދިޔައީ ފޭސް ޓޫގައި،" ހުސެއިން ކިޔައިދިނެވެ.
"ދެން މިހާރު ފޭސް ތުރީ މިދަނީ، އޭގައި އިންޑިއާއިން އިތުރު ދެ ޓްރެއިނަަރުން ގެނެސްގެން މިހާރު ކުރިއަށް މި ގެންދަނީ، ދެން، އިންޑިއާ އިން އައި ޓްރެއިނަރުންގެ ތެރޭގައި އެބަ އުޅޭ ވޯލްޑް ޗެމްޕިއަނެއް ވެސް ކުރީ އަހަރެއްގެ ދެން، މި އުޅެނީ ސްޓޭޓް ލެވަލްގެ ޗެމްޕިއަނެއް،"
އޭނާ ބުނީ، މިހާރު، ގައުމީ ޓީމަށް ތަމްރީންތައް ލިބެމުން އެ ދަނީ، ކެރަމްގެ އެންމެ މަތީ ފަންތީގައި ތަފާތު ދައްކާފައިވާ ކުޅުންތެރިންގެ ފަރާތުން ކަމަށެެވެ. އަދި، ކުޅުންތެރިން މިހާރު އެ ހޯދަނީ، މުބާރާތުގައި އެންމެ މޮޅު ކުޅުން ދައްކަން ބޭނުންވާ ކޮންފިޑެންސް ކަމަށް ހުސެއިން ވަނީ ބުނެފަ އެވެ.
"މި ބިލްޑް ކުރަމުންދަނީ މި ޓޯނަމަންޓްގައި މި ކުދިން ޕާފޯމް ކުރާނެ ކޮންފިޑެންސް، އަޅުގަނޑު ގަބޫލުކުރަނީ މިހާރު އެ ކޮންފިޑެންސް ކުޅުންތެރިންނަށް ލިބޭ ކަމަށް މި ހަމަ މިދާ ފަސް ދުވަހު ވެސް އަޅުގަނޑުމެން ކުރިއަށްގެންދާނީ އެ ކުދިންގެ ކޮންފިޑެންސް ބިލްޑް ކުރުމަށް،" ހުސެއިން ބުންޏެވެ.
މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ، ފިރިހެން ގައުމީ ސްކޮޑުގައި ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިމިނަތު ވިޝާމާގެ އިތުރުން، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.
ރަނގަޅު ރޭވުންތެރިކަމާ އެކު ރާއްޖޭގެ ކެރަމް ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވަނީ ރަނގަޅު ރޭވުންތެރިކަމާ އެކު ރާއްޖޭގެ ކެރަމް ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ