ދަރިފުޅަށް ފުރުސަތު ދިނީ ކޯޗެއްގެ ހައިސިއްޔަތުން ކަމަށް ވެން ޕާސީ ބުނެފި ދަރިފުޅަށް ފުރުސަތު ދިނީ ކޯޗެއްގެ ހައިސިއްޔަތުން ކަމަށް ވެން ޕާސީ ބުނެފި

ފެޔަނޫޑް (ނޮވެމްބަރު 28) - ޔޫރޮޕާ ލީގުގައި ރޭ ސެލްޓިކް އަތުން 3-1 އިން ފެޔަނޫޑް ބަލިވި މެޗުގައި، އެ ޓީމުގެ ކޯޗު، ރޮބިން ވެން ޕާސީ، އޭނާގެ ދަރިފުޅު ޝަކީލް ވެން ޕާސީ އަށް ކުޅެން ފުރުސަތު ދިނީ ކޯޗެއްގެ ހައިސިއްޔަތުން ނިންމި ނިންމުމެއްގެ މައްޗަށް ބުރަވެ ކަމަށް ބުނެފި އެވެ.
ވެން ޕާސީގެ ފިރިހެން ދަރިފުޅު، ޝަކީލް، 19، މީގެ ކުރިން މެންޗެސްޓާ ސިޓީގެ އެކަޑަމީގައި ކުޅުމަށް ފަހު، 2017 ވަނަ އަހަރު ފެޔަނޫޑަށް ބަދަލުވި އެވެ. އަދި، އޭނާ އަށް އެ ކްލަބުން 2022 ވަނަ އަހަރު ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދިންއިރު، ޝަކީލް އަށް ސީނިއާ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ދިނީ މިދިޔަ ހޮނިހިރު ދުވަހު ނެދަލެންޑްސްގެ ލީގުގައި ފެޔަނޫޑުން އެންއީސީ ނައިމެގެންއާ ކުޅުނު މެޗުގަ އެވެ. އޭގެ ހަތަރު ދުވަސް ފަހުން، ޝަކީލް މި ވަނީ ރޭ ޔޫރޮޕާ ލީގުގައި ސެލްޓިކާ ދެކޮޅަށް ފެޔަނޫޑުން ކުޅުނު މެޗުގެ 81 ވަނަ މިނިޓްގައި ކުޅެން ނުކުމެފަ އެވެ.
ޝަކީލްގެ ބައްޕަ، ކުރީގެ އެއް ވަނަ ފޯވާޑް، ވެން ޕާސީ ވެސް ކެރިއަރު ފެށީ ފެޔަނޫޑުންނެވެ. އަދި، އޭނާ ކޯޗަކަށް ހުރެ، ޝަކީލް އަށް ވެސް ފެޔަނޫޑުން ފުރުސަތު ދިންއިރު، އެ ކަމާ ގުުޅޭގޮތުން މީޑިއާގައި އެކި ވާހަކަ ދެކެވެ އެވެ.
"އަހަަރެން ޝަކީލް ކުޅެން އެރުވީ ކޯޗެއްގެ ނަޒަރުން ވިސްނައިގެން، އަހަރެމެން ގޯލެއް ޖަހަން ޖެހޭ ހާލަތެއްގައި ފޯވާޑެއް ކުޅެން މި އެރުވީ، ޝަކީލް އަކީ ކޮންމެ އޭންގަލަކުން ވެސް ގޯލެއް ޖެހޭނެ ކޮލިޓީ ހުރި ކުޅުންތެރިއެއް،" ކުރިން އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށް ކުުޅުނު ވެން ޕާސީ ބުންޏެވެ.
ސެލްޓިކްގެ ކުޅުންތެރިއަކު ކައިރިން ޝަކީލް ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.
"ބައްޕައެއްގެ ވިސްނުމުގައި ބަލާއިރު، ދަރިއެއް ފުރަތަމަ ފަހަރަށް ސީނިއާ ލެވަލްގެ މެޗެއް ކުޅޭތަން ފެނުމަކީ ވަރަށް ފަހުރުވެރިވާނެ ވަގުތެއް. އެކަމަކު، އަހަންނަށް އެ ހިތްހަމަޖެހުމުގެ އިހުސާސް ކުރެވޭނެ ވަގުތެއް ނުލިބޭ، އަހަރެން ހުރީ ޓީމުގެ ކޯޗުގެ މަގާމުގައި"
ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު، ގިނަ ކޯޗުން ވަނީ އެ މީހުންގެ ދަރިންނަށް ހަވާލުވެ ހުރި ޓީމުން ކުޅުމުގެ ފުރުސަތު ދީފަ އެވެ. އެ ގޮތުން، ބާސެލޯނާގައި ޖޯހަން ކްރައިފް ވަނީ ޖޯޑީ ކްރައިފަށް ފުރުސަތު ދީފަ އެވެ. ހެރީ ރެޑްނެޕް، ބޯންމައުތާ ހަވާލުވެ ހުރިއިރު، އޭނާގެ ދަރިފުޅު، ޖޭމީ ރެޑްނެޕަށް ފުރުސަތު ދިންއިރު، ޒިނެދިން ޒިދާން ވަނީ ރެއާލް މެޑްރިޑްގައި ހުރެ އޭނާގެ ދެ ދަރިން ކަމަށްވާ އެންޒޯ އާއި ލޫކަ އަށް ފުރުސަތު ދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އަލެކްސް ފާގަސަން ވަނީ އެ ޓީމުން ޑަރެން ފާގަސަން އަށް ފުރުސަތު ދީފަ އެވެ. އަދި، އެތުލެތިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ، އޭނާގެ ދަރިފުޅު ޖިއުލިއާނޯ ސިމިއޯނީ އަށް ފުރުސަތު ދިންއިރު، ޑޭނީ ބްލިންޑް ވަނީ އޭނާގެ ދަރިފުޅު ޑޭލީ ބްލިންޑަށް ފުރަތަމަ ފުރުސަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ