އިސްރާއީލަށް ފާޑުކިޔާ ނޫސްވެރިއަކު އެމެރިކާއިން ހައްޔަރުކޮށްފި

ވޮޝިންޓަން (28 އޮކްޓޯބަރު 2025) : ފަލަސްތީނަށް ތާއީދުކޮށް ތަގްރީރުދީ ޚަބަރު ލިޔާ އަދި ޚަބަރުތައް އެނަލިސިސްކުރާ އިނގިރޭސިވިލާތުގެ ނޫސްވެރިއަކު އެމެރިކާގެ އެއާޕޯޓްއެއްގައި ހައްޔަރުކުރުމަށްފަހު އޭނާ އަނބުރައި ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ތަރުޖަމާނު ޓްރިޗިއާ މެކްލޮވިން ވިދާޅުވިގޮތުގައި ސާމީ ހަމްދީ ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތަކު އެމެރިކާގެ ސެންފްރަންސިސްކޯގެ އެއާޕޯޓަށް އައުމާއެކު އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް އިދާރާ (އައިސް) އިން އޭނާ ހައްޔަރުކޮށްފައިވާނެ ކަމުގައެވެ. ހައްޔަރުކުރީ ޓެރަރިސްޓުންނަށް ހިތްވަރު ލިބޭގޮތަށް އޭނާގެ އަމަލުތައް ހުރުމުން ކަމަށާއި އޭނާ އަނބުރައި އިނގިރޭސިވިލާތަށް ފޮނުވާލާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ތަރުޖަމާނު ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން އަރަބި ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއްކަމަށްވާ ސާމީ ހަމްދީ އަކީ އިނގިރޭސިވިލާތުގެ ނޫސްތަކުގެ އިތުރުން އެމެރިކާގެ ބައެއް ނޫސްތަކުގައިވެސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނޫސްވެރިއެވެ. އޭނާ މައިގަނޑު ގޮތެއްގައި ލިޔަނީ އިނގިރޭސިވިލާތާ އަދި އެނޫންވެސް ހުޅަނގުގެ ގައުމުތަކުގައި ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ މެއިންސްޓްރީމް މީޑިއާ ނޫން އެހެން މީޑިޔާ ތަކަށެވެ. ސާމީއަކީ ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކުގެ ޚަބަރުތައް ވަރަށް ފުޅާދާއިރާއެއްގައި ކަވަރުކުރާ ރިޕޯޓަރެކެވެ. އިސްރާއީލުގެ ޖަރީމާތަކުގެ ހަގީގަތްތައް ވަރަށް ބޮޑަށް ހާމަކުރާ ނޫސްވެރިއެކެވެ. ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކުގެ ޚަބަރުތަކަކީ ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ ހުޅަނގުގެ މީޑިއާ ތަކުން ކަވަރުކުރަން ފަސްޖެހޭ ނޫނީ ވަރަށް މަދުން ނޫނީ ކަވަރު ނުކުރާ ޚަބަރުތަކެކެވެ. މިފަދަ ޚަބަރުތައް ކަވަރުކުރާއިރުވެސް ޔަހޫދީ ޒަޔަނިސްޓުން ކޮންޓްރޯލްކުރާ ހުޅަނގުގެ މީޑިއާތަކުގައި އެ ޚަބަރުތައް ގެނެސްދެނީ އިސްރާއީލުގެ ސިޔާސަތުތަކާ އެއްގޮތަށެވެ. އެމެރިކާގައި ސާމީ ހައްޔަރުކޮށްފައި މިވަނީ އެމެރިކާގައި ޒަމާނުއްސުރެ އޮތް ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ އަދި އެކަޑެމިކް މިނިވަންކަން ވަރަށް ބޮޑަށް ގެއްލި އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިންނާއި މުޒާހަރާވެރިންނާ އަދި އެކަޑެމިކުންނާއި ކިޔަވާކުދިން ހައްޔަރުކުރަމުން ގެންދާ ދުވަސްވަރެއްގައެވެ. އެމެރިކާގެ މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ އެންމެބޮޑު ޖަމްއިއްޔާ ކަމަށްވާ "ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" (ކައިރް) އިންވަނީ އެމެރިކާއަކީ އިސްރާއީލުގެ ޖަރީމާތައް ހާމަކުރާ މިނިވަން ނޫސްވެރިންނަށް މިހާރު ވަރަށް ބިރުވެރި ގައުމެއްކަމަށް ސިފަކޮށް އެމެރިކާ ސަރުކާރުން ސާމީ ހަމްދީ ވަގަށްނެގި ކަމަށް ތުހުމަތުކޮށްފައެވެ. އިސްރާއީލުގެ ޓެރަރިޒަމަށް ތާއީދުކުރާ އެކްޓިވިސްޓް ލައުރާ ލަމްރު "ކައިރް" ބުނިގޮތުގައި ސާމީ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއްނެތިއެވެ. އެއީ ޓްރަމްޕްގެ ސަރުކާރުގެ އިސްފަޑީގައި ހަރަކާތްތެރިވާ އިސްރާއީލުގެ އެޖެންޓުންގެ ޕްރެޝަރުގައި ކުރިކަމެކެވެ. އެއީ ޒަޔަނިސްޓުންގެ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް އިދާރާ އަށް ޕްރެޝަރުކޮށްގެން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ފިނޑި އަމަލެކެވެ. ހަމްދީ އެމެރިކާއަށް ވަޑައިގެންނެވީ "ކައިރް" ޖަމްއިއްޔާއިން ހިންގާ ބައެއް ހަރަކާތްކުގައި ތަގްރީރު ކުރެއްވުމަށެވެ. މީގެތެރޭގައި ފްލޮރިޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި ތަގްރީރު ކުރުން ހިމެނެއެވެ. ހަމްދީ މިދިޔަ ހޮނިހިރު ދުވަހުވަނީ ކެލިފޯނިއާގައި ބޭއްވި ކައިރުގެ އިވެންޓެއްގައިވެސް ތަގްރީރުކުރައްވާފައެވެ. ޓްރަމްޕްގެ ސަރުކާރުގައި ނުފޫޒުގަދަ ޒަޔަނިސްޓް ފިކުރުގެ ހަރުކަށި އަންހެން އެކްޓިވިސްޓެއްކަމަށްވާ ލައުރާ ލުމްރު އާއި އެނޫންވެސް އެމެރިކާގައި އޮންނަ އިސްރާއީލުގެ ލޮބީ ގުރޫޕްތަކުގެ ހަރުކަށި އެކްޓިވިސްޓުން ވަނީ ހަމްދީ ، "ކައިރު" ގެ އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކޮށް އިސްރާއީލުގެ ޖަރީމާތައް ހާމަކުރަމުން ގެންދާތީ އެއީ ޓެރަރިޒަމަށް ހިއްވަރުދިނުންކަމަށް ސިފަކޮށް އޭނާ ހުއްޓުވުމަށް އެމެރިކާ ސަރުކާރަށް ގޮވާލާފައެވެ. ސެންފްރަންސިސްކޯގެ އެއާޕޯޓްގައި އިއްޔެ ހަމްދީ ހައްޔަރުކުރުމުން ލައުރާ ލުމްރު ވަނީ އެކަމާއުފާ ފާޅުކޮށްފައެވެ. ހަމްދީއާބެހޭގޮތުން އޭނާ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް އިދާރާ އަށް ދިން މައުލޫމާތަކީ ހަމްދީ ހައްޔަރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި މައުލޫމާތެއްކަން ލައުރާ ލުމްރު ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ