ލަންކާ ވިއްސާރަ: މިހާތަނަށް 47 މީހުން މަރުވެއްޖެ

ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުދައެރުމާއި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 47 އަށް އުފުލިއްޖެއެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ ގައުމުގެ މެދުތެރެއިން ރޭ އެކަނިވެސް 21 މީހުން މަރުވެފައިވާ ކަމަށެވެ. ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. "ދީތްވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މިހާރު އަންނަނީ އެގައުމުގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުންނެވެ. އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ޑީއެމްސީން ބުނެއެވެ. ލަންކާގެ ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާއިރު، ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އުސް ތަންތަނަށް ބަދަލުވުމަށް ޑީއެމްސީން ވަނީ އިންޒާރުދީފައެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެ ކަމުގެ ރެޑް ލެވެލް އިންޒާރު ނެރެފައިވާ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ. ރައްކާތެރި ނޫން ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯ ވެސް ހިމެނެއެވެ. ލަންކާގެ ނުވަރަ އެލިޔާގެ ސަރަހައްދެއްގައި ފެންބޮޑުވެފައި. ފޮޓޯ/ދަ ޔޫއެސް ސަން ލަންކާގެ މެދުތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް ހުކުރު ދުވަހު 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަންކާގެ މެޓް އޮފީހުން ލަފާކުރެއެވެ. ހައިވޭތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ. މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ ފަހަރު ފެންބޮޑުވުމުގެ ސަބަބުން 254 މީހުން މަރުވެ، ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ. މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ